ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ"ގެ ފަސްޓްލުކް އާންމުކޮށްފި އެވެ.
އިއްލެގެ ޕްރޮޑަކްޝަން ކުންފުނި "އައިފިލްމްސް" އިން ދާދި ދެންމެއަކު އަޕްލޯޑުކޮށްފައިވާ ޓީޒަރުން ފިލްމު ކާސްޓުން ދައްކާލަ އެވެ. އެގޮތުން އަލަށް ތައާރަފުވާ ޝަރަފް އަބްދުﷲގެ އިތުރުން ލީޑް ރޯލުން ފެނިގެންދާ ނުޒުހަތު ޝުއައިބްވެސް ޓީޒާއިން ދައްކަ އެވެ.
ޓީޒާގައި ނުޒުހަތުގެ ތަފާތު ހެއާ ސްޓައިލް އެއް ދައްކާލަ އެވެ. ކޮންމެއަކަސް ޓީޒާއިން ފެނިގެންދާ މަންޒަރުތައް ވަރަށްވެސް "އިންޓެންސް"އެވެ. ބޮޑު ތަޅާލުމަކަށް ތައްޔާރުވާ މަންޒަރުވެސް ޓީޒަރުން ފެނިގެންދެ އެވެ.
ނަމަވެސް އެންމެ އަޅައިގަންނަ މަންޒަރަކީ ޓީޒާރުގެ ފަހު ވަގުތު ނުޒުހަތު ދުވެފައި ގޮސް ޖައްސާލާ ސްޓަންޓެވެ. އެ ފިލްމަށްޓަކައި ނުޒުހަތު ވަނީ ހާއްސަ ޓްރެއިނިންތަކެއްވެސް ހަދާފައެވެ.
ނީނާގެ ޝޫޓިން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ. އަދި ކާސްޓާއި ކްރޫއިންގެ ބުރަ މަސައްކަތުން ފިލްމުގެ ޝޫޓިން ވަނީ އެ މަހުގެ ތެރޭގައި ނިންމާލާފައެވެ. އެ ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި ލ. އަތޮޅު ގުޅުވާފައިވާ ރަށްތަކުގަ އެވެ.
އެ ފިލްމަށް އިންތިޒާރުކުރަންވީ ގިނަ ސަބަބުތައް އެބަހުއްޓެވެ. އެއިން އެއް ސަބަބަކީ ލީޑް ރޯލުން މުޅިން އާ ޒުވާން އެކްޓަރެއް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވުމެވެ. އެގޮތުން ފިލްމުގެ ލީޑް ރޯލަކުން ޝަރަފް އަބްދުﷲ ފެނިގެންދާނެއެވެ.
ފިލްމު ހާއްސަވާ އިތުރު ސަބަބަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނުމެވެ.
އައްޑޫގައި ދިރިއުޅެމުން އަންނަ މަރިޔަމް ރަޝީދާއަށް އިއްލެ ޓިކެޓް ދީގެން ވަނީ ލ. އަތޮޅަށް ގެންގޮސް ޝޫޓިންތަކުގައި ބައިވެރިކޮށްފަ އެވެ.
އިތުރު ކާސްޓުންގެ ތެރޭގައި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް ހިމެނެ އެވެ.
ކޮވިޑް-19ގެ ކުރީން މަސައްކަތް ކުރަމުންދިޔައީ މިއަހަރުގެ ތެރޭގައި ނީނާ އެޅުވުމަށެވެ. އަދި މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފިލްމުގެ ޓީޒާ އާންމުކުރުމަށް ތައްޔާރުވި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ސިނަމާތައް ބަންދުކޮށް ފިލްމު އިންޑަސްޓްރީ މަޑު ޖައްސާލުމުން ނީނާގެ މަސައްކަތްތައް ފަސްކޮށްލި އެވެ.