ސުޖާއު އުސްމާން ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީއިން ފާސްކޮށްފި

ސުޖާއު އުސްމާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ އިސްފަނޑިޔާރު ސުޖާއު އުސްމާން ފަނޑިޔާރުކަމުން ވަކިކުރަން، މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

އެގޮތަށް ނިންމީ، ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ.

ޝުޖާއު އުސްމާން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވަން ނިންމި އިރު، އޭނާ ހުރީ ސަސްޕެންޑުކޮށްފައެވެ. އޭނާ ސަސްޕެންޑު ކުރީ ޖޭއެސްސީން ބަލަމުން އަންނަ ދެ މައްސަލައަކާ ގުޅިގެންނެވެ.

ޝުޖާއުއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ފުރަތަމަ މައްސަލަ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެކެވެ.

ދެވަނަ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ހޯދުމަށް ފާޅުކަންބޮޑުގޮތެއްގައި ހުވަދުއަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރި ކަމުގެ ތުހުމަތު ޝުޖާއުއަށް ކުރެވެއެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ތަހުގީގު ރިޕޯޓްގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ފަނޑިޔާރު ޝުޖާއު އުސްމާނަށް އެ ކޮމިޝަނުން ވަނީ ދީފަ އެވެ.

ކްރިމިނަލް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނިކޮށް ޝުޖާއު އުސްމާން ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސީ، ޖޫން، 2015ގަ އެވެ. ޝުޖާއު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

comment ކޮމެންޓް