މެޑްޓެކްގެ ހުރިހާ ވެންޓިލޭޓަރެއް ގެނެސްފި

މެޑްޓެކް އިން ގެނެސްފައިވާ ވެންޓިލޭޓަރު ތަކެއް --

މެޑްޓެކް މޯލްޑިވްސް އާ ހަވާލުކޮށްގެން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ހުރިހާ ވެންޓިލޭޓަރުތަކެއް ގެނެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މެޑްޓެކް އަށް ހަވާލުކޮށްފައި ވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން ފުރަތަމަ 18 ވެންޓިލޭޓަރު ގެނެސްފައި ވަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ.

އެކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު އިތުރު 14 ވެންޓިލޭޓަރު ގެނެސްފައިވާ ކަމަށާއި، މިއާއެކު އެކުންފުންޏާ ހަވާލުކުރި 50 ވެންޓިލޭޓަރު ރާއްޖެ ގެނެސް ނިމިފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ ނާޒުކު ދަނޑިވަޅެއްގައި ގައުމަށް އެހީތެރިކަން ފޯރުކޮށްދެވޭތީ ފަހުރުވެރިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މެޑްޓެކުން މީގެކުރިން ބުނެފައި ވަނީ، އެ ކުންފުނިން ގެންނަ ވެންޓިލޭޓަރުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ޖީއީ ހެލްތު ކެއާ އާއި ސްވިޓްޒަލޭންޑްގެ އައިއެމްޓީ މެޑިކަލް އިން އުފައްދާފައިވާ ވެންޓިލޭޓަރު ކަމަށެވެ. އެއީ އެމެރިކާގެ އެފްޑީއޭ އެޕްރޫވްޑް އަދި މެޑިކަލް އިއުއިޕްމަންޓް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުންޏެވެ.

މެޑްޓެކް އިން ގެނައި 52 ވެންޓިލޭޓަރުގެ ތެރެއިން ދެ ވެންޓިލޭޓަރު ޑެލިވާ ކުރާނީ ރާއްޖޭގައި ހުންނަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އޮފީހަށެވެ.

މެޑްޓެކުގެ އިތުރުން 20 ވެންޓިލޭޓަރު ގެންނައުމަށް ނާޑް މޯލްޑިވްސް އާ ހަވާލު ކުރި އެވެ. އަދި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަށް 75 ވެންޓިލޭތަރު ގެންނަން ހަވާލުކޮށްފައި ވެއެވެ. ނަމަވެސް މިހާތަނަށް ނާޑުން އެއްވެސް ވެންޓިލޭޓަރެއް ގެނެސްފައެއް ނުވެ އެވެ. އަދި ދުބާއީ ކުންފުންޏަށް ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު ގެނައި ނަމަވެސް، ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ވެންޓިލޭޓަރުތައް މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް ވެއެވެ.

comment ކޮމެންޓް