ޕޮޒިޓިވްވި 359 މީހަކު އައިސޮލޭޝަނަށް ނުގެންގޮސް އެބަތިބި

ހުޅުމާލޭގައި ތަރައްގީ ކުރި 300 އެނދުގެ ކޮވިޑް ވިލެޖު ފެސިލިޓީގެ އެނދުތަކެއް --

ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިތިބި 359 މީހަކު އައިސޮލޭޝަނަށް ނުގެންގޮސް އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީ އިން ބުނީ މީގެ ތެރޭގައި އައިސޮލޭޝަނަށް ދާން ދެކޮޅުހެދި 44 މީހަކު ހިމެނޭ ކަމަށާއި އާއިލާގެ އެހެން މީހުންގެ ނަތީޖާ ލިބެންދެން މަޑުކޮށްގެން ތިބި 24 މީހަކުވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އައިސޮލޭޝަނަށް ނުގެންގޮސް ތިބި މީހުންގެ ތެރޭގައި މާދަމާ އައިސޮލޭޝަނަށް ގެންދަން ތިބި މީހުންވެސް ހިމެނޭ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިޔުމުގައި އެންމެ އިސްކަންދެނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ. އޭގެ އިތުރުން ހަކުރު ބައްޔާއި ހިތުގެ ބަލި އަދި ކިޑްނީގެ ބަލިތައް ފަދަ ބަލިތައް ހުންނަ މީހުންނާއި، ދުވަސްވީ މީހުން ނުވަތަ ހައި ރިސްކު މީހުންނާ އެކީ ދިރިއުޅޭ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.

މިއަދު 57 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައިވާ ކަމަށާއި މިރޭ 25 މީހަކު ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް 5،494 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުންދަނީ 2،553 މީހުންނަށެވެ. އޭގެ ތެރެއިން 156 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިވަގުތު 1،476 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

comment ކޮމެންޓް