މޮރިޝަސް ކައިރިން ފަރަށް އެރި ބޯޓުން ތެޔޮ ހުސްކޮށް ނިމެނީ: ބޮޑުވަޒީރު

މޮރިޝަސް ކައިރިއަށް ފަރަށް އެރި ބޯޓުން ވަނީ ތެޔޮ ލީކުވެފައި -- ފޮޓޯ: އީޕީއޭ

ޕޯޓް ލުއީ (އޮގަސްޓް 10): މޮރިޝަސްގެ އައްސޭރިފަށުން ފަރަކަށް އަރާފައިވާ އެމްވީ ވަކާޝިއޯ ބޯޓުގައި ރައްކާކޮށްފައިވާ ތެލުގެ ބޮޑުބައެއް މިހާރު ހުސްކޮށް ނިމިފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޕްރަވިންދު ޖަގުނާތު ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ނަގަޝިކީ ޝިޕިން ކުންފުނީގެ އެމްވީ ވަކާޝިއޯ ބޯޓު މޮރިޝަސް ކައިރިން ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރީ މިދިޔަ މަހުގެ 25ގަ އެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ 4،000 ޓަނުގެ ތެލާ އެކު އެވެ. އެ ހާދިސާއާ ގުޅިގެން ބޯޓުގައި ތިބި 20 މީހުން ވަނީ ސަލަމާތްކޮށްފަ އެވެ.

އޭގެ ފަހުން މޫސުން ގޯސްވެ، ބޯޓަށް ގެއްލުން ލިބުމުގެ ސަބަބުން އޭގެއިން ތެޔޮ ލީކުވާން ފެށި އެވެ. އަދި ބޯޓު ދެބުރި ވެދާނެ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރި އެވެ.

ބޮޑުވަޒީރު ޖަގުނާތު ވިދާޅުވި ގޮތުގައި އެ ބޯޓުން މިހާތަން 3،000 ޓަނުގެ ތެޔޮ ވަނީ ހުސްކޮށްފަ އެވެ. އަދި ބޯޓުގައި ބާކީ ހުރީ ވަރަށް ކުޑަ މިންވަރެކެވެ. އެ ބޯޓުން ނެގި ތެޔޮ ހެލިކަޕްޓަރު ބޭނުން ކޮށްގެން އެއްގަމަށް ގެންގޮސްފައިވެ އެވެ. އަދި ކޮންމެވެސް މިންވަރެއް ނަގަޝިކީ ޝިޕިންގެ ބޯޓަކަށް އަރުވާފައިވެ އެވެ.

މޮރިޝަސްގެ ފުލުހުން ބުނި ގޮތުގައި އެގައުމުން އޮތީ ބޯޓު ދެބުރިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފްރާންސުގެ އެހީއާ އެކު ހާއްސަ ފިޔަވަޅުތައް އަޅަން ތައްޔާރަށެވެ.

ފްރާންސުން ވަނީ އެ ބޯޓުން ތެޔޮ ލީކުވުމުގެ ސަބަބުން ކަނޑު ތަޣައްޔަރުވުން ހުއްޓުވުމަށް ބޭނުންވާ އާލާތްތަކާ އެކު އަސްކަރީ މަތިންދާބޯޓެއް މޮރިޝަސްއަށް ފޮނުވާފަ އެވެ. އަދި ފްރާންސަށް އެހީވުމަށް ޖަޕާނުން ވަނީ ހަ މެމްބަރުންގެ ޓީމެއް ފޮނުވާފަ އެވެ.

އެ ބޯޓުން ތެޔޮ ލީކުވުމުގެ ސަބަބުން މޮރިޝަސްގެ ގޮނޑުދޮށަށާއި އެ ބޯޓު ކައިރީގައި އޮތް ކުޑަ 25 ހެކްޓަރުގެ ރަށަށް ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް އެގައުމުގެ ރައްޔިތުން ވަނީ އަމިއްލައަށް އިސް ނަގައިގެން މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން ބޯޓު ކައިރީ އޮތް، ނޭޗާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށުން ކުދި ކަހަނބާއި އާއްމުކޮށް ނުފެންނަ ބާވަތްތަކުގެ ގަސްތައް ވަނީ ސަލާމަތްކޮށްފަ އެވެ. އަދި ލީކުވަމުންދާ ތެޔޮ ފެތުރުން ހުއްޓުވުމަށް ޓަކައި ރައްޔިތުން ވަނީ ހުރަސްތައް ހަދައިފަ އެވެ. އޭގެ ތެރޭގައި އުއްދަނޑި ފަތްތައް އަޅައިގެން ހަދާފައިވާ ބަސްތާތައް ހިމެނެ އެވެ.

މީގެ އިތުރުން ބައެއް މީހުން ދަނީ ގޮނޑުދޮށް ސާފު ކުރުމުގައި ވެސް ހަރަކާތްތެރިވަމުންނެވެ. އެ މީހުން އެ މަސައްކަތްތަައް ކުރަނީ ތެޔޮ ސާފު ކުރުމުގެ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކަށް ދޫކޮށްލުމަށް ސަރުކާރުން އެދުނު ފަހުންނެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ އެ ބޯޓުން ތެޔޮ ލީކުވުމުގެ ސަބަބުން ލިބޭނެ ގެއްލުންތަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ގްރީންޕީސް އެފްރިކާއިން ވަނީ ތެލުގެ ސަބަބުން އެތައް ހާސް ޖަނަވާރެއް ކަނޑަށް ފެތި، މޮރިޝަސްގެ އިގުތިސާދާއި ސިއްހަތާއި ކާބޯތަކެތީގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެފަ އެވެ.

އެމްވީ ވަކާޝިއޯއިން ތެޔޮ ލީކުވެފައިވާ މިންވަރު ސެޓެލައިޓު މައުލޫމާތު މެދުވެރިކޮށް ލަފާކޮށްފައިވާ އެމެރިކާގެ އެނެލެޓިކްސް ކުންފުނި އާސާ ސްޕޭސް ސިސްޓަމްސްއިން ބުނި ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހު އެ ބޯޓުން ތެޔޮ ލީކުވެފައި ހުރީ 3.3 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހާ ހަމަޔަށް ތެޔޮ ވަނީ ގާތްގަނޑަކަށް 27 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފަ އެވެ.

comment ކޮމެންޓް