ޔާމީން މޫދަށް އެރުމަށް މާފުށީ ޖަލުގައި ޓްރެކެއް ހަދަނީ

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން: އެމަނިކުފާނަށް މާފުށީ ޖަލުގައި ފެތޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓްރެކެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ޖަލަށްލާފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މޫދަށް އެރި ފެތޭނޭ އިންތިޒާމް ހަމަޖެއްސުމަށް މާފުށީ ޖަލުގައި ޓްރެކެއް ހަދަން ފަށައިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެެ އެވެ.

އެންމެ ފަހުން އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު އިމްރާންއާ ބައްދަލުކޮށް، ރައީސް ޔާމީނަށް ފެތޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވަނީ އެދިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރޭ ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕޮރޮގްރާމްގައި ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ކ. މާފުށި ހިއްކަން ފެށުމުން ޖަލު ސަރަހައްދުގެ މޫދަށް ވަރަށް ބާރު އޮއެވަރެއް އައި ކަމަށެވެ. އެހެންވެ، އެ ހިސާބުން ފެތުމުގެ އިންތިޒާމް މެދު ކެނޑުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެތަނަށް ގޮސް ބެލިއިރު، މާފުށި ހިއްކަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މޫދަށް އެރެން އޮތް ތަނަށް ވަރަށް ބާރު އޮއިވަރެއް އައި. އެހެންވެ އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ނުކުރޭނެކަމަށް އެ ހާލަތުގައި ރައީސް ޔާމީން މޫދަށް އެރުވާކަށް. އެހެންވެ [އަޅުގަނޑު ދެންނެވިން] އެތަނުގައި ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފައި، މޫދަށް އެރޭނެ އިންތިޒާމް ހަމަ ޖައްސާނަމޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، އެ ސަރަހައްދުގައި ޓްރެކެއް ގާއިމުކުރުމަށް މަސައްކަތް ކުރިތަނާ ކޮވިޑާ ގުޅިގެން ފުރަބަންދުގެ ހާލަތެއް އައުމުން މުޅި މަސައްކަތް ހުއްޓުމަކަށް އައި ކަމަށެވެ.

"އެދުވަހުވެސް ދެންނެވިން މިކަމުން އަރައިގަތުމުން އެކަން ކޮށްދޭނެމޭ،" އިމްރާން ވިދާޅުވި އެވެ.

އިދިކޮޅުން އިމްރާންއާއެކު ބޭއްވި ބައްދަލުވުމުގައި ރައިސް ޔާމީނަށް ރާއްޖޭގެ ޓީވީ ޗެނެލްތައް ބެލޭނޭ އިންތިޒާމް ވެސް ހަަމަޖައްސައި ދިނުމަށް އެދުނެވެ.

އެކަމާ ގުޅޭ ގޮތުން އިމްރާން ވިދާޅުވީ، ދާދި ފަހުން ޖަލުގެ ކަރަންޓާއި ފްރީކުއެންސީއަށް ދިމާވި މައްސަލައެއްގައި ޓީވީ ޗެނެލް ބެލުމުގެ ހިިދުމަތް މެދުކެނޑުނު ކަމަށާއި އެހެން ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޗެނެލްތައް ބެލޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެހެން ޗެނެލްތައް ބެލޭނެ އިންތިޒާމްވެސް ހަމަޖައްސޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ރައީސް ޔާމީން ބަންދު ކުރި ދުވަހުން ފެށިގެން ޖަލުގައި ކުރިން ދެމުން އައި ހިދުމަތްތަކަށްވުރެ، ހިދުމަތް ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އެކަން އޭނާގެ ބެއްލެވުމުގެ ދަށުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން އެބަދެން [ރައީސް ޔާމީނަށް] އަސާސީ އެއްވެސް ހިދުމަތެއް އުނި ނުކުރާނެ ކަން. އަދި ކަން ކޮށްދެވެން އޮތް އެންމެ ރަނގަޅަށް ކަން ކޮށްދެވޭނެކަން. އެބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭ ކަންކުރެއްވި ގޮތަށްވުރެ މާ ބޮޑުތަނުން ރަނގަޅަށް ކަން ކުރާނެކަން، އަދި އެކަން ކުރާކަންވެސް އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" އިމްރާން ވިދާޅުވި އެވެ.

އިދިކޮޅުން ބުނާ ގޮތުން ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރުމަށް ކަރެކްޝަންސް އިން ދަނީ ހުރަސް އަޅަމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން އިމްރާން ވިދާޅުވީ، އެއީ ދޮގެއް ކަމަށާއި ވަކީލުންނާ ބައްދަލުކުރުމަށް އެއްވެސް ވަރަކަށް ހުރަސް ނާޅާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެ ޝަކުވާ ކުރި ދުވަހު، ކަރެކްޝަނުން އިސްނަގައިގެން ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތްމ ހަމަޖައްސައި ވަކީލުންގެ ޓީމަށް އެންގި ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެއަށް ޖަވާބެއް ނުދެއްވާ ގާތް ގަނޑަކަށް 15 ދުވަސް ދިޔަ. އެއަށްފަހު އެ ބޭފުޅުން ރައީސް ޔާމީނަށް މީޓިން އަކަށް އެދިވަޑައިގަތުމުން ޖަވާބު ދެވުނު، ކަރެކްޝަނުން އެ މީޓިން ހަމަޖައްސައިދޭން ހުރިހާ ކަމެއް ކުރާނެ ކަމަށް. އަދި އެ ބޭފުޅުން އެހެން ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަ އާއި އިންތިޒާމް ހަމަޖައްސެމުން މީޓިން ހަމަޖެހޭނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

ދަތުރުފަތުރުގެ އިންތިޒާމު ހަމަނުޖެހިގެން ވަކިލުންނަށް ރައީސް ޔާމީންއާ ބައްދަލު ނުކުރެވުމަކީ ހޯމް މިނިސްޓްރީން ނުވަތަ ކަރެކްޝަނުން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ލޯންޗުގެ ބުރަފަތި ހުރީ ރަނގަޅަށްތޯ ބައްލަވަން ވާނީ އެބޭފުޅުން. އަޅުގަނޑުމެން ކިހިނެއްތޯ އެކަން ކުރާނީ؟ އެހެންވީމާ އެބޭފުޅުން ޒިންމާ އަދާކުރީމައި ކަރެކްޝަންސްގެ ފަރާތަކުން، ރައީސް ޔާމީންއާ ލޯޔަރު ބައްދަލުކުރުމަށް އެއްވެސް ހުރަހެއް ނާޅާނެ،" އިމްރާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ކަމަށް ބުނެ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން އެމަނިކުފާނަށް ވަކީލުންނާ ބައްދަލުކޮށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސް އިން ހުރަސް އަޅަމުން އަންނަ ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާާވަލް ކޮށްފައިވެ އެވެ. އަދި ވަކީލުންނާ ބައްދަލުނުވެ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވަނިކޮށް، އަޑުއެހުމެއް ތާވަލް ކުރުމުން އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް ޔާމީން ޖަލަށްލީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަން ސާބިތުވެގެންނެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. މިހާރު އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުާފު މަރުހަލާގަ އެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، އެ ހުކުމަކީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކުރި ސިޔާސީ ހުކުމެކެވެ.

comment ކޮމެންޓް