އޭސީސީއަށް ކޮރަޕްޝަނެއް ނުފެނޭ! އިތުބާރެއް ނެތް!

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ އިތުބާރާ މެދު އެންމެ ފުރަތަމަ ސުވާލު އުފެއްދީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. މައްސަލަތައް ބެލުން ލަސްވާތީ އެވެ. ބޮޑެތި މައްސަލައް ބެލުމުގެ ކުރިއެރުމެއް ނުފެންނާތީ އެވެ. އިސްކަންދޭ ތަރުތީބު ސާފު ނުވެގެންވެސް އެތައް ސުވާލެއް އޭސީސީއާ ކުރިމަތި ކުރުވި އެވެ.

އެހެން އެކަން އޮއްވައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ ކުންފުންޏަށް ދިން މައްސަލަ އޭސީސީއިން ބެލުމުގައި ލަސްވާތީ އަނެއްކާވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. މިނިވަން މުއައްސަސާ ކޮމިޓީއިން ސުވާލު ކުރުމުން އޭސީސީ މެމްބަރުންގެ ޖަވާބަކަށް ވީ އޭރު ލޮކްޑައުންގައި އޮތުމުން ނަގަން ޖެހޭ ބަޔާންތައް ނުނެގެނީ ކަމަށެވެ.

އޭސީސީއަށް އެމައްސަލަ ނުނިންމިގެން އުޅެނިކޮށް ވެންޓިލޭޓަރުތައް ގަންނަން ދިނުމުގައި މަކަރާއި ހީލަތް ހަދައި އޮޅުވާލާފައިވާ ކަމަށް އޮޑިޓް އޮފީހުން މައްސަލަ ބަލައި ބޮޑު ރިޕޯޓެއް ނެރުނެވެ. ދެން އޭސީސީ މެމްބަރުންގެ އިތުބާރާމެދު ރައްޔިތުންގެ ގިނަ ބަޔަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދުވާލު އުފެއްދެވި އެވެ. އަދި ވެންޓިލޭޓަރުގެ މައްސަލާގައި އޭސީސީއިން އަމަލުކޮށްފައިވާގޮތް ބަލަން މިނިވަން މުއައްސަސާ ކޮމިޓީއަށް އެންގި އެވެ.

ސަބަބަކަށްވީ، ވެންޓިލޭޓަރު މައްސަލަ ދިރާސާކުރުމުގެ ތެރޭގައި އޭސީސީއަށް މައްސަލައެއް ފާހަގަނުވުމެވެ. އެކަމަކު 70 އެތައް ވެންޓިލޭޓަރެއް ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކުރީ އެތަކެތީގެ އަގަށްވާ 90 ޕަސެންޓް ފައިސާ 30 މިލިއަނެއްހާ ރުފިޔާ ދުރާލާ ދޫކޮށްފަ އެވެ. އެކަމަކު އޭސީސީގެ ލޮލުގައި އެކަމެއް އަޅައެއް ނުގަތެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާގޮތުން އޭސީސީގެ މެމްބަރުންނަށް އެމީހުންގެ ގާނޫނީ ވާޖިބު އަދައެއް ނުކުރެވެ އެވެ. ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ހިނގާ ދާއިރު އޭގައި ކޮރަޕްޝަން އޮތްތަން ނުފެނުމުގެ އިތުރުން ހިނގާފައިވާ ބޮޑެތި މައްސަލަތައް ނުބެލޭ ކަމަށް މެމްބަރަކު "ސަން" އަށް ވިދާޅުވި އެވެ.

"މިސާލަކަށް ބަލާ އެމްއެމްޕީއާރުސީ މައްސަލަ. މިހާތަނަށް އެ ތަހުގީގަށް މާބޮޑު ކުރިއެރުމެއް ނުހޯދޭ. އެއީ ދައުލަތުގެ ބައިތުލްމާލުން ގެއްލުނު އެތައް ބައިވަރު ފައިސާއެއް. ދެން ސަރުކާރުން ހިންގާ ކަންކަން އެބަ ހުއްޓުވާ. މައްސަލަ ބަލާތީ އެކަމަކު އެއިން މައްސަލައެއްވެސް އަވަހަކަށް ނުވެއް ނިންމާ. ލޯކުރިމަތީ ކޮރަޕްޝަން ހިންގަމުން ދާއިރު ނުބެލޭ." މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

މޭ މަހުގެ ތިން ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ބޭނުންވާ ހުރިހާ ލިޔުމެއް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އޭގެ ފަހުން އެ މައުލޫމާތު ތަކަށް ބިނާކޮށް ހުލާސާ ރިޕޯޓެއް ނެރުން ފިޔަވާ އެހެން ކަމެއް އެ ކޮމިޝަނަށް އަދި ނުވެ އެވެ. އެ ރިޕޯޓުން ވެސް ކޮރަޕްޝަނުގެ ޒައްރެއްގެ މިންވަރުވެސް ނުފެނުނެވެ. ދެން ވިދާޅުވީ އަދި ތަހުގީގު ނުނިމޭ ކަމަށެވެ. އެ ރިޕޯޓަކީ މައުލޫމާތު ހާމަ ކުރުމަށް ނެރުނު ރިޕޯޓެއް ކަމަށެވެ.

"އެ ރިޕޯޓަކީ މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫން. ރިޕޯޓު ނެރުނު އިރުވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާނެކަން މައްސަލާގައި ފާހަގަކޮށްފައި ވާނެ." ފާޑުކިޔުން ބޮޑުވުމުން އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ނަމަވެސް އުފެދޭ ސުވާލަކީ މައްސަލާގައި އޭސީސީއަށް ހުރިހާ ލިޔެކިޔުމެއް ލިބިގެން އާންމުކުރި އެ ރިޕޯޓުގައި އޮޑިޓް އޮފީހުން ފާހަގަ ކުރި މަކަރު ހެދުންތައް ހިމަނާފައި ނެތީ ކީއްވެތޯ އެވެ. އެކަން އޭސީސީއަށް ނުފެނުނީ ކީއްވެ ހެއްޔެވެ؟

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި އޮޅުވާލުންތަކާއި ވައްކަން ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ވެންޓިލޭޓަރުގެ މައްސަލަ އެކަންޏެއް ނޫނެވެ. މައްލަތައް ބެލުމުގައި އެ ކޮމިޝަނުން ލަސް ކުރުމާއި ކޮންމެހެން ބަލަން ޖެހޭ މައްސަލަތައް ނުބެލުމާއި ބޮޑެތި ހިޔާނާތްތަކުގެ މައްސަލަތައް ފަހަތަށް ޖައްސާލާފައި އޮތް އޮތުމަކީ މީގެކުރިންވެސް ގިނަ ބައެއްގެ ޝަކުވާ އޭސީސީއާ މެދު އޮތް ކަމެކެވެ. މަޖިލީހުގެ މެމްބަރުން ވަނީ އެތައް ފަހަރެއްގެ މަތިން އޭސީސީ މަޖިލީހަށް ހާޒިރުކޮށް އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

"ވަޒީފާއާ ގުޅުން ހުރި މައްސަލަތަކުގައިވެސް އެބަހުރި ދެއްތޯ 1071 ދުވަސް ވީމަ އެއީ ދެން ހާދަ ގިނަ ދުވަހެކޭ އަޅުގަނޑު މި ހިތަށް އަރަނީ. ޕްރޮކިއުމެންޓާ ގުޅުން ހުރި މައްސަލަތައްވެސް އެބަހުރި 949 ދުވަސްވެފައި ހުރި. ގޯތިގެދޮރާ ގުޅުން ހުރި މައްސަލަތައް 1531 ދުވަސް. ކުއްޔަށް ދޫކުރެވޭ ބިންތަކާ ރަށްތަކުގެ މައްސަލަތައްވެސް މިހުރީ 1794 ދުވަސް. އެހެންވީމަ އަޅުގަނޑު މި ހިތަށްއަރަނީ ތިހާ ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގައި ކޮބާތޯއޭ ތިބޭފުޅުން ރާވާފައި އޮތް ގޮތަކީ،" އޭސީސީއަށް ހުށަހަޅާފައި ހުރި މައްސަލަތައް ނުބަލާ ގިނަ ދުވަސް ވެފައި ހުރި ހުރުމާ ބެހޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް އެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.

އެކަމަކު މައްސަލަތައް ލަސްވާ ކަމަށް އޭސީސީގެ ރައީސް ގަބޫލުފުޅެއް ނުކުރައްވަ އެވެ. ވިދާޅުވީ މައްސަލަތަކުގައި ދައުވާ ކުރާ ރޭޓުވެސް ކުރިއާ ބަލާފައި އަވަސް ވާނެ ކަމަށެވެ.

"އަސްލު މިދިޔަ ދުވަސްތަކުގެ އަޅުގަނޑުމެން ޕްރިއޮރެޓައިޒްކޮށްގެން ކުރި މަސައްކަތުގެ ނަތީޖާ ހަމަ ކުރިއަށް އޮތް މަސްތެރޭގައި އަސްލު ކުރިއާ ބަލާފައި ދައުވާ ކުރެވޭ ރޭޓްވެސް އަވަސް ވާނެ މިހާރު" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ ވާހަކަތަކެއް މިހާރު ވަނީ ދައްކަން ފަށާފަ އެވެ. އިތުބާރުނެތް ކަމުގެ ވޯޓު ނަގަން މަޖިލިސް މެމްބަރުންގެ މެދުގައި ވާހަކަތަކެއް ދެކެވޭކަން ވަނީ އެނގިފަ އެވެ.

"އެބޭފުޅުން ޒިންމާ އަދާނުކުރައްވާތީ ވަކި ކުރުމުގެ ވާހަކަތަކެއް އެބަ ދެކެވޭ. އެހެންނަމަވެސް ކޮންއިރަކުކަން އަދި ސާފެއް ނުވޭ." މެމްބަރަކު ވިދާޅުވި އެވެ.

އޭސީސީ މެމްބަރުންގެ މަސައްކަތާމެދު ސުވާލުތަކެއް އުފެދި އާންމު ބައެއް ފަރާތްތަކުންވެސް މައްސަލަތައް ހުށަހަޅަމުން ދާއިރު އެއީ ޖަވާބު ދާރީ ކުރުވަން ތިބޭ ފަރާތްތަކުން ވިސްނާލަން ޖެހޭ ކަމެކެވެ. މައްސަލަތައް ބެލުމުގައި އިހުލާސްތެރި ކަމެއް ނެތް ކަމުގެ ވާހަކައާއި މައްސަލަތައް ބެލުން ލަސްކުރާ ވާހަކަ ދައްކާނަމަ ފިޔަވަޅުއަޅަން ޖެހެ އެވެ. އަދި ޖަވާބުދާރީވެސް ކުރުވަން ޖެހެ އެވެ. މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ނަމަ ވަކުިރަންވެސް ޖެހެ އެވެ. އާ އޭސީސީއަކަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދާއިރު ނަތީޖާ ނުނެރެވި ދާ ދިޔުން ގަބޫލެއް ނުކުރެވެ އެވެ. އެކަމަށް ދައްކާނޭ ބަހަނާއެއް ނޯންނާނެ އެވެ.

comment ކޮމެންޓް