ވަކީލު ބައްދަލުވުން ނުދޭ މައްސަލައިގައި އިމްރާނަށް ޖިނާއީ އަދި މަދަނީ ދައުވާ އުފުލޭނެ: ޖަމީލް

އޮގަސްޓް 16، 2020: ކުރީގެ ރައީސް ޔާމީންގެ ލޯޔަރުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުނުވެވޭ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް ޖިނާއީ އަދި މަދަނީ ދައުވާ އުފުލޭނެ ކަމަށް، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންއާ ސީދާ ބައްދަލުވަޑައިނުގެންނެވޭ ކަމުގެ ޝަކުވާ އެމަނިކުފާނުގެ ވަކީލުން ކުރައްވަމުން ދަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ވަކީލުންނާ ބައްދަލުކުރެއްވުމުގެ އަމުރެއް ނެރޭނެ ކަމަށް ބުނެފައެވެ. އެފަދަ އަމުރެއް ނެރުނު ކަމެއް އަދި އެނގިފައި ނުވެއެވެ.

ނަމަވެސް ކޯޓުން އެހެން ބުނެފައި ވަނިކޮށް، ކަރެކްޝަންސްއިން ވަނީ އިއްޔެ ރައީސް ޔާމީނާ ބައްދަލުކުރަން މާފުށީ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ވަކީލުންނަށް ދެއްވައިފައެވެ.

ވަކީލުން މާފުށްޓަށް ވަޑައިގެންނެވި އިރު ހުއްދަ ނުހޯދައި އެ ބޭފުޅުން ރަށަށް ވަޑައިގަންނަވާ ކަމަށް ބުނެ މާފުށީ ކައުންސިލުން އެރަށު ޕޮލިސް ސްޓޭޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެހެންކަމުން އިއްޔެވެސް ވަކީލުންނަށް، ރައީސް ޔާމީނާ ބައްދަލުވެވޭ ގޮތެއް ނުވިއެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް މިއަދު "ސަން" އަށް ވިދާޅުވީ ބަންދުގައި ހުންނަ މީހަކަށް ވަކީލުންނާ ބައްދަލުކުރުމަކީ އަސާސީ ހައްގެއް ކަމަށާއި އެ ހައްގު ހޯދުމަށް ކޯޓުން ބުނަން ނުޖެހޭ ކަމަށެވެ.

އެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް އަމުރެއް ނެރެފައި ނެތް ކަމަށެވެ.

އެހެން ނަމަވެސް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ލައްކަ މަސައްކަތް ކޮށްފައިވާ ކަމަށާއި ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެމަނިކުފާނުގެ ވަކީލުން ބޭނުން ނުވާތީ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ބައްދަލުވުން ހަމަޖެހިފައިވާ ކަމަށް ބުނެ ކަރެކްޝަންސް އިން އިއްޔެ ސިޓީއެއް ފޮނުވާފައި ވަނީ ސީދާ ޖެއްސުން ކުރުމަށް ކަމަށެވެ.

އަދި އެ ސިޓީގައި އެއްވެސް އިތުރު ހުއްދައެއް ހޯދަން ޖެހޭ ވާހަކައެއް ބުނެފައި ނުވާ ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހަކާ ހަމައަށް ވާސިލުވެވޭނެ އިންތިޒާމު ހަމަޖައްސައި، އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް ވެސް ހަމަޖައްސަން ޖެހޭނީ ދައުލަތުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އަދި މާފުށީގައި ހުއްޓަސް، ޖަލަކީ މާފުށީ ކައުންސިލާ ބެހޭ ތަނެއް ނޫން ކަމަށާއި އެއީ ދައުލަތުން މުޅިން ވަކިން ހިންގާ ތަނަކަށް ވާއިރު މާފުށީ ޖަލަށް އަރާ ފޭބުމުގައި ކޮންމެހެން އިތުރު ހުއްދަތަކެއް ހޯދަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާފުށީ ކައުންސިލަކީ ވެސް ދައުލަތުގެ ތެރޭގައި ހިމެނޭ ތަނެއް. އެޗްޕީއޭ އަކީ ވެސް. ދައުލަތުގެ މައްޗަށް އަމުރު ކުރީ، އެހެންވީމަ މި ހުރިހާ ފަރާތްތަކުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަކީ ހޯމް މިނިސްޓްރީގެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލް ވަނީ މި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އެލްޖީއޭގައި ވެސް އެންމެ އިސްވެރިއަކަށް އިންނަވަނީ މިނިސްޓަރު އިމްރާންކަން ފާހަގަކުރައްވައި، ޑރ. ޖަމީލް ވިދާޅުވީ މިއީ އިމްރާން ހަމަ ގަސްތުގައި، ރައީސް ޔާމީނަށް ޖެއްސުން ކުރެއްވުމަށް ކުޅުއްވާ ޑްރާމާއެއް ކަމަށެވެ.

އަދި އެއީ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި ސަރުކާރުގެ ނިޔަތަކީ ވަކީލަކާ ނުލައި، ރައީސް ޔާމީނަށް ހުކުމެއް ކުރުން ކަމަށް ވެސް ޖަމީލް ތުހުމަތުކުރެއްވިއެވެ.

"އިސްވެ މި ހުންނެވީ ހޯމް މިނިސްޓަރު. ހޯމް މިނިސްޓަރަކީ މި މައްސަލަތައް ރައީސް ޔާމީންގެ މައްޗަށް ވަކިން އަމާޒުކޮށް ތަހުގީގު ކުރެއްވި ފަރާތް. އެއީ ހޯމް މިނިސްޓަރުގެ ދަށުގައި ފުލުހުންގެ އިދާރާ މި ހުންނަނީ،" ޖަމީލް ވިދާޅުވިއެވެ.

އަދި ކައުންސިލާއި އެޗްޕީއޭގެ ހުއްދައިގެ ވާހަކައަކީ ވެސް ބަހަނާއެއް ކަމަށާއި، މިކަމުގެ ފަހަތުގައި ހުންނެވީ މިނިސްޓަރު އިމްރާން ކަމަށް ވެސް ޖަމީލް ތުހުމަތުކުރެއްވިއެވެ.

މިހާރު ކުރިމަތިވަމުން އަންނަ ކަންތައްތަކުގައި ގާނޫނީ ގޮތުން ޒިންމާނަގަން ޖެހޭ ހުރިހާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ނެގެން ހުރި ހުރިހާ މައްސަލަތަކެއް، ނުވަތަ އުފުލެއް ހުރި ހުރިހާ ދައުވާތަކެއް އުފުލާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހޯމް މިނިސްޓަރުގެ އިތުރުން ދައުލަތުގެ އެހެން ފަރާތްތަކެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފަރާތްތަކާ މެދު އަޅުގަނޑުމެން [ދައުވާ] އުފުލާނަން. ހާއްސަ ގޮތެއްގައި ހޯމް މިނިސްޓަރު، ހޯމް މިނިސްޓަރުގެ މައްޗަށް އުފުލޭނެ މަދަނީ އަދި ޖިނާއީ ދައުވާތަކެއް އެބަހުރި. އަޅުގަނޑުމެން އެ ދައުވާތައް މުނާސަބު ވަގުތުތަކާއެކީ އުފުލަމުންދާނެ ކަމުގެ ޔަގީންކަން ދެން،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ހައްގުތައް ހޯދައިދީ އެމަނިކުފާނާ ބައްދަލުކުރުމަށް ވަކީލުން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. އަދި މިކަމުގައި ޓަކި ޖެހޭނެ ހަމައެކަނި ދޮރަކީ ރާއްޖޭގެ ކޯޓުތައް ކަމަށާއި، އަލިމަގެއް ފެންނަން ދެން ކޯޓުތަކުގައި ޓަކިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ހައްގު ތުހުމަތެއް ނޫން ކަމަށާއި އަސްލު ތުހުމަތުކުރެވޭ ފަރާތް ބައިތިއްބާފައި، ރައީސް ޔާމީން ވަކިން "ޕިކް" ކުރައްވައިގެން، އަވަހަށް ތަހުގީގު ހިންގައި، ދައުވާ އުފުލައި ވަކީލަކާއި ނުލައި ޝަރީއަތް ވެސް ގެންގޮސް ނިންމަން އުޅޭ މަންޒަރު ފެންނަ ކަމަށެވެ.

"ދެން އެހެންވެގެން ބައްދަލުވުމަށް ވެސް ހުރަސް މި އަޅުއްވަނީ. ހަމަ ހޯމް މިނިސްޓަރު. އެއީ ތަހުގީގީ އެންމެ އިސް ފަރާތް. އަނެއްކާ ކަރެކްޝަންގެ ކަންތައްތައް ބަލަހައްޓާ ފަރާތް،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި ރާއްޖޭގެ މުޅި ގާނޫނީ ނިޒާމު ފުނޑާލަމުން އަންނަ ކަމަށާއި، ގާނޫނު އަސާސީން ލިބިދޭ ހައްގުތަކުން މީހަކު މަހްރޫމްކޮށް، ނުހައްގުން ދައުވާކޮށް، ޑިއު ޕްރޮސެސް އާ ހިލާފަށް ޝަރީއަތް ހިންގާ ނަމަ، ގާނޫނީ ގޮތުން އަރައިނުގަނެވޭ ވަރުގެ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓޭނެ ކަމަށެވެ.

އަދި ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ގާނޫނީ ނިޒާމުގެ އިތުބާރު ގެއްލިގެން ދިއުމުގެ އިތުރުން ދެން އަންނަ ސަރުކާރަކުން ވެސް މިފަދަ ބަދަލުހިފުމުގެ ރޫހެއްގައި މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މި ސަރުކާރު ބަދަލުވެގެން ދެން އަންނަ ބަޔަކު މި މަގުން ހިނގަން ދިމާކޮށްފިނަމަ ދެން ކޮބައިތޯ ހާލަތަކީ. މިގޮތަށް ކަންތައް ކުރަންޏާ އަޅުގަނޑަށް ބިރު އެބަ އޮތް ބަދަލުހިފުމުގެ ހަނގުރާމައެއް ރާއްޖޭގައި ސިޔާސީ ވާދަވެރިންގެ މެދުގައި ހަމަ ފެށިގެންދާނެ،" ޖަމީލް ވިދާޅުވިއެވެ.

comment ކޮމެންޓް