ސްޓެގަން ކޮޅަށް އަށް ގޯލު ޖެހުމަކީ ހިތާމަހުރި ކަމެއް: ނޯޔާ

ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަން --- ފޮޓޯ//ލައިވްސްކޯ

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ބާސެލޯނާ ލަދުވެތި ގޮތަކަށް ކަޓުވާލައި ބަޔާން މިއުނިކް ސެމީފައިނަލަށް ދަތުރު ކުރި އިރު، އެއް ގައުމަކަށް ކުޅޭ މާކް އެންޑާ ޓާ ސްޓެގަން ކޮޅަށް އަށް ގޯލު ވަނުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ބަޔާން ކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

މިފަހަކަށް އައިސް ޖަރުމަނުގެ އެއް ނަންބަރު ކީޕަރުގެ މަގާމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ އިރު ރެޔަކީ އެ މަގާމަށް ވާދަކުރި ދެ ކީޕަރުންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނި ގައުމީ ޓީމުގެ ޖާގަ ހޯދުމަށް ދެ ކީޕަރުންނަށް ވެސް ފެންވަރު ދެއްކުމަށް ލިބުނު ފުރުސަތެކެވެ. ނަމަވެސް ހީކުރިގޮތާ ޙިލާފަށް ނޯޔާ ކޮޅަށް އެންމެ ދެ ގޯލު ވަން އިރު އިދިކޮޅު ޓީމުގެ ސްޓެގަން ކޮޅަށް ރެކޯޑް އަށް ގޯލު ވަނީ ވަދެފަ އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި މިހާތަނަށް އެންމެ ބޮޑު ފަރަގަކުން ޓީމެއް މޮޅު ހޯދި ފަހަރަށް ވާއިރު ބާސެލޯނާ އެންމެ ފަހުން މިހާ ބޮޑު ތަފާތަކުން ބަލިވެފައިވަނީ މީގެ 74 އަހަރު ކުރިންނެވެ.

ނަމަވެސް ލަދުވެތި ބައްޔަކާ އެކު މުބާރާތުން ބާސެލޯނާ ކަޓައިގެން ދިޔުމަކީ ބަޔާން އުފާކުރާ ކަމެއް ކަމަށް ވިޔަސް ގައުމީ އެކުވެރިޔާ ސްޓެގަން ކޮޅަށް އެހާ ބައިވަރު ގޯލު ވަނުމަކީ ލިބުނު ހިތާމައެއް ކަމަށް ރޭގެ މެޗަށްފަހު ނޯޔާ ވަނީ ބުނެފަ އެވެ.

"ސްޓެގަންގެ ކިބައިން މާފަށް އެދެން ބޭނުންވޭ އެހާ ބައިވަރު ގޯލު އޭނަ ކޮޅަށް ޖެހީމަ. ހަގީގަތަކީ އެ ކާމިޔާބީ ބަޔާން މިއުނިކަށް ކިތަންމެ އުފާވެރި ވިޔަސް ގައުމީ ޓީމުގެ ވާދަވެރިޔާ ސްޓެގަންއަށް ލިބުނު ހިތާމަވެރިކަމަކީ ލިބުނު ދެރައެއް،" ނޯޔާ ބުންޏެވެ.

ރޭގެ މެޗު ފަށައިގެން ހަތަރުވަނަ މިނަޓުގައި ބަޔާނުން ބާސެލޯނާ ކޮޅަށް ގޯލު ޖަހައި ލީޑު ނެގި އިރު ކޮންމެ ހާފެއްގައި ވެސް ވަނީ ހަތަރު ގޯލު ޖަހައިފަ އެ. މެޗުގައި ބާސެލޯނާގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ހިތްވަރު އެލުވާލައިގެން ކުޅުނު މަންޒަރު ފެނުނު އިރު އެހެންޏާ އެންމެ ފޯމުގައި ކުޅޭ ކީޕަރު ސްޓެގަން ވެސް ވަނީ މެޗުގައި ގިނަ ގޯސްތަކެއް ހަދައިފަ އެވެ.

"މެޗު ބަލާލުމުން އިނގޭނެ އެންމެ މިނަޓެއް ވެސް އަހަރަމެން ބާސެލޯނާއަށް ދޫނުކޮށް ކުޅުނުކަން. އަބަދުވެސް ޓީމު ކުރިއަށް ޖައްސަމުން ދިޔައީ. އެގޮތަށް ކުޅެގެން ބައިކޮޅަށް ގޯލު އަންނާނެ ކަން އިނގޭ. އެކަމަކު ޕްލޭން ވަރަށް ރަނގަޅަށް ވޯކު ކޮށްފި،"

ރޭގެ މެޗުން ލިބުނު މޮޅާ އެކު ބަޔާން ސެމީއަށް ދަތުރު ކުރި، އެ ޓީމާ ދެކޮޅަށް އެ މެޗުގައި ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ މިރޭ މެންޗެސްޓާ ސިޓީއާ ލިޔޯން ބައްދަލު ކުރާ މެޗަށްފަހު އެވެ.

comment ކޮމެންޓް