ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ޕޮޒިޓިވްވެ، ވެންޓިލޭޓަރުގައި

އިސްމާއިލް ޒަކަރިއްޔާ --

ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ ކުރީގެެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ޕޮޒިޓިވްވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާއަށް ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އޭނާގެ ދަރިކަލުން އަދި އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހީމް އާޒިމް "ސަން"އަށް ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާ ދިނުމަށްފަހު، ބައްޕަގެ ހާލުބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރީ، މިމަހު 14 ވަނަ ދުވަހު ކަމަށެވެ.

"ބައްޕައަކީ ގެއިން ބޭރަށް ނުކުން މީހެއް ނޫން. ބަލި ޖެހިފައިވަނީ ގެއިން ބޭރުން އައި އެހެން މީހެއްގެ ފަރާތުން ކަމަށް ބެލެވޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ބައްޕައަކީ ބޮޑު ބައްޔަކަށް މީގެ ކުރިން ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށާއި އެ އުމުރުގައިވެސް އުޅުއްވަނީ ވަރަށް ހަކާތްތެރިކޮށް ކަމަށެވެ.

އިސްމާއިލް ޒަކަރިއްޔާ ވަނީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކޮށްފައެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ވެސް ބައްޕަ އިސްމާއިލް ޒަކައްރިއްޔާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގައެވެ.

ރޭ އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާރު ރާއްޖޭގައި ކޮވިަށް 2،413 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، 152 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައެވެ.

ޖުމްލަ މިހާތަނަށް 6،200 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުނުއިރު، 3،788 މީހަކު ވަނީ ބަލިން ރަނގަޅުވެފައިއެވެ، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ 24 އެވެ.

comment ކޮމެންޓް