ފައްޔާޒުގެ ދިފާއުގައި އެމްޑީޕީ ބައެއް މެމްބަރުން ތެދުވެއްޖެ

ފައްޔާޒު އިސްމާއިލް: އޭނާޣެ ދިފާއުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވާހަކަ ދައްކާވަފައި --- ފައިލް ފޮޓޯ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ނުކުމެއްޖެ އެވެ.

އެމްޑީޕީ ބައެއް މެމްބަރުން ޝޯޝަލް މީޑިއާގައި ފައްޔާޒު ދިފާއުކޮށް ވާހަކަ ދައްކަން މި ފެށީ، އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ފައްޔާޒް މާގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އެގޮތުން އޭނާ މަގާމުން ވަކިކުރުމަށްޓަކައި، މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުމަށްޓަކައި އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ފައްޔާޒުގެ ދިފާއުގައި ނުކުތް ބައެއް މެމްބަރުން ޓްވީޓާގައި ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ ވަރަށް ގާބިލު ހިންގުންތެރި މިނިސްޓަރެއްގެ ގޮތުގައި މެމްބަރުން ފާހަގަކޮށްފައިވެއެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ، ފައްޔާޒަކީ ނަތީޖާ ސައްތައިންސައްތަ ދައްކަވަމުންދާ މިނިސްޓަރެއް ކަމަށެވެ. އަދި އޭނާއަކީ، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވަމުން ގެންދަވާ މިނިސްޓަރެއްގެ ގޮތުގައި ވިސާމް ސިފަ ކުރެއްވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ފައްޔަޒަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ތެރެއިން އެންމެ ހީވާގި އެއް މިނިސްޓަރު ކަމަށެވެ. އަދި އޭނާއަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުވެސް ވިދާޅުވީ، އޭނާގެ އިތުބާރު ފައްޔާޒަށް އެބައޮތް ކަމަށެވެ. އަދި ފައްޔާޒަކީ ހީވާގި، ވިސްނުންތެރި، ގާބިލު ބޭފުޅެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.

މީގެ އިތުރުންވެސް ފައްޔާޒަށް އިތުބާރު އޮތް ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޓްވީޓް ކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒު، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އަދި ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު ވެސް ވަނީ މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި ޓްވީޓް ކުރައްވާފައެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް އަދި ސާފެއް ނޫނެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 14 މެމްބަރެއްގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. އެ ޕާޓީގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، ޕާޓީ ތެރޭގައި ވަކި ވަކި ފެކްޝަންތައް ހެދި، ކޮންމެވެސް ވަރެއްގެ ބައިބައިވުން އޮވެ އެވެ.

comment ކޮމެންޓް