ނަޝީދު ފައްޔާޒަށް: ޕާޓީ ތެރޭ "ބުރޯ" ހެދިގެން އުޅުނަ ނުދޭނަން

ރައީސް ނަޝީދާއި ފައްޔާޒު: ނަޝީދު ވިދާޅުވީ، ފައްޔާޒު ޕާޓީ ތެރޭގައި ބްރޯ ހެދިގެން ނުވާނެ ކަމަށް

އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން އުޅެގެން ނުވާނެ ކަމަށް ބުނެ، އެ ޕާޓީގެ ރައިސް އަދި މަޖިލީހު ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއަށް އިންޒާރެއް ދެއްވައިފި އެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ޕާޓީ ތެރެއިން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީވެސް ރައީސް ނަޝީދެވެ.

ރައީސް ނަޝީދު ފައްޔާޒަށް އިންޒާރެއް ދެއްވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕުގަ އެވެ. އެ ގުރޫޕުގެ ޗެޓްލޮގް ސްކްރީން ޝޮޓްތަކެއް "ސަން"އަށް ވަނީ ލިބިފަ އެވެ. އަދި އެ މެސެޖްތަކުގެ ސައްހަކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.

އެ ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލައިގައި ސޮއި ކުރެއްވި މަޖިލިސް މެމްބަރުންނާ ދިމާ ނުކުރުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. ހާއްސަކޮށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އާއި ޕީޖީގެ ނައިބު ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)އާ ނުބެހުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"ފައްޔާޒުގެ އިތުބާރު ނެތް 30 މެމްބަރުން [ސޮއި ކުރިކަމަށް] ބުނުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނާ ނޫން. އަޅުގަނޑުވެސް މި ނުކުތީ[އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި]،" ރައިސް ނަޝީދު ފޮނުއްވި މެސެޖްގައިވެ އެވެ.

"ފަޔާވެސް މި ޕާޓީތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުތެރޭގައި އުޅުއްވާ،"

ރައީސް ނަޝީދުގެ އެ މެސެޖާއެކު، ފައްޔާޒުވެސް ވަނީ ވަރަށް ޑިޕްލޮމެޓިކްކޮށް ޖަވާބު ދެއްވާފަ އެވެ. ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރޭ ނުތަނަވަސްކަން އުފެދޭ ކަމަކަށް ނުހެދުމަށް ވަރަށް އާދޭހާ އެކު އެދޭ ކަމަށެވެ. އަދި ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތް ކުރާތަން ފެނުމަކީ، ރާއްޖޭގެ ޑިމޮކްރަސީއަށް ޖަގާ ލިބޭކަން ހާމަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައިވާ އޮތް ގޮތަަކަށް ނިމިދާނެ. ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެ ގުރޫޕުގައި ތުހުމަތުތަކެއްވެސް ފައްޔާޒަށް ކުރައްވާފަ އެވެ. އެގޮތުން ފައްޔާޒު ބޮޑާކަން ދައްކައި، މީހުންނަށް ނުފޫޒު ފޯރުވައިގެން ކޮންޓްރެކްޓްތައް ދީގެން، ތަރައްގީއަށް އައީ ލަސްކަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެގޮތަށް އެކަންވުމަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މެދުވެރިކޮަށް ޕީޕީއެމް މެމްބަރުންނަށް ގުޅުއްވަމުން ގެންދަވާކަމުގެ ތުހުމަތުވެސް ރައީސް ނަޝީދު ފައްޔާޒަށް ކުރެއްވި އެވެ.

"ފަޔާއަށް [ފައްޔާޒަށް] އިނގޭނެ ގަތްގަނޑު. ދެން ޖެހެންޏާ ޖެހެންވީ،" ފައްޔާޒަށް ތުހުމަތު ކުރައްވާ ރައީސް ނަޝީދު ގުރޫޕަށް ފޮނުއްވި މެސެޖުގައިވެ އެވެ.

ނަމަވެސް އެ ގުރޫޕުގައި ފައްޔާޒު އެ ތުހުމަތުތައް ދޮގު ކުރެއްވި އެވެ. އަދި އެއީ ހުދު ރައީސް ނަޝީދަށް ވެސް ދޮގެއްކަން އެނގިހުންނަވައިގެން ކުރައްވާ ދޮގު އިލްޒާމެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"ރައީސް [ނަޝީދު]އަށް ވަރަށް އިހުތިރާމް ކުރަން. އެކަމަކު ތިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް، ތިހެން ވިދާޅުވުމަކީ ވަރަށް ބޭއިންސާފުވެރިކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި 25 މެމްބަރަކު ވަނީ ސޮއިކުރައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ދަނީ ފައްޔާޒުގެ ދިފާއުގައި ފާޅުގައި ވާހަކަވެސް ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވަނީ މެންބަރު ރޮޒައިނާ އާދަމް މިއަދު ކުރެއްވި ޓްވީޓްތަކަކަށް ވެސް އެމްޑީޕީ ގައުމީ މަޖިލީހުގެ ގުރޫޕުގައި ހޫނު ރައްދެއް ދެއްވައިފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ރޮޒޭގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެކަން ކަށަވަރު" ކަމަށެވެ. އަދި އެމަނިކުފާނަކީ ކުޑަކުއްޖެއް ނޫން ކަން ދަންނަން ވާނެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ޕާޓީ ތެރޭ "ވަކި ޕަވާބޭސް" އާއި "ނެޓްވޯކް" ހަދައިގެން އުޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އެމްޑީޕީ އެއްކައިރިއެއް ނުކުރެވޭނެ،" ރޮޒޭނާއަށް ނިސްބަތް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނަޝީދު ކުރައްވާ މަސައްކަތަށް ރައްދު ކުރައްވާ ރޮޒޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމެއްގައި ދެ ރައީސުންނަކަށް ނުތިއްބެވޭނެ ކަމަށާއި އެކަމަނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ސަރުކާރެއް އޮއްވާ މަޖިލީހުގައި އެމްޑީޕީއިން އިދިކޮޅު ޕާޓީއަކަށް ހެދިގެން އުޅުނު ބަލައިނުގަނެވޭ ކަމަށާއި އެއީ ބޮޑުވަރު ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި 33 މެމްބަރުން ސޮއި ހަމަވުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ އެވެ. އެމްޑިޕީ ޕިޖީ ގުރޫޕުގައި ތްރީލައިން ވިޕެއް ނެރެވޭނީ އެ އަދަަދަށް މެމްބަރުންގެ ތާއީދު ލިބިގެންނެވެ.

https://sun.mv/141474

މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަސައްކަތް ކުރާ ފުރަތަމަ ފަަހަރެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އުޅޭނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެ އެވެ.

ފައްޔާޒު އިއްޔެ "ސަން"އަށް ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަނީ ކޮން ސަބަބަކާ ހެދި ކަމެއް ވިސްނިވަޑައި ނުގަންނަވާ ކަމަށާއި ހުންނެވީ ސާބިތު ކަމާއެކު ކަމަށެވެެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

comment ކޮމެންޓް