މާފުށި ހެލްތު ސެންޓަރުގައި ދަތުގެ ފަރުވާ ދޭން ފަށައިފި

ކ. މާފުށި ހެލްތު ސެންޓަރުގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެ ސެންޓަރުގައި އަލަށް ގާއިމުކޮށްފައިވާ ޑެންޓަލް ޔުނިޓް ހުޅުވައިދެއްވައި ދަތުގެ ފަރުވާ ދިނުން އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި މިރޭ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މާފުށިގައި މިރޭ ހުޅުވި ދަތުގެ ފަރުވާދޭ ޔުނިޓަކީ، އަތޮޅުތެރޭގެ ސިއްހީ މަރުކަޒެއްގައި ހުޅުވުނު އެންމެ ފުރަތަމަ ދަތުގެ ފަރުވާ ދޭ ޔުނިޓެވެ.

މާފުށީގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށިގެން ދިއުމުން ރަށާއި ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުންނާއި، ހާއްސަކޮށް މާފުށީ ޖަލުގައި ތިބި ގައިދީންނާއި، އެހިސާބު ރަށްރަށުގެ ފަތުރުވެރިންނަށް އެ ހިދުމަތް ހޯދުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރު އިމްރާން ވަނީ ފާހަގަކުރައްވައިފައެވެ.

"މާފުށި ކައިރިން ގިނަ ރިސޯޓްތައް ތަރައްގީ ކުރަމުންދާއިރު، މާލެއަށް އައުމަށް ކުރަންޖެހޭ ހަރަދާއި ވަގުތުގެ އިތުރުން މާލޭގައި ތޮއްޖެހޭ ތޮއްޖެހުން މި ފަދަ ހިދުމަތްތައް ތައާރަފްވެގެންދިއުމުން ކުޑަވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ޔުނިޓާއިއެކު އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ 17 ތަނަކުން ދަތުގެ ފަރުވާގެ ހިދުމަތް މިހާރު ލިބިގެންދާނެ ކަމަށެވެ.

އޭގެތެރޭގައި، ހއ، ހދ، ށ، ނ، ރ، ބ، ޅ، މ، ފ، ދ، ތ، ލ، ގއ، ގދ، އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ވެސް ހިމެނެއެވެ.

އަތޮޅުތެރޭގައި ދެމުންދާ ސިއްހީ ހިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ ފަސް ހޮސްޕިޓަލް އޮޕްޓިމައިޒޭޝަންގެ ތެރެއިން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދަތާއި އަނގައިގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކެއްކަމަށްވާއިރު، މިފަދަ ހިދުމަތްތައް ފެށުމާއިއެކު ދަތުގެ ބަލިތަކުން ރައްކާތެރިވުމަށާއި، ބަލީގެ ކުރީކޮޅުގައި ބަލިޖެހިފައިވާކަން ދެނެގަނެ، ރާއްޖޭގައި އިތުރުވަމުންދާ އަނގައިގެ ކެންސަރުފަދަ ބަލިތަކުން މުޖުތަމައު ރައްކާތެރިކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް