އިނގިރޭސިވިލާތުގެ ކޮންފެޑަރޭޝަން އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް (ސީޓީއެޗް) ޕްރޮގްރާމްތައް ކްލިކް ކޮލެޖުގައި ކިޔަވާދޭން ފަށަން ތައްޔާރުވެއްޖެއެވެ.
ސީޓީއެޗް އަކީ 1982 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލިޓީ އަދި ޓުއަރިޒަމް ގެ ދާއިރާގެ ގޯލްޑް ސްޓޭންޑާޑް ކޯސްތައް ހިންގާ ތަނެކެވެ.
ކްލިކް ކޮލެޖުގައި މައިގަނޑުގޮތެއްގައި ހިންގާނީ ހޮސްޕިޓަލިޓީ ޕާތްވޭގެ ކޯސްތއް ކަމަށް އެ ކޮލެޖުން ބުންޏެވެ.
ސީޓީއެޗް އަކީ ޓުއަރިޒަމް ދާއިރާގެ އިންޓަނޭޝަނަލް ހޮޓެލް ޗެއިންތަކާއި އެއާލައިން ތަކާ ގުޅިގެން މަސައްކަތް ކުރާބަޔަކަށް ވާއިރު ޕްރީމިއާ އިން، ރިނެއިސަންސް ހޮޓެލްސް އެންޑް ރިސޯރޓްސް، ހިލްޓަން ސިންގަޕޯ، ޕާކް ހަޔަޓް، ރިޒް ކާލްޓަން، ޝެރަޓަން ހޮޓެލްސް އެންޑް ރިސޯޓްސް، ސްޓާ އެލައަންސް އަދި ގޯޑަން ރަމްސޭ ހޯލްޑިންގްސް އާއެކު ސީޓީއެޗް އިން މަސައްކަތް ކުރެއެވެ.
ދާދިފަހުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ހެދި ދިރާސާ އަކުން ދައްކާ ގޮތުން ރާއްޖޭގެ 21 ޕަސެންޓް ދަރިވަރުން ބޭނުންވަނީ ފަތުރުވެރިކަމުގެ ދާއިރާއިން މަތީތަޢުލީމް ހާސިލް ކުރުމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަކީ ދިވެހިރާއްޖޭގެ އިގްތިސާދު އާރާސްތު ކުރުމުގައި ނުހަނުމުހިންމު ކަމެއް ކަމަށާއި އެއީ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ އިންޑަސްޓްރީއަށް ވުމުގެ އިތުރުން އެންމެ ގިނަ ވަޒީފާ ފުރުސަތުވެސް އޮތީ ފަތުރުވެތިކަމުގެ ދާއިރާ ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނީ އިނގިރޭސިވިލާތުގެ ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީ ޕްރޮގްރާމެއް ރާއްޖޭގައި ފެށުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ސީޓީއެޗް ކޯސްތަކުގެ ތެރޭގައި ރާއްޖޭގެ ޓުއަރިސްޓް ރިސޯޓް ދާއިރާތަކުގައި ކުރާ މަސައްކަތްތަކާ ގުޅުން ހުރި ކޯސްތައް ހިމެނޭނެ ކަމަށައި އޭގެ ތެރޭގައި މީހުން ބިނާ ކުރުން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓް، ފްރަންޓް އޮފީސް، ފުޑް އެންޑް ބެވަރޭޖް ސުޕަވައިޒް ކުރުމާއި މެނޭޖް ކުރުން، ހޮސްޕިޓަލިޓީ އޮޕަރޭޝަންސް، ރޫމްސް ޑިވިޝަން ސުޕަވައިޒް ކުރުމާއި މެނޭޖް ކުރުން ހިމެނޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ޓުއަރިސްޓް ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރަމުންވެސް މިކޯހުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މާލޭ ކެމްޕަހުގައި ފޭސް ޓު ފޭސް ކޮށްވެސް ކިޔެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
މީގެ އިތުރުން ކޯސްފީގެ އެއްބައި ގަވަންމަންޓް ފްރީ ޑިގްރީ ސްކީމް ގެ ދަށުން ކަވަރު ކުރެވޭނެ ކަމަސްވެސް ކްލިކް ކޮލެޖުން ބުންޏެވެ.
ސީޓީއެޗް ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ޓޫރިސްޓް ރިސޯޓް އަދި ހޮޓެލްތަކުގައި އިންޓާންޝިޕަށް ދިޔުމުގެ ފުރުސަތުވެސް ވަނީ ހަމަޖެހިފައި އޮންނާނެ ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ. އެ ކޮލެޖުން ބުނީ އިންޓާންޝިޕް ފުރުސަތު މިވަގުތު ހަމަޖެހިފައިވަނީ ރާއްޖޭގެ ޓުއަރިސްޓް ރިސޯޓް އަދި ހޮޓެލް ތަކުގައި ނަމަވެސް ވަރަށް އަވަހަށް ރާއްޖޭން ބޭރުގެ ޓުއަރިސްޓް ހޮޓެލްތަކުގައިވެސް އިންޓާރންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ކްލިކް ކޮލެޖުން ފަށާ ސީ.ޓީ.އެޗް ކޯސްތަކަކީ:
- ސީ.ޓީ.އެޗް ފައުންޑޭޝަން ޑިޕްލޮމާ އިން ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީ
- ސީ.ޓީ.އެޗް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމެންޓް
- ސީ.ޓީ.އެޗް އެޑްވާންސްޑް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމެންޓް
- ސީ.ޓީ.އެޗް ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީ މެނޭޖްމެންޓް
މިހުރިހާ ކޯސްތަކަކީ މޯލްޑިވްސް ކޮލިކިފޭކަޝަން އޮތޯރިޓީ އިން ގަބޫލު ކުރާ ކޯސްތަކެއް ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ.
މި ކޯސްތަކުގައި އޯލެވެލް ނިންމުމަށް ފަހު ކިޔަވަން ފެށިދާނެ ކަމަށައި އޯ ލެވެލް ތިން ފާހާއެކު ފުރަތަމަ ލެވެލް ސީޓީއެޗް ފައުންޑޭޝަން ޑިޕްލޮމާ އިން ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީ އަށް ވަދެވޭނެ ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ. އަދި އޯ ލެވެލް ފާސް ނެތް ދަރިވަރުން 18 އަހަރު ވުމާއެކު އެއް އަހަރުގެ ވޯކް އެކްސް ޕީރިއަންސާއެކު ބައިވެރިވެވި ދާނެ ކަމަށައި މަސައްކަތުގެ ތަޖުރިބާ ޓުއަރިޒަމް ދާއިރާ ނޫން ކަމުގައި ވިޔަސް ބަލައިގަންނާނެ ކަމަށް ބުންޏެވެ.
ސީޓީއެޗް ފައުންޑޭޝަން ޑިޕްލޮމާ އަކީ އެއް އަހަރު ދުވަހުގެ ކޯހެއް ކަމަށާއި އެއަށް ފަހު ޑިގްރީގެ ފުރަތަމަ އަހަރުގެ ގޮތުގައި ބެލެވޭ ސީޓީއެޗް ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމެންޓް ގައި ބައިވެރިވެވިދާނެ ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ. ސީޓީއެޗް އެޑްވާންސް ޑިޕްލޮމާ އަދި ޕްރޮފެޝަނަލް ޑިޕްލޮމާ އަކީ ޑިގްރީގެ ދެވަނަ އަހަރާއި ތިން ވަނަ އަހަރު ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
ކްލިކް ކޮލެޖުން ބުނީ ސީޓީއެޗްގެ އެކި ލެވެލް ތައް ނިންމުމަށް ފަހު އިނގިރޭސިވިލާތުގެ ޔުނިވާސޓީތަކުން ޓުއަރިޒަމް ގެ ދާއިރާއިން މަތީތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.