ޓެޑްރީގެ "ލަސްވިޔަސް"ގެ އަންހެން ލީޑަކީ ޝިފާ

ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެނެސްދޭ ފިލްމު "ލަސްވިޔަސް"ގެ ކާސްޓުން ފައިނަލްކޮށްފި އެވެ.

އެ ފިލްމުގެ ފިރިހެން ލީޑުން އަހުމަދު އީސާ (އާނަންދު) ފެނިގެންދާއިރު ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މަރިޔަމް ޝިފާއެވެ. ޝިފާ އަކީ ޕްރެޒެންޓަރެކެވެ.

ފިލްމުގެ ޑައިރެކްޓަރު ޓެޑްރީ ބުނީ ފިލްމުގެ އަންހެން ލީޑު ހޮވުމަށް އޮޑިޝަނެއް ބޭއްވި ކަމަށާއި ފިލްމުގެ ލީޑަށް ޝިފާ ހަމަޖެއްސީ އަށް ކުދިން އޮޑިޝަންކުރުމަށްފަހު ކަމަށެވެ. މާލެ އަދި ހުޅުމާލޭގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާއިރު ޓެޑްރީ ބުނީ ފިލްމުގެ ޝޫޓިން ފަށާނީ ކޮވިޑް19 ގެ ކަންތައް ހަމައަކަށް އެޅުމުން ކަމަށެވެ. އަދި ފިލްމު އަންނަ އަހަރު ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ލަސްވިޔަސް ގައި ޝިފާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަންގެ އެކްޓިން ވެސް ފެންނާނެ އެވެ. ޒޯޔާ މި ފިލްމުން ފެނިގެންދާނީ ހަމްރާ ގެ ރޯލުންނެވެ.

އެ ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ ޕްރޮޑިއުސް/ޑައިރެކްޓްކުރާ ފިލްމެކެވެ. "ލަސްވިޔަސް" ވާނީ ޓެޑްރީގެ ތިން ވަނަ ފިލްމަށެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.

comment ކޮމެންޓް