ބެލަރޫސްގެ ބޯޑަރު ކައިރިއަށް ނޭޓޯއިން ސިފައިން ފޮނުވައިފި: ރައީސް ލުކަޝެންކޯ

ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ -- ފޮޓޯ: ސްކައި ނިއުސް

މިންސްކް (އޮގަސްޓު 16): ބެލަރޫސްގެ ހުޅަނގު ބޯޑަރު ކައިރިއަށް ނޭޓޯއިން ސިފައިން ޖަމާކޮށްފައިވާ ކަމަށް އެގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އިއްޔެ ވިދާޅުވެއްޖެ އެވެ.

ބެލަރޫސްގެ ވެރިރަށް މިންސްކްގައި އޮތް އެއްވުމެއްގައި ލުކަޝެންކޯއަށް ތާއިދު ކުރާ މީހުންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، އެގައުމުގެ ބޯޑަރާ 15 މިނިޓު ދުރުގައި އޮންނަ ސަރަހައްދަކަށް ނޭޓޯއިން ވަނީ ޓޭންކާއި މަތިންދާބޯޓު ޖަމާކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ބޯޑަރުތަކާ 15 މިނިޓު ދުރުން [ނޭޓޯ]ގެ މަތިންދާބޯޓުތައް އެބަ އުދުއްސާ، އެތާ އެބަތިބި ޓޭންކުތައް. އެއީ ވަކި މަގުސަދެއް ނެތި އެއް ނޫން! ނޭޓޯގެ ފައުޖުތަކުން ދަނީ އަޅުގަނޑުމެންގެ ގޭޓުތައް ކައިރީ ޓޭންކުތަކުގެ އަޑު އިއްވަމުން. [ގައުމުގެ] ހުޅަނގު ބޯޑަރު ކައިރީގައި އަސްކަރީ ބާރު ދަނީ އިތުރު ކުރަމުން،" ލުކަޝެންކޯ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި ބޭރުގެ ބަޔަކު ދަނީ ބެލަރޫސްގައި ތިބި ސަރުކާރާ އިދިކޮޅު މީހުންނަށް އޮޅުވާލާ، އެމީހުން ކޮންޓްރޯލް ކުރަމުންނެވެ. ނަމަވެސް ބެލަރޫސްގެ ރައްޔިތުން "އެގައުމު ދޫކޮށްނުލާނެ" ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެގައުމުގައި އަލުން ރިޔާސީ އިންތިހާބު ބާއްވަން އަވަށްޓެރި ލިތުއޭނިއާ އާއި ލަޓްވިއާ އާއި ޕޮލޭންޑާއި ޔޫކްރެއިން އިން ބުނި ނަމަވެސް އެގޮތަށް އަމަލު ނުކުރާނެ ކަމަށް ލުކަޝެންކޯ ވިދާޅުވި އެވެ.

އޭގެ ފަހުން، ނޭޓޯއިން ވަނީ ލުކަޝެންކޯގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އިރުމަތީ ޔޫރަޕްގައި އެ އެލަޔަންސުގެ ފައުޖުތައް އިތުރު ކުރަމުން ނުދާ ކަމަށާއި އެ އެލަޔަންސުގެ ފައުޖުތައް ހަރަކާތްތެރި ވަނީ ސުލްހަ ދެމެހެއްޓުމަށާއި ދިފާއީ މަސައްކަތަށް ކަމަށް ބުނެފަ އެވެ. ނަމަވެސް ބެލަރޫސްގެ ހާލަތު ގާތުން ބަލަމުންދާކަން ނޭޓޯއިން ފާހަގަ ކުރި އެވެ.

ބެލަރޫސްގައި މިމަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ލުކަޝެންކޯ ކަން އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ފަހުން އެގައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި ވެރިކަން ކުރައްވާތާ 26 އަހަރުވެފައިވާ ލުކަޝެންކޯ ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލަައްވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެ އިންތިހާބުގައި ލުކަޝެންކޯއާ ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާ ވަނީ ވޯޓުގެ ނަތީޖާ އިއުލާން ކުރި ފަހުން ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ. އަދި ގައުމު ދޫކުރައްވާ ވަޑައިގަންނަވަން ޖެހުނީ އޭނާގެ އާއިލާއަށް އޮތް ނުރައްކަލެއްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ.

އެ އިންތިހާބުގައި ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ބެލަރޫސްގެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ދަނީ އެތައް ހާސް މީހުން ހައްޔަރުކޮށް، ސްޓަން ގްރެނޭޑާއި ކަރުނަ ގޭސް ބޭނުން ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ބައިވެރިވި ދެ މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް