ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ބާސެލޯނާ ކޮޅަށް ރެކޯޑް އަދަދަކަށް ގޯލު ޖަހައި ބަޔާން މިއުނިކް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ރޭ ކުޅުނު ކުއާޓާފައިނަލް މެޗުން ބާސާގެ މައްޗަށް ބަޔާން ކުރިހޯދީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއޯ ބާސެލޯނާގެ ދިގު ތާރީހުގައި ވެސް އެ ޓީމު މިހާ ބޮޑު ފަރަގަކުން ޔޫރޮޕުގައި ބަލިވި ފުރަތަމަ ފަހަރެވެ. އަދި ވޭތުވެ ދިޔަ 74 އަހަރުގެ ތެރޭގައި ބާސެލޯނާ ކޮޅަށް މި އަދަދަށް ގޯލު ވަދެފައި ނުވާ އިރު ބަޔާން އަކީ މިފަހަރުގެ ސެމީގެ ޖާގަ ހޯދި ތިންވަނަ ޓީމެވެ
ހީކުރި ގޮތާ ޙިލާފަށް މުޅި މެޗު އެއްކޮށް ވެސް ޑޮމިނޭޓް ކޮށްގެން ބަޔާނުން ކުޅުނު އިރު ބާސެލޯނާ އޮތީ ހާސްކަމެއްގެ ތެރޭގަ އެވެ. މުޅި ޑިފެންސް ރޫޅި އެއްވެސް އިތުބާރެއް ނެތި ބާސެލޯނާއިން މެޗުގައި ކުޅުނު އިރު ފުރަތަމަ ހާފު އެކަނި ވެސް ބަޔާނުން ވަނީ ބާސެލޯނާ ކޮޅާށް ހަތަރު ގޯލު ޖަހައިފަ އެވެ.
އެގޮތުން ބަޔާނުން މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މެޗު ފަށައިގެން ހަތަރުވަނަ މިނަޓުގައެވެ. ތޯމަސް މުލާގެ އެގޯލާ އެކު ދެން ފަހަތަށް ދިޔަ ބޯޅަ ޑިފެންޑަރު ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ގޯލެއް ވަނީ ވަދެފަ އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވަނީ އީވާން ޕެރިސިޗްގެ ގޯލުން ބަޔާން ވަނީ ލީޑު ނަގައިފަ އެވެ.
އެއަށްފަހު ސާޖް ގްނަބްރީގެ ގޯލުން ބަޔާނުން ލީޑުފުޅާކުރިއިރު މެޗުގެ 31 ވަނަ މިނިޓްގައި ބަޔާންގެ ހަތަރު ވަނަ ގޯލު ޖެހީ މުލާ އެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ލަނޑެއް ޖަހާ ބާސާއަށް އުންމީދު އާކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓު ފަހުން އަލްފޮންސޯ ޑޯވިސް ތަނަވަސްކޮށްދިން ފުރުސަތަކުން ކިމިޗް ވަނީ އަލުން ބަޔާންގެ ލީޑު ތިން ގޯލަށް ފުޅާކޮށްފަ އެވެ.
ބަޔާންގެ ފަހު ތިން ގޯލުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ބާސެލޯނާއާ އެކު ހަދާފައިވާ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ފިލިއްޕޭ ކުޓީނިއޯ އެވެ. ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ކުޅެމުން އަންނަ ކުޓީނިއޯ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ބޮޑު ތަފާތަކުން ބާސެލޯނާ ބަލިކޮށް ބަޔާން ސެމީއަށް ދަތުރު ކުރި އިރު މީގެ ކުރިން ގަދަ ހަތަރެެއްގެ ޖާގަ ހޯދާފައިވަނީ ފްރާންސްގެ ޕީއެސްޖީއާއި، ޖަރުމަނުގެ އާރްބީ ލައިޕްޒިގް އެވެ. ސެމީގެ ފަހު ޖާގަ ޔަގީންވާނީ މިރޭ ކުއާޓާގެ ނިންމާ މެޗުގައި މެންޗެސްޓާ ސިޓީއާ ލިޔޯން ބައްދަލު ކުރާ މެޗަށްފަހު އެވެ.