ހޯރަފުށީ އެއާޕޯޓުގައި ތާރުއަޅަން ތައްޔާރުވެއްޖެ

އެއާޕޯޓުގައި ތާރު އެޅުމަށް ބޭނުންވާ ސަމާނު ހޯރަފުއްޓަށް ގެންގޮސްފައި -- ފޮޓޯ: ޓްވިޓާ

ހއ. ހޯރަފުށި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި ތާރު އެޅުމަށް ބޭނުންވާ ސަމާނު އެ ރަށަށް ގެންގޮސްފި އެވެ.

އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ ތާރު އެޅުމަށް ބޭނުންކުރާ ކޮމްޕެކްޓަރާއި ޑަބަލް ޑްރަމް އަދި އެހެން ސާމާނު ވަނީ އިއްޔެ އެރަށަށް ގެންގޮސްފައި ވާކަމަށެވެ.

އެއާޕޯޓުގައި ތާރު މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް އެމްޓީސީސީ އިން ލަފާކުރެ އެވެ.

ކޮވިޑް19ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް މި މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކުއެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 842،200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އަދި 1،120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން ކޮށްފައިވެ އެވެ.

comment ކޮމެންޓް