މޮރިޝަސް ކައިރިން ފަރަށް އެރި ބޯޓުގެ ކެޕްޓަން ހައްޔަރުކޮށްފި

މޮރިޝަސް ކައިރިން ފަރަށް އެރި ބޯޓު ވަނީ ދެބުރިވެފަ -- ފޮޓޯ: އޭއެފްޕީ

ޕޯޓް ލުއީ (އޮގަސްޓު 19): މޮރިޝަސްގެ އައްސޭރިފަށުން ފަރަކަށް އަރާފައިވާ އެމްވީ ވަކާޝިއޯ ބޯޓުގެ ކެޕްޓަން އެގައުމުން ހައްޔަރުކޮށްފި އެވެ.

މޮރިޝަސްގެ ފުލުހުން ބުނި ގޮތުގައި ބޯޓުގެ ކެޕްޓަން ސުނިލް ކުމާރު ނަންދޭޝްވަރު ހައްޔަރު ކުރީ ބޯޓުގެ ޗީފް އޮފިސަރު ތިލަކް ރަތުނަ ސުބޮދާ އާ އެއްކޮށެވެ. އަދި އެ ދެ މީހުންގެ މައްޗަށް ވަނީ ރައްކާތެރިކަމާ އެކު ދަތުރު ކުރުމުގެ ގަވާއިދުތަކާ ހިލާފުވުމުގެ ދައުވާ ކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުން ވަނީ މިއަދު މޮރިޝަސްގެ ޑިސްޓްރިކްޓު ކޯޓަކަށް ހާޒިރުކޮށްފަ އެވެ. އަދި އަންނަ ހަފްތާގެ އަންގާރާގައި އެމީހުން އަނެއްކާ ވެސް ކޯޓަށް ހާޒިރު ކުރަން ދެން ބައިތިއްބާނީ ޖަލުގަ އެވެ.

ޖަޕާނުގެ ނަގަޝިކީ ޝިޕިން ކުންފުނީގެ އެމްވީ ވަކާޝިއޯ ބޯޓު މޮރިޝަސް ކައިރިން ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރީ މިދިޔަ މަހުގެ 25ގަ އެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ 4،000 ޓަނުގެ ތެލާ އެކު އެވެ. އެ ހާދިސާއާ ގުޅިގެން ބޯޓުގައި ތިބި 20 މީހުން ވަނީ ސަލަމާތްކޮށްފަ އެވެ.

އޭގެ ފަހުން މޫސުން ގޯސްވެ، ބޯޓަށް ގެއްލުން ލިބުމުގެ ސަބަބުން އޭގެއިން ވަނީ ގާތްގަނޑަކަށް 1،000 ޓަނުގެ ތެޔޮ ލީކުވެފަ އެވެ. ނަމަވެސް މޮރިޝަސްއިން ވަނީ ފްރާންސާއި ޖަޕާނުގެ އެހީއާ އެކު އޭގެއިން ތެޔޮ ހުސްކުރުމުގެ މަސައްކަތްކޮށްފަ އެވެ.

މޮރިޝަސް އިން ބުނި ގޮތުގައި ބޯޓު މިހާރު ދެބުރިވެފައިވާ އިރު، އޭގައި އަދިވެސް 90 ވަރަކަށް ޓަނުގެ ތެޔޮ އެބަހުއްޓެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ހުސްކުރުން ހުއްޓިފައި އޮތް ނަމަވެސް، މޫސުން ތަންދިނުމާ އެކު އެ މަސައްކަތް އަލުން ފަށާނެ އެވެ.

މޮރިޝަސް އިން ދަނީ، ސިންގަޕޫރުން ބްރެޒިލްއަށް ދަތުރު ކުރަމުންދިޔަ އެމްވީ ވަކާޝިއޯ އެގައުމުގެ ރަށަކާ އެހާ ކައިރިއަށް ދިޔަ ސަބަބު ތަހުގީގު ކުރަމުންނެވެ. އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ ބޯޓު ފަރަށް އެރި ދުވަހު އޭގައި ކުރޫއިން ޕާޓީއެއް ބޭއްވި ކަމަށް ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން، ބޯޓު މޮރިޝަސްއާ ކައިރިއަށް ދިޔައީ ވައިފައި ސިގްނަލެއް ލިބޭތޯ ބެލުމަށް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެގައުމުގެ މެރިޓައިމް އޮފިޝަލަކު ވަނީ އެވާހަކަ ދޮގުކޮށްފަ އެވެ.

މޮރިޝަސް އިން ވަނީ އެ ހާދިސާ އިން ލިބުނު ގެއްލުމުގެ ބަދަލު ބޯޓުގެ ވެރިފަރާތާއި ބޯޓު އިންޝުއާ ކުރި ބަޔެއްގެ ފަރާތުން އެދޭނެ ކަމަށް ބުނެފަ އެވެ.

ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ އެ ބޯޓުން ތެޔޮ ލީކުވުމުގެ ސަބަބުން ލިބޭނެ ގެއްލުންތަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ގްރީންޕީސް އެފްރިކާއިން ވަނީ ތެލުގެ ސަބަބުން އެތައް ހާސް ޖަނަވާރެއް ކަނޑަށް ފެތި، މޮރިޝަސްގެ އިގުތިސާދާއި ސިއްހަތާއި ކާބޯތަކެތީގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް