ކުޑަހުވަދުއަށް "ސިހުރު" ޖެހިފައި ވަނީ ބޮޑަށް!

ދ. ކުޑަހުވަދޫން: ހުސައިން ހަސަން

މި ރަށުގައި އަހަންނަށް އާ ރައްޓެހީންތަކެއް ލިބިއްޖެ އެވެ؛ ގޭގެއަށް ދާއިރު އެމީހުން އަހަރެން ގާތުގައި އެދެނީ ދިމަދިމާއަށް ނުބެލުމަށެވެ. ގޭގެއަށް ވަންނައިރު ދުއާ ކިޔުމަށެވެ. ބުޅާ ކޯޅޭނަމަ ތަނަކާ ނިވާވެލުމަށެވެ. އެ ރައްޓެހިން ބުނި ގޮތުގައި މިރަށަށް ވަނީ ސިހުރުގެ ނުރައްކާތެރި މުސީބާތަކާ ކުރިމަތިވެފަ އެވެ. އެމީހުން ބުނި ގޮތަށް ކަންތައް ކުރީމެވެ. އެމީހުނާއެކު އަހަރެން ބައްދަލު ކުރަން ދިޔައީ އަނިޔާވެރި ގޮތަކަށް މިރަށުގައި މަރާލި އައްޔުބޭގެ ގާތް ރަހުމަތެރިއެއްގެ ގާތަށެވެ.

***

"ހާދަހާ ބާރަކަށް މިއަދު ތި ހިނގަނީ؟" ގެމެންދޫން ކުޑަހުވަދޫއަށް ހިޖުރަކުރި އައްޔުބެ، ރަހުމް ކުޑަގޮތަކަށް މަރާލުމުގެ ކުރިން މިދިއަ އާދީއްތަ ދުވަހު މަގުމަތިން އައްޔުބެއާ ބައްދަލުވުމުން މިރަށު ހަސަން ނައީމް ސުވާލު ކުރި އެވެ.

"މިހާރު މަޑު ހިނގޭކަން ނެތް. މިހާރު މިދަނީ ހަމަ ބާރަށް ހިނގާފައިގެއަށް!" އެ ދުވަހު އައްޔުބެ ކުރު ޖަވާބަކުން ފުއްދާލި އެވެ.

ނައީމަކީ އައްޔުބެއާ އެންމެ ގާތްކޮށް އުޅޭ އެއް ރަހުމަތްތެރިޔާ އެވެ. ހަމަ އެރޭ އައްޔުބެ މަރާލި އިރު އެ ޖަވާބު އައްޔުބެ ދިން ސަބަބުން ނައީމަށް ވިސްނުނެވެ. އެއީ މީގެ ދެ ހަފްތާ ކުރިން ނައީމް ގާތުގައި އައްޔުބެ ދެއްކި ވާހަކައަކުންނެވެ. އެދުވަހު ނައީމް ގާތުގައި ބުނި ކަމަށް ވެއެެވެ: "ނައީމެވެ، އަހަންނަށް ފާރަލާވަރުން ކޮންމެ ކޮންމެ މަގަކުން މިހާރު ހިނގޭކަން ވެސް ނެތެވެ! މިހާރު އެކި ރޭރޭ ދާންޖެހެނީ އެކި މަގު މަގުންނެވެ!"

އުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވާ މުސްކުޅިއަކަށް ފާރަލައި ބޯކޮޅު ބަލަންވީ ކީއްވެ ހެއްޔެވެ؟ ހުރިހާވެސް މައްސަލައަކީ އައްޔުބެ ސިހުރު ހަދާ ކަމަށް ކުރިވެފައިވާ ބޮޑު ތުހުމަތެވެ.

މިރަށުގެ ރަށްވެހީން ވެސް އަދި މިރަށަށް ހިޖުރަކޮށްފައިވާ ވަރަށް ގިނަ މީހުން ވެސް ވާހަކަ ފަށަނީ އައްޔުބެގެ މައްޗަށް ކުރާ ސިހުރުގެ ތުހުމަތަކާ ހިސާބުންނެވެ. ވަރަށް ގިނަ މީހުން އެމީހުންގެ ވާހަކަ ފަށަނީ މިހެނެވެ: އައްޔުބެއަށް ބަޔަކު ފާރަލައި އޭނާއަށް ހަމަލަދޭން އުޅެނީ އައްޔުބެގެ ފަރާތުން ފެންނަ ކަމަށް ބުނާ ސިހުރުގެ ކަންކަމާ ހެދި އެވެ. އަދި ބަދު އަހުލާގީ މައްސަލައެއްގެ ރިކޯޑެއް އޮތުމާއި ދެވަނަ މައްސަލައެއްގެ ޝަރީއަތެއް އޮތުމެވެ.

"އައްޔުބެއަކީ މުސްކުޅިއެއް، އެކަމަކު އައްޔުބޭ ފެނުމުން މީހުން އެބަ ފިލާ. ރަށުގެ އަންހެން ވެރިން ފިލާ ހަދާ އެއީ ކީއްވެ؟ އެއީ ދެކެވޭ ވާހަކަތަކާ ތުހުމަތުތަކާ ހެދި،" ހަމަ އެކަނި އަހުމަދުގެ ނަމުގައި އެނގެން ބޭނުންވާ މިރަށުގެ މީހަކު ބުންޏެވެ.

ހަގީގަތުގައި އައްޔުބެގެ ވާހަކައަށް ވުރެ މިރަށުގައި ބޮޑީ ސިހުރުގެ ވާހަކަ އެވެ؛ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކުޑަހުވަދޫގައި "ސިހުރުގެ ކަންތައް" ވަނީ އިންތިހާގަ އެވެ. ކުޑަހުވަދޫގެ ވަރަށް ގިނަ މީހުންގެ ދުލުގައި އަބަދުވެސް "ސިހުރު" މި ލަފުޒު އޮވެ އެވެ.

މިރަށު މީހުން ކިޔައިދެ އެވެ؛ ގަބުރުސްތާނު ތެރެއަށް ވަދެ، މަހާނަ މަތިން ވެލިނަގައިގެން ދެ އެވެ. ގޭގޭ ކައިރީގައި ތުން ތަޅުވަމުން ކިޔަވަން ހުންނަތަން ފެނެ އެވެ. ގޭގޭގެ ދޮރާށި ކުރިމަތީގައި ދެ ކަކޫ ޖައްސައިގެން ބިންމަތީގައި ލިޔަން އިންނަތަން ފެނެ އެވެ. ކުޑަކުދިންގެ ނަންތައް ހޯދަން އުޅެ އެވެ. މިއީ މިރަށުގެ ވަރަށް ގިނަ މީހުން ކިޔައިދޭ ވާހަކަ އެވެ. މި ތުހުމަތުތައް އެމީހުން ކަނޑައިލަނީ މިރަށަށް ހިޖުރަކޮށް އަނިޔާވެރި މަރަކުން ނިމިގެން ދިޔަ އައްޔުބެ ބޮލަށެވެ.

"ސިހުރު ހަދަން އުޅޭ ކަމަށް ބެލެވޭ އަލާމާތްތައް ހުރޭ، މިހެން ބުންޏަސް ނަން ގޮވައިގެން ނުވާނެ އެއީ ވެސް ސިހުރު ޖެހިދާނެ ކަމެއް،" މިރަށު މީހަކު ބުންޏެވެ. ސިހުރުގެ ތުހުމަތައް އައްޔުބެއަށް ކުރާ މީހުން ނަން ހާމަ ކުރާކަށް ބޭނުމެއް ނުވެ އެވެ. ބުނަނީ "ސިހުރު ހަދާ މީހުންގެ އަވައިގައ ޖެހިދާނެ" އޭ އެވެ.

"ތީ ހުސް ވަހުމެއްނު؟ އެއްވެސް ކަމެއް ސާބިތެއް ނުހިފެއްނު؟" މިރަށު އަންހެނެއް ގާތުގައި އަހަރެން ސުވާލު ކުރީމެވެ.

"ނޫން މީ ވަހުމެއް ނޫން. އަހަރެމެނަށް ޝައްކު ކުރެވޭ ގޮތަށޭ ކަންކަން ފެންނަނީ! މިއަކީ ވަހުމެއް ނޫން،. ދެން ކީއްވެ ޝައްކު ކުރެވޭ އާދަޔާ ހިލާފު ސިހުރާ ގުޅޭ ހާދިސާތައް [މިރަށުގައި] ގިނަވަނީ؟" އެ އަންހެން މީހާ ވަހުމް ފިލުވައިދޭން އުޅުނެވެ.

އަހަރެން ސުވާލު ކުރި ވަރަށް ގިނަ މީހުން ޖަވާބުދީ ނިންމާލާއިރު ސިހުރު ޖެހިފައިވާ ހަތަރު މީހެއްގެ ވާހަކަ އެކި ގޮތަށް ކިޔައިދެ އެވެ. އެމީހުން ބުނާ ގޮތުން ޖިންނި "މޮޔަކޮށްލާފައިވާ" އެ ހަތަރު މީހުންގެ ވާހަކަތައް ދެކެވެމުންދަނިކޮށް ރަށް ނާންމާންވެ އެކަމުގެ ތެރެއަށް މިރަށު ޝީރީނާ މަރު ވަދެގެން ދެއެވެ. އަދި ޝީރީނާ މޫދުގައި އޮއްވާ ހޯދަން ސިހުރުވެރިންގެ ބަސް ހޯދުމާއި އިއްތިފާގު އެތައް ކަމެއް ހިނގި އެވެ.

"އިހުޒަމާނުގައި މިރަށަަކީ ވެސް ފަންޑިތަވެރިން ގިނަ ރަށެއް. އެކަން ނެތި ދިއުމަށްފަހު މިހާރު ސިހުރުގެ 'ހަނގުރާމައެއް' ފެށުނީ. އެ ފޮތްތައް ހޯދައިގެން ސިހުރިވެރިންތަކެއް އުޅޭ ކަމަށްވޭ ރަށުތެރޭގައި،" އެކަކު ބުންޏެވެ.

ބައެއް މީހުން ކިޔައިދިން ގޮތުގައި ޖިންނި އަވަލި ހަތަރު މީހުން އެކަމުން ސަލާމަތް ކުރަން ފަންޑިތަ ހަދާ މައްޝޫރު މީހަކު ރަށަށް ގެންދަން މަސައްކަތް ކުރި އެވެ. އެ މަސައްކަތުގައި "ކާފަރު ޖިންނި" އެއްގެ ފަރާތުން "ޖިންނި އަވަލި" މީހަކު ސަލާމަށްކޮށް އެމީހާގެ ހަށިގަނޑު ތެރެއަށް ވަދެ އިންނަ ޖިންނި ނެރެ، "އިސްމާލް ކުރުވި" އެވެ.

"ޝީރީނާ ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ އޮތްތަން ކިޔާދިން ކަމަށް ވަނީ އިސްލާމްކޮށްފައިވާ ޖިންނި ކަމަށް ބުނަނީ،" ވާހަކަ ކިޔައިދިން ތައުލީމީ ޒުވާނަކު ވަރަށް ސީރިއަސްކޮށް ކިޔައިދިނެވެ.

އެ ޒުވާނާ ބުނީ ތިން ވަނައަށް ސިހުރު ޖެހިފައިވާ މީހާ މިހާރު ވަނީ މާލޭގައި ކަމަށާއި އޭނާއަށް ޖެހިފައި ވަނީ އެންމެ ނުރައްކާތެރި ބާރުގަދަ ސިހުރު ކަމަށެވެ.

މިރަށުގެ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އައްޔުބެގެ މަރަކީ ކުޑަހުވަދޫއަށް ބޮޑުކޮށް ފެތުރިފައިވާ "ސިހުރުގެ ހަނގުރައިމައިގެ" ހަމަލައަކަށް ވީ މަރަށް ވެދާނެ އެވެ. އަދި ބައެއް މީހުން ބުނާ ގޮތުން އައްޔުބެގެ މަރަކީ "ރަށުގައި ސިހުރުހަދާ މީހުންގެ ހިނގާ ހަނގުރާމައެއް" ފެށުމެވެ.

އެއްކަމެއް އެނގެ އެވެ. ސިހުރުގެ ކަންތައް މިރަށު މީހުންގެ ހިތަށް ވަރަށް ބޮޑަށް ވަދެ ގޯހުން ގޯހަށް ބަދަލުވަމުންދާ ކަމެވެ. ބައެއް ގޭގޭގައި ސިހުރުގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް ވެއެވެ. ދާދި ފަހުން މިރަށަށް ދީނީ އިލްމުވެރިޔަކު ވަޑައިގެންނެވި އެވެ. އޭނާގެ އިރުޝާދުގެ މަތިން ގިނަ ގޭގޭގެ ދޮރުތަކުގައި ވަނީ ގެއިން ނުކުންނަމުން ކިޔާ ދުއާއާއި ގެއަށް ވަންނަމުން ކިޔަންޖެހޭ ދުއާ ހިއްޕާފަ އެވެ.

މިހާރު އަހަރެން މިދަނީ މިރަށުން ފުރާށެވެ. ދާމަގުމަތީގައި އަހަންނަށް ފެންނަނީ މީހުން ނިވާވެ ފަރުދާ ވެލައިގެން ތިބޭ މަންޒަރެވެ. އަހަރެން ފުރަން މިއަރަނީ ދަތުރުމަތީ ދުއާއާއެކު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް