ޕޮޒިޓިވްވި މީހަކާ ބައްދަލުވުމުން ނަޒްލާ ކަރަންޓީން ވެއްޖެ

ޑރ. ނަޒްލާ: އޭނާ ވަނީ މިހާރު ކަރަންޓީންވެފައި -- ފައިލް ފޮޓޯ/ އެންއޯއީސީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ކަރަންޓީން ވެއްޖެ އެވެ.

ނަޒްލާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއާ ބައްދަލުވި އާއިލާ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއާ އެކު އެޗުޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހޯމް ކަރަންޓިންގައި މިހާރު ހުރި ކަމަށް ނަޒްލާ ވިދާޅުވި އެވެ. އަދި ހާލު ވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް ކަރަންޓީންގައި ހުރި ނަމަވެސް ގޭގައި ހުރެގެން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއީއޯސީން ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ. ދެން ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މާދަމާ ރެޔެ އެވެ.

މިހާތަނަށް ރާއްޖެއިން 5،400 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 2،920 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 22 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،553 އެވެ.

comment ކޮމެންޓް