ރަޝިއާގެ އިދިކޮޅު ލީޑަރަށް ޒަހަރު ދިން ކަމަށް ތުހުމަތުކޮށްފި

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (އޮގަސްޓު 20): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ހާލުކޮޅު ކުއްލިއަކަށް ދެރަވެފައިވާ ކަމަށާއި އޭނާއަށް ޒަހަރު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ނަވަލްނީގެ ތަރުޖަމާނު ކިރާ ޔަރުމީޝް މިއަދު ވިދާޅުވެއްޖެ އެވެ.

ޔަރުމީޝް ވިދާޅުވި ގޮތުގައި މިއަދު ސައިބީރިއާ އިން ރަޝިއާއަށް ދިޔަ ފްލައިޓެއްގައި ނަވަލްނީ އިންދާ އޭނާ ހޭނެތުމުން، އެ ބޯޓު އެމާޖެންސީގައި ސައިބީރިއާއަށް ޖެއްސި އެވެ. އަދި ނަވަލްނީ މިހާރު އޮތީ އެގައުމުގެ ހޮސްޕިޓަލެއްގައި ކޯމާއެއްގައި ކަމަށާއި އޭނާ ވެންޓިލޭޓަރަކާ ގުޅާފައިވާ ކަމަށް ޔަރުމީޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ނަވަލްނީއަށް ޒަހަރު ދީފައި ވަނީ އޭނާގެ ސައިތަށްޓަށް އެޅި އެއްޗަކުން. އެއީ އޭނާ ހެނދުނު ބުއި ހަމައެކަނި އެއްޗަކީ،" ޔަރުމީޝް ވިދާޅުވި އެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފާޑު ކިޔާ އަދި އެގައުމުގެ އިސް އޮފިޝަލުންގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އެރުވުމަށް މަސައްކަތް ކުރައްވާ ނަވަލްނީއަށް މީގެ ކުރިން ވެސް ޒަހަރު ދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ އަހަރު ގަވާއިދާ ހިލާފަށް މުޒާހަރާ ކުރަން ގޮވާލި މައްސަލައެއްގައި ނަވަލްނީ ޖަލަށް ލާފައި ވަނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭރު ޑޮކްޓަރުން ވަނީ އޭނާ ކޮންމެވެސް އެއްޗަކަށް އެލާޖިކްވީ ކަމަށް ބުނެ، އެއް ދުވަސް ފަހުން އޭނާ އަނބުރާ ޖަލަށް ފޮނުވާލާފަ އެވެ.

ނަމަވެސް ނަވަލްނީގެ ޓީމުން ވަނީ އޭރުވެސް އޭނާއަށް ޒަހަރު ދިން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން 2017 ވަަނަ އަހަރު ނަވަލްނީގެ އޮފީސް ކައިރީގައި ބަޔަކު އޭނާގެ މޫނަށް އެންޓިސެޕްޓިކް ކުލަ ޖެހުމާ ގުޅިގެން އޭނާގެ ކަނާތު ލޮލަށް ގެއްލުން ލިބުނެވެ.

ދެހާސްއަށާރަ ވަނަ އަހަރު ނަވަލްނީ ރަޝިއާގެ ރިޔާސީ އިންތިހާބުގައި ޕޫޓިންއާ ވާދަ ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، 2013 ވަނަ އަހަރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާއެއް ސާބިތުވެފައި ވުމުން، އޭނާ އިންތިހާބުގައި ވާދަ ކުރުން އިލެކްޓޯރަލް ކޮމިޝަނުން މަނާ ކުރި އެވެ. ނަވަލްނީ ބުނި ގޮތުގައި އެއީ އޭނާގެ މައްޗަށް ކުރި ސިޔާސީ ދައުވާއެކެވެ. އަދި އެމައްސަލާގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް ކުރި ނަމަވެސް އެ ހުކުމް ވަނީ ސަަސްޕެންޑުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް