ޖިހާދު، މުނައްވަރު އަދި ލިރާރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު އަދި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެެ ޑެޕިޔުޓީ މިނިސްޓަރު ހުސައިން ލިރާރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން ބުނީ އެ ތިން ބޭފުޅުންގެ މައްޗަށް ދައުވާ ކުރަނީ ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމެއްގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް "ޕުޓް-ރައިޓް އޮޕްޝަން" ހިމަނާފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ކަމަށެވެ

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހަޅާފައިވަނީ މިއަދު އެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއާއި، އެ ގާނޫނުގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 512 (ހ) ގެ ދަށުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ގާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދައުވާއެވެ.

މީގެ އިތުރުން ގާނޫނުލް އުގޫބާތުގެ ގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށްވެސް އެދިފައިވެއެވެ.

އޭސީސީ އިން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ހަތް ރަށްކަމަށްވާ ބ.ތިލަދޫ، ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) ގެ ތެރެއިން ބ.ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ޓޫރިޒަމްއާބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކުރެވިފައިވާ ރަށްތަކެއްކަމާއި، އެ ހަތް ރަށުގެ ތެރެއިން ބ.ތިލަދޫ ކުއްޔަށް ދޫކޮށްފައިވަނީ ޓޫރިޒަމާބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ފަހުން ކަމަށެވެ.

ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށްދޫކުރުމަށް، ހަތަރެއް އޮކްޓޫބަރު 2016 ގައި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި "ޕުޓް-އޮޕްޝަން ރައިޓް" މާއްދާ ހިމަނާފައިވީ ނަމަވެސް، ޓޫރިޒަމާބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު ގެ ފަސް ވަނަ މާއްދާގެ (ކ) ގެ ދަށުން ސަރުކާރަށް ލިބެނީ ސަރުކާރާއެކު ޖޮއިންޓް ވެންޗާގައި ބައިވެރިވާ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ "ވިއްކާލުމުގެ" އިހުތިޔާރުކަމާއި، ސަރުކާރުގެ ހިއްސާ އެގްރިމެންޓްގެ އަނެއް ބައިވެރިޔާއަށް އެއްވެސް އަގަކާ ނުލައި ދިނުމުގެ ބާރާއި އިހުތިޔާރު ސަރުކާރަށް ލިބިގެން ނުވާކަމާއި، ސަރުކާރު ބައިވެރިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރު އޮތްކަމަށް ބަޔާން ކޮށްފައިވީނަމަވެސް، އެ މާއްދާއިން ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލައި ވިއްކާލުމުގެ އިހުތިޔާރު ދީފައިނުވާ ކަމަށެވެ.

މި ހަތް ރަށުގެ ތެރެއިން ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ. އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) އަކީ ޓޫރިޒަމްއާބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތުގެ ދަށުން އާންމު އިއުލާނުކޮށްގެން ރަށްތަށް ކުށްޔަށްދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓު ވެންޗާ އެގްރީމެންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓު ވެންޗާ ކުންފުނިތަކާއެކު ލީސްއެގްރީމެންޓް ހަދައިގެން ކުއްޔަށްދޫކޮށްފައިވާ ރަށްތަކެއްކަމާއި، އެރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީނަމަވެސް، ޓޫރިޒަމްއާބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތަކީ އެ ހާލަތުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗާގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުގާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް އޭސީސީ އިން ބުންޏެވެ.

އަދި ކ.އެނބޫދޫ ފިނޮޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓު ގެ 15 ވަނަ މާއްދާ އާއި ށ.ނާއިންފަރާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓު ގެ 15 ވަނަ މާއްދާ އަދި ށ.ހުރަސްފަރާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓުގެ 15 ވަނަ މާއްދާގައާއި، ރ.ފަސްމެންދޫއާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓުގެ 15 ވަނަ މާއްދާގައާއި، ކ.ކޮއްދިއްޕަރު ފަޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުގެ 11 ވަނަ މާއްދާގައި ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާ ޖޮއިންޓް ވެންޗާ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް "ޕުޓް-އޮޕްޝަން ރައިޓް" ހިމަނާފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

މި ޖޮއިންޓް ވެންޗަރ އެގްރީމެންޓުތަކުގައި "ޕުޓް-އޮޕްޝަން ރައިޓް" މާއްދާ ހިމަނާފައިވަނީ ބައެއް އިންވެސްޓަރުންނާ އެއްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން މަޝްވަރާކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާ ސިޓީތަކުން އެނގޭ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.

ޖޮއިންޓް ވެންޗާ ކުންފުނިތަކާއެކު ސޮއިކުރެވުނު ލީސް އެގްރީމެންޓުތަކުގައި ސޮއިކުރާއިރު، ލީސް އެގްރީމެންޓުގެ ޝެޑިއުލެއްގެ ގޮތުގައި ޖޮއިންޓު ވެންޗާ އެގްރީމެންޓު ހިމަނާފައިވާތީ އަދި ލީސް އެގްރީމެންޓުތަކުގެ ޕްރީއޭމްބަލް ނުވަތަ ބެކްރައުންޑް ބައިގެ (c) އަދި (d) ގައި ވެސް ޖޮއިންޓު ވެންޗާ އެގްރީމެންޓަށް ހަވާލާދީ ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި "ޕުޓް-އޮޕްޝަން ރައިޓް" މާއްދާ ހިމަނާފައިވާކަން ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

މި އެގްރިމެންޓްތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ޢަބްދުﷲ ޖިހާދު ކަމަށްވާތީ، ކުރީގެ މިނިސްޓަރު އަދި ނައިބު ރައީސް ޖިހާދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭސީސީ އިން ބުންޏެވެ.

ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރެވޭގޮތަށް ކުރީގެ މިނިސްޓަރު އަހުމަދު މުނައްވަރު ސޮއިކޮށްފައިވާތީ މުނައްވަރުގެ މައްޗަށް ދައުވާކުރުމަށްޓަކައި މި މައްސަލަ ޕީޖީ އަށް ފޮނުވާފައިވާނެ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

އަދި، ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު ވެފައިވާ ލީސްއެގްރީމެންޓާއި، ށ.ހުރަސްފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީ އާއި އަމިއްލަ ކުންފުންޏަކާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓާއި، ށ.ނާއިންފަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީ އާއި އަމިއްލަ ކުންފުންޏަކާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރު ސޮއިކޮށްފައިވާތީ، ލިރާރުގެ ގެ މައްޗަށް ދައުވާކުރުމަށްޓަކައި އެ މައްސަލަ ވެސް ޕީޖީ އަށް ފޮނުވާފައިވާނެ ކަމަށް އޭސީސީ އިން ބުންޏެވެ.

comment ކޮމެންޓް