ދެވަނަ ކުއާޓަރުގެ އާމްދަނީ 79.8 ޕަސެންޓް ދަށް

އެއާޕޯޓު ތަރައްގީގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ދައުލަތުގެ ޓެކްސސް އިދާރާ މީރާ އިން ބަލައިގަތް ޓެކްސް އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 79.8 ޕަސެންޓް ދަށްވެފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

މީރާ އިން އާންމުކުރި 2020 ވަނަ އަހަރުގެ ދެވަނަ ކުއާތަރުގެ ރިޕޯޓުގައި ބުނީ ޓެކްސް އާމްދަނީގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 670.86 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭ މީރާ އަށް 321.86 މިލިއަން ރުފިޔާ ލިބުނު އިރު މިއީ މިދޔަ އަހަރާ އަލާބަލާއިރު60.3 ޕަސެންޓް ދަށް އަދަދެކެވެ.

މީރާ އިން ބުނީ ޓެކްސް އާމްދަނީ ދަށްވީ ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން ގުޅިގެން ފަތުރުވެރިން އައި މިންވަރު ދަށްވުމުންނާއި ޓެކްސް ބަޔާން ހުށައެޅުމާއި ޓެކުހުގެ ފައިސާ ދެއްކުމުގެ ސުންގަޑި މީރާ އަލުން ހުޅުވުމާ ހަމައަށް އިތުރުކޮށްފައިވުމުގެ ސަބަބުން ކަމަށެވެ.

ޓެކްސް ނޫން އާމްދަނީ ދަށްވީ މީރާ އަށް ބަލައިގަންނަ އެހެނިހެން އާމްދަނީގެ ތެރޭ ހިމެނޭ ރިސޯޓުކުލީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުން ކަމަށް މީރާ އިން ބުންޏެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ އަށް އައި ހީނަރުކަމާއެކު ސަރުކާރުން ވަނީ ރިސޯޓު ކުލި ދެއްކުން ފަސްކޮށްދީފަ އެވެ.

ދެވަނަ ކުއާޓަރުގައި މީރާ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 483.4 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ ޖުމްލަ އާމްދަނީގެ 48.7 ޕަސެންޓެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާރާ އަޅާބަލާއިރު 76.4 ޕަސެންޓް ދަށް އަދަދެކެވެ.

ރިސޯޓު ކުލީގެ ގޮތުގައި މިދިޔަ ކުއާޓަރުގައި މީރާ އަށް 192.5 މިލިއަން ރުފިޔާ ލިބުނު އިރު މިއީ ޖުމްލަ އާމްދަނީގެ 19.4 ޕަސެންޓެވެ. މިއީ މިދޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 49.9 ޕަސެންޓް ދަށް އަދަދެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި 47.7 މިލިއަން ރުފިޔާ ލިބުނު އިރު މިއީ ޖުމްލަ އާމްދަނީގެ 4.8 ޕަސެންޓެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާއި އަޅަބަލާއިރު 78.1 ޕަސެންޓު މަދު އަދަދެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީގެ 4.2 ޕަސެންޓް ހިއްސާ ކުރަނީ އެޢާޕޯޓ ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 41.4 މިލިއަން ރުފިޔާ އެވެ. މިއި މިދިޔަ އަހަރާ އަޅާބަލާއިރު 77.7 ޕަސެންޓް ދަށް އަދަދެކެވެ.

ޖުމްލަ އާމްދަނީގެ 4.1 ޕަސެންޓް ހިއްސާ ކުރަނީ އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޖުމްލަ 41 މިލިއަން ރުފިޔާ އެއާޕޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އިރު މިއީ މިދިތަ އަހަރާ އަޅާބަލާއިރު 78.3 ޕަސެންޓް ދަށް އަދަދެކެވެ.

މީރަގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން 21.5 މިލިއަން ރުފިޔާ ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް