ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ސިޔާސީ ބޭފުޅުން ބޭނުންކުރާ ސިޔާސީ ކުޅިބައެއްގެ ގޮތުގައިކަމަށް ވިދާޅުވެ، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝުޖާއުއާ ގުޅޭ ގޮތުން ދެ މައްސަލައެއް ބަލައި އޭނާ މަގާމުން ވަކިކުރުމަށް ޖޭއެސްސީ އިން މަޖިލީހަށް ފޮނުވީ، މިމަހު 12 ވަނަ ދުވަހު އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެ މައްސަލަ މިހާރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރައްވައިފައެވެ.
ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައި ޝުޖާއު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާއަކީ 1996 ވަނަ އަހަރުގެ ޑިސެމްބަރު މަހު 19 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާއަށް ފަނޑިޔާރެއްގެ ގޮތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތް ކުރަމުން އަންނަ ފަނޑިޔާރެއް ކަމަށެވެ.
ޝަރުއީ ދާއިރާއިން ޑިގްރީއާއި މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ ޝުޖާއު ވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކޯޓުގެ މެޖިސްޓްރޭޓްކަމާއި، އެ އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމާއި، އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމާއި، ކުރިމިނަލް ކޯޓުގެ ގާޒީކަމާއި، ހައިކޯޓުގެ ފަނޑިޔާރުކަމާއި، އެކޯޓުގެ އުތުރު ގޮފީގެ ފަނޑިޔާރުކަމާއި އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރައްވައިފައެވެ.
"ހިތާމައަކީ ޝަރުއީ ދާއިރާގެ މިފަދަ މުހިންމު މަގާމުތަކެއްގައި ހުރެ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް މިހާ ދިގު މުއްދަތެއްގައި އަޅުގަނޑު ހިދުމަތް ކޮށްފައިވާއިރު، ޝަރުއީ ދާއިރާއިން ރިޓަޔާ ކުރުމުގެ ފުރުސަތުވެސް އަޅުގަނޑަށް ދިނުމަކާނުލާ ފަނޑިޔާރުކަމުގެ މަގާމުން މިއަދު އަޅުގަނޑު ދުރަށްދާން މިޖެހުނީ އެއްވެސް އަސާސެއް ނެތްކަމެއްގެ މައްޗަށް ބިނާކޮށް ބަދަލުހިފުމާއި ޒާތީ ހަސަދުވެރިކަމާއި ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމައްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި އަނިޔާވެރި ނިންމުމުގެ ސަބަބުންނެއެވެ." ޝުޖާއުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޝުޖާއުއާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގު ކުރި ފުރަތަމަ މައްސަލަ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެކެވެ.
ދެވަނަ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާ ނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ހޯދުމަށް ފާޅުކަންބޮޑުގޮތެއްގައި ހުވަދުއަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރި ކަމުގެ ތުހުމަތު ޝުޖާއުއަށް ކުރެވެ އެވެ.
އެ ތުހުމަތުތަކަށް ޝުޖާއު ވަނީ މިއަދުވެސް އިންކާރުކުރައްވައިފައެވެ. ޝުޖާއުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އޭނާއާ ދެކޮޅަށް ޖޭއެސްސީއަށް ޝަކުވާ ހުށަހެޅި މީހާ އެ މަޝްވަރާ ބައްދަލުވުން ބޭއްވިކަމަށް އޭނާ ބުނެފައިވަނީ އެރަށު ކުރީގެ ކައުންސިލް މެމްބަރު މުހައްމަދު ސޯލިހުގެ ގޭގައި ކަމަށެވެ.
އެހެން ނަމަވެސް އެކަން ދޮގުކޮށް މުހައްމަދު ސޯލިހު އެކަން ދޮގުކޮށް ނޫސްބަޔާނެއް ނެރެފައިވާކަން ޝުޖާއު ވަނީ ފާހަގަކުރައްވައިފައެވެ.
އޭގެ އިތުރުން، ޖޭއެސްސީއަށް މުހައްމަދު ސޯލިހު ދިން ބަޔާނުގައިވެސް އެ ގޭގައި އެފަދަ ބައްދަލުވުމެއް އެއްވެސް ފަރާތަކާއެކު ބާއްވާފައި ނުވާކަމަށް ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް ޖޭއެސްސީން އެކަމަށް އެއްވެސް ވަރަކަށް ރިޔާއަތްކުރުމެއްނެތި ހަމައެކަނި އެންމެ ފަރާތަކުން ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފުވި ކަމަށްބަލައި ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކިކުރަން ކޮމިޝަނުން ނިންމި ނިންމުމަކީ ފަނޑިޔާރުންގެ ތެރެއިން އިތުރު ބަޔަކު ފަސޭހަކަމާއެކު ވަކިކުރުމަށް ހުޅުވާލި އިތުރު ދޮރެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
"މިހެން މިދެންނެވީ، ވަކިފަރާތެއް ނޭނގޭގޮތަށް މީހަކު ބުނާ ބުނުމަކަށް އެއްވެސް އިތުރު ހެއްކެއް ހޯދުމެއްނެތި، ސިޔާސީގޮތުން ނުވަތަ ޒާތީގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި ފަނޑިޔާރަކު ވަކިކުރެވޭނެ ޕްރެސިޑެންސް އެއް ގާއިމްވުމުގެ ބިރު އޮތުމުންނެވެ." ޝުޖާއު ވިދާޅުވިއެވެ.
ހަމައެއާއެކު ގއ. ގެމަނަފުށްޓަށް އޭނާ ކުރި ދަތުރާ ގުޅިގެން ޖޭއެސްސީއަށް އޭނާ ހާޒިރުކޮށް އެޝަކުވާއާ ނުގުޅޭ އަދި ކުރިން އެ ކޮމިޝަނުން އެއްވެސް ގޮތަކަށް އަންގާފައި ނުވާ، އަދި އެއިންކަމަކާ ގުޅޭ ނޯޓިހެއްވެސް ފޮނުވާފައި ނުވާ މުޅިން ތަފާތު މައްސަލަ ތަކަކާ ގުޅޭ ސުވާލުތަކެއް ކުރި ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
އަދި އެފަދަ ސުވާލުތަކެއް ކުރުމުން އިތުރު ހައިރާންކަމެއް ލިބިގެން ދިޔަ ކަމަށާއި އެހެންކަމުން އެކަންކަމަށް އިންކާރުކޮށް ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި އެހެން ނަމަވެސް ހުށަހެޅިފައިވާ ޝަކުވާއާ ގުޅޭ ރިޕޯޓް ޖޭއެސްސީން އެކުލަވާލިއިރު އަސްލު މައްސަލައާ ނުގުޅޭ ވާހަކަ އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށާއި އެއީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި މުޅިން ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ޖޭއެސްސީގެ މެމްބަރުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކީ އާދައިގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެއީ ސިޔާސީ ފިކުރާއި ޒާތީ ހަސަދަވެރިކަމާއި އަނިޔާވެރިކަމުގެ އިތުރުން އަމިއްލަ މަސްލަހަތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމަށްވުރެ ހެޔޮ ނިޔަތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އަދާކުރަން ޖެހޭ މުހިއްމު މަސްއޫލިއްޔަތެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
އަދި އެފަދަ ބޮޑު މަސްއޫލިއްޔަތެއް ޖޭއެސްސީއަށް މަތިކޮށްފައިވާ އެންމެ ބޮޑު ސަބަބަކީ ދިވެހި ރައްޔިތުންގެ މެދުގައްޔާއި މުޅި ގައުމުގެ އަދުލު އިންސާފު ގާއިމު ކުރަންތިބޭ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ މުހިއްމު މަސްއޫލިއްޔަތު އަދާ ކުރަންޖެހޭ ބަޔަކަށް ވާތީ ކަމަށް ވެސް ޝުޖާއު ނެރުއްވި ބަޔާނުގައިވެއެވެ.
މުޅި ގައުމުގެ މަސްލަހަތާއި ހަމަޖެހުން ބިނާ ވެފައިވަނީ އަދުލު އިންސާފުގެ މައްޗަށް ކަމަށް ވީނަމަވެސް ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޒާތީ ހަސަދަވެރިކަމާއި ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެގޮތުން ފަނޑިޔާރުން ރިޓަޔާ ކުރުމުގެ އުސޫލަށް ބަދަލު ގެނަސް އެ ފުރުސަތު ހަނިކުރުމަކީ އޭގެ ފުރިހަމަ މިސާލެއް ކަމަށާއި އުމުރުދުވަހު ކުރި މަސައްކަތުން ދުރަށް ދާންޖެހޭ ހާލަތުގައި ރިޓަޔާ ކުރުމުގެ ހައްގުން މަހްރޫމު ކުރުމަކީ ކޮމިޝަނުގެ މެމްބަރުން ފަނޑިޔާރުންގެ ހައްގުތަކަށް ނުބައި ނިޔަތުގައި އަރައިގަތުމަށް ހިންގާފައިވާ ޣައިރު ޒިންމާދާރު އަމަލެއްކަމުގައި ދެކޭކަމަށް ވިދާޅުވެފައިވެއެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ސިޔާސީ ބޭފުޅުން ބޭނުންކުރާ ސިޔާސީ ކުޅިބައެއްގެ ގޮތުގައިކަމަށްވެފައި އަދި ޝަރުއީ ދާއިރާގައި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ކުރަމުންދާ ހީލަތްތެރި މަކަރުވެރި މަސައްކަތުގެ ސަބަބުން ފަނޑިޔާރުގެ އަދުލު އިންސާފުން ބޭރުވެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބާރުކަނޑުވާލައި ދައުލަތުގެ މުޅި ނިޒާމު ގަޑުބަޑު ވެގެންދާކަމީ ހިތާމަހުރި ކަމެކެވެ." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މިއަދު ދިވެހި ފަނޑިޔާރު ގޭގެ ހާލަތަކީ ހަތަރު މުއްގަނޑު ބަނދެ ގުރުބާން ކުރަން ތައްޔާރުކޮށްފައިވާ ބަކަރިއެއްގެ މިސާލު ކަމަށެވެ. އެގޮތުން ދިވެހި ފަނޑިޔާރު ގޭގެ އެއްވެސް ފަނޑިޔާރަކަށް މާދަމާ ފަނޑިޔާރުގޭގައި ހުރުމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމީ މިއަދު ފެންނާން އޮތް ހަގީގަތެއް ކަމަށެވެ.
އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ފާޅުކަންބޮޑު ގޮތެއްގައި ކޯޓުތަކަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކައި މިއަދު ބޭނުންކުރަމުންދާ ހަތިޔާރަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވަން ނިންމެވީ ހައިކޯޓަށް ހުށަހެޅެމުންދާ ވަކިވަކި މައްސަލަތަކަށާއި އަދި ހުށަހެޅިފައިވާ ވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތްކުރަމުންދާތީ އާއި ފަނޑިޔާރުންގެ ފުރިހަމަ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިފައިވާކަމުގެ އިހްސާސް ކުރެވޭތީ އާއި މިނިވަންކަމާއި، އަދުލުވެރިކަމާއި، ހަމަހަމަކަމާއެކު ވަކިފަރާތަކަށް ނުޖެހި އަދުލު އިންސާފު ގާއިމުކުރުމުގެ މާހައުލެއް ޝަރުއީ ދާއިރާގައި މި ވަގުތަށް ނެތްކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
"އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންވެސް އަޅުގަނޑަށް އިންސާފު ނުލިބޭނެކަން ގަބޫލު ކުރެވޭ ހިނދު، ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގެ 27 ވަނަ މާއްދާއާ ހަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިއަދު 17 އޯގަސްޓު 2020 ވީ ހޯމަ ދުވަހުން ފެށިގެން އަޅުގަނޑު އިސްތިއުފާދީފީމެއެވެ." ޝުޖާއުގެ ބަޔާނުގައިވެއެވެ.
ފަނޑިޔާރުކަމުން މިވަގުތަށް އިސްތިއުފާދިން ކަމުގައިވިޔަސް، ރައްޔިތުންނާއި ގާތުން އިހުލސްތެރިކަމާ ތެދުވެރިކަމާއެކު ގާނޫނީ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން، ހިދުމަތްކުރުމުގައި ދެމިހުންނާނެ ކަމަށް ވިދާޅުވިއެވެ.