އުފަލުގެ ކޮޅެއް ނެތް! ސައިފް އާއި ކަރީނާއަށް ދެވަނަ ދަރިއަކު ލިބެނީ

ބޮލީވުޑްގެ ކާމިޔާބު ޖޯޑު ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

އެކަމާ ގުޅިގެން އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ އާއިލާއަށް އިތުރު މެންބަރަކު އިތުރުވާން އުޅޭ ކަމަށާއި މި ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. އެކަމާ ގުޅިގެން ދެތަރިންގެ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އަދި އާއިލާއިން ވަނީ ހެޔޮ އެދޭ ހުރިހާ އެންމެންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ސައިފް އާއި ކަރީނާ ކައިވެނިކުރިއިރު ދެމަފިރިންގެ ކައިވެންޏަށް ދަރިއަކު ލިބުނީ 2016 ވަނަ އަހަރު އެވެ. ތުއްތު އިރުން ފެށިގެން މިއަދާ ހަމައަށްވެސް މީޑިއާގެ ސަމާލުކަން ތައިމޫރު އަލީ ޚާން ވަނީ ހޯދާފަ އެވެ. މިއަހަރު ތައިމޫރަށް ހަތަރު އަހަރު ފުރޭނެ އެވެ.

އެކްޓަރު ސައިފް ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފަ އެވެ. ބަތަލާ އަމްރިތާ އާއި މީގެ ކުރިން ކައިވެނިކުރިއިރު އެ ކައިވެންޏަށް ވަނީ ދެކުދިން ލިބިފަ އެވެ. އެއީ ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރި ސާރާ އަލީ ޚާން 25، އާއި އިބްރާހިމް އަލީ ޚާން 19، އެވެ.

ތައިމޫރު އަކީ ކަރީނާގެ އަލަތު ދަރިފުޅެވެ.

comment ކޮމެންޓް