ޓީއެމްއޭ އިން ނަގާފައިވާ 305 މިލިއަން ޑޮލަރުގެ ލޯނުދައްކަން ދަތިތަކެއް

ޓީއެމްއޭގެ ސީޕްލޭން ތަކެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގަތުމަށް ބެއިން ކެޕިޓަލް އިން ނަގާފައިވާ 305 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުމުގައި ދަތިތައް ކުރިމަތިވެއްޖެ ކަމަށް ރޮއިޓާސް ނޫސް އޭޖެންސީން ރިޕޯޓުކޮށްފި އެވެ.

ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު (ޓީއެމްއޭ) އަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް 2،000 އަށް ވުރެ ގިނަ ފަތުރުވެރިން އެ އެއާލައިނުގެ ސީޕްލޭންތަކުގައި އުފުލި ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓުމުން ޓީއެމްއޭގެ ބޯޓުތައް އޮތީ ގްރައުންޑުކޮށްފަ އެވެ. ބޯޑަރު ހުޅުވާލާ ފަތުރުވެރިން އަންނަން ފެށިނަމަވެސް ކުރިއާ އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު މަދެވެ.

ބެއިން ކެޕިޓަލްގެ ލޯނާ ގުޅޭ ގޮތުން ރޮއިޓާސް އިން ބުނީ ލޯނު ދެއްކުމުގައި ދަތިތައް ކުރިމަތިވީ ކުންފުންޏަށް އާމްދަނީ ލިބޭ މަގުތައް ބަންދުކުރުމުން ކަމަށެވެ.

ލޯނާ ގުޅޭ ކަންތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް މި މަހުގެ ނިޔަލަށް ފުރުސަތު ދީފަައިވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރޮއިޓާސް އިން ބުނީ ޓީއެމްއޭ އަދި ބެއިން ކެޕިޓަލުން ވެސް ކޮމެންޓެއް ދޭން ބޭނުން ނުވި ކަމަށެވެ.

ކޮވިޑާ ގުޅިގެން ދިމާވި މާލީ ދަތިތަކާއެކު ޓީއެމްއޭ އިންވެސް ވަނީ މުވައްޒަފުން މަދުކޮށް، މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކޮށްފަ އެވެ.

comment ކޮމެންޓް