ރަސްފަންނު ކައިރިން ބޮޑުތަކުރުފާނުމަގު ހުޅުވާލައި، މާލެ ވަށައި ދުއްވޭ ގޮތް ހަދައިފި

މާލެ ވަށައި ދުއްވޭ ގޮތަށް ރަސްފަންނުގެ ވެލިމަގު އަލުން ހުޅުވާލާފައި-- ސަންފޮޓޯ/ އަހްމަދު މިޒްޔާލް

ރަސްފަންނުގެ ވެލިމަގުގެ ގޮތުގައި ތަރައްގީކުރި ބޮޑުތަކުރުފާނުމަގުގެ ބައި، ގާއެޅުމަށްފަހު އުޅަނދުފަހަރަށް ދުއްވޭ ގޮތަށް އަލުން ހުޅުވާލައިފި އެވެ.

ރަސްފަންނު ތަރައްގީ ކުރި އިރު މ. ރާވެރިގެއިން ފެށިގެން ވެސްޓްޕާކާ ހަމައަށް ބޮޑުތަކުރުފާނުމަގު އޮތީ ބަންދުކުރުމަށްފަހު ވެލި އަޅައި އުސްކޮށް، ހިނގާ މީހުންނަށް ހާއްސަ ތަނަކަށް ހަދާފައެވެ.

ސިޓީ ކައުންސިލުން ބުނީ އުޅަނދުފަހަރަށް ދުއްވޭ ގޮތަށް އެމަގު އަލުން ހުޅުވާލީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހު ފެށި މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.

"ކުރިން ރާވާފައި އޮތީ އޭޕްރީލް މަހުގެ ތެރޭގައި ވެލި މަގު ހުޅުވާލެވޭނެ ކަމަށް. ނަމަވެސް ކޮވިޑް19ގެ ސަބަބުން އެ މަސައްކަތަށް 3-4 މަހުގެ ޑިލޭއެއް ކުރިމަތިވީ." ކައުންސިލުން ބުނެ އެވެ.

މާލެ ވަށައި ދުއްވޭ ގޮތަށް ރަސްފަންނުގެ ވެލިމަގު އަލުން ހުޅުވާލާފައި-- ސަންފޮޓޯ/ އަހްމަދު މިޒްޔާލް

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކުރިން ވެސްޓްޕާކު ހުރި ސަރަހައްދު ވެސް ވަނީ ހުސްކޮށްފަ އެވެ. މި މަޝްރޫއުގެ ތެރެއިން މާލޭގައި މިނީ ބަސް ހިދުމަތް ވެސް ފަށާއިރު، ކުރިން ވެސްޓްޕާކު ހުރި ސަރަހައްދުގައި މަގާ އިންވެގެން އަޅާނީ ބަސް ސްޓޮޕެއް ކަމަށް ކައުންސިލުން ބުނެ އެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ތަރައްގީ ކުރުމަށް ރާވާފައިވަނީ މާލޭގެ އެންމެ ހުޅަނގުންނެވެ. ކައުންސިލުން ބުނީ ވެލި މަގު ހުޅުވާލުމާއެކު ޓްރެފިކަށް ބާރުބޮޑުނުވެ، ކަނބާއައިސާރަނި ހިނގުން އަދި އެމަގާއި ގުޅިފައިހުރި ގޯޅިތައް ތަރައްގީ ކުރަން އެ މަގުތައް ބަންދުކުރެވޭނެ ކަމަށެވެ.

ކަނބާއައިސާރަނި ހިނގުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަމަށް ސިޓީ ކައުންސިލުން ލަފާކުރެ އެވެ.

comment ކޮމެންޓް