ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާ ކުރަނީ މި ސަރުކާރުގެ ވައްކަންތައް ފޮރުވަން ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޖިހާދާއި މުނައްވަރުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ކުރީގެެ ޑެޕިޔުޓީ މިނިސްޓަރު ހުސައިން ލިރާރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އޭސީސީ އިން ބުނީ އެ ތިން ބޭފުޅުންގެ މައްޗަށް ދައުވާ ކުރަނީ ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުގެ ހިއްސާ އެކުލެވޭ ގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމެއްގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް "ޕުޓް-ރައިޓް އޮޕްޝަން" ހިމަނާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ކަމަށެވެ.
އަދުރޭ "ސަން" އަށް ވިދާޅުވީ ޖިހާދު އަދި މުނައްވަރަކީ ވަރަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި ދެބޭފުޅުން ކަމަށާއި އެފަދަ ކަމެއް އެބޭފުޅުން ނުކުރައްވާނެ ކަމަށެވެ.
"ޖިހާދަކީ ދިވެހިރާއްޖޭގެ ފައިނޭންސް ދާއިރާގައި ވަރަށް ޒަމާން ވަންދެން މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅެއް. އެނގިވަޑައިގަންނަވާނެ ރައީސް މައުމޫންގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި. އޭރު ގަވަރުނަރުކަން ކުރެއްވި. ރައީސް ވަހީދު ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި. ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި. ދުވަހަކު ވެސް މިކަހަލަ ކަމެއްގެ މައްޗަށް ތުހުމަތުވެސް ކުރެވުނު ބޭފުޅެއް ނޫން ޖިހާދަކީ. އެއަށްވުރެ މާ ތެދުވެރިކަމާ އިހުލާސްތެރިކަމާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެއް އެއީ. ދެން ހުރީ މުނައްވަރު. އަޅުގަނޑަށް ހަމަ ވަރަށް ޔަގީން މުނައްވަރު ވެސް އެފަދަ އެއްވެސް ކަމެއް ކުރައްވާފައެއް ނޯންނާނެ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެބޭފުޅުން މަސައްކަތް ކުރައްވާފައި ވާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ގޯސްކޮށް ކަންކަން ކުރެއްވި ބޭފުޅުން ނެތް ކަމަށް ވިދާޅުނުވާ ކަމަށާއި އެގޮތަށް މަސައްކަތް ކުރެއްވި ބޭފުޅުންނާ މެދު ހުންނާނީ ފިޔަވަޅު އަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ޖިހާދު ވެސް އަދި މުނައްވަރު ވެސް އުސޫލުން ބޭރުން، ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެބޭފުޅުން ހުރިހާ ކަމެއް ވެސް ކުރައްވާފައި ވާނީ އުސޫލުގެ ތެރެއިން، ގައުމާއި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުވާ އުފުލައިގެން އެ އުޅެނީ މި ސަރުކާރުން ކުރާ ވައްކަން ފޮރުވަން ވެގެން، މި ސަރުކާރުން ކުރާ ވައްކަމުގެ އަޑު ގަދަވާން ފެށީމަ އެ ނޫން އަޑެއް، ރައްޔިތުންގެ ކަންފަތަށް އިއްވަން ވެގެން، މި މީހުން ކުރާ ވައްކަން ފޮރުވުމަށްޓަކައި ރައްޔިތުންނަށް މުޅިން އެހެން މަންޒަރެއް ދައްކަން ވެގެން ކުރަމުން ގެންދާ ކަންތައް އެއީ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މުނައްވަރު އަދި ޖިހާދު މައްޗަށް ވެސް ތުހުމަތުކުރާ އެއްވެސް ކަމެއް ސާބިތުނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއާއި، އެ ގާނޫނުގެ 13ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 512 (ހ)ގެ ދަށުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ގާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދައުވާ އެވެ.
މީގެ އިތުރުން ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.