ސޭފް ޓޫރިޒަމް ސްޓޭމްޕު ހޯދަން ބޭނުންވާ ހުރިހާކަމެއް ރާއްޖެއިން ވަނީ ފުރިހަމަކޮށްފައި

ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާއިން ހާސިލްކުރި ސޭފް ޓްރެވަލް ސްޓޭމްޕަކީ ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް ކިޔާ ޖަމިއްޔާއަކުން، އެ ޖަމިއްޔާގެ މެންބަރު ގައުމުތަކަށް ދޭ ސްޓޭމްޕެއް ކަމަށާއި ރާއްޖެއަކީ އެ ކައުންސިލުގެ މެންބަރު ގައުމެއް ނޫންކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

ސްރީލަންކާއަށް ސޭފް ޓޫރިޒަމް ސްޓޭމްޕެއް ލިބި، އެފަދަ ސްޓޭމްޕެއް ރާއްޖެއަށް ނުލިބުމުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. މި ފާޑުކިޔުންތަކާ ގުޅިގެން އެ ސްޓޭމްޕަކީ ފަތުރުވެރިން ގެނައުމަށް ކިހާ މުހިއްމު ސްޓޭމްޕެއްތޯ ސުވާލު ކުރުމުން ޓޫރިޒަމް މިނިސްޓްރީއިން ބުނީ މިވަގުތަށް ބަލާއިރު އެފަދަ ސްޓޭމްޕެއް އޮތުމަކީ ޓޫރިޒަމް ދާއިރާއަށް މުހިންމު ކަމެއްކަމަށް އިންޑަސްޓްރީގެ ފަރާތްތަކުން ދެކޭނަމަ ޑަބްލިޔުޓީޓީސީގެ މެމްބާޝިޕް ހޯދައިގެން ރާއްޖެއަށް އެ ސްޓޭމްޕް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މިހާރު އިންޑަސްޓްރީއާ މަޝްވަރާ ކުރަމުން މިދަނީ މި ސްޓޭމްޕަކީ ކިހާ މުހިންމު ސްޓޭމްޕެއްތޯ. މެމްބާޝިޕް ހޯދައިގެންވެސް ކުރަންޖެހޭ ކަމެއްތޯ ބަލަމުންދަނީ. މި ސްޓޭމްޕް ހޯދުމަށް ރިކުއަމެންޓްސްގައި ހުރި ކަންތައްތަކަކީ ރާއްޖެއިން މިހާރު ހާސިލްކޮށްފައި ހުރި ކަންތައް،" ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވިއެވެ.

ޑަބްލިއުޓީޓީސީ އިން ދޭ ސްޓޭމްޕަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނަކީ ކޮވިޑް19ގެ މި ހާލަތުގައި ސިއްހީ ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ ގޮތުން ފުރިހަމަވަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައިވާ ޓޫރިސްޓު އެސްޓެބްލިޝްމެންޓުތައް ހުރިނަމަ ވަކި ކަންތައްތަކަކަށް ބަލާފައި ދޭ ސްޓޭމްޕެކެވެ.

މިއީ ފަތުރުވެރިންގެ އިތުބާރު އެ ތަނަކަށް ލިބޭނެ ސްޓޭމްޕެއް ކަމަށް ޑަބްލިއުޓީޓީސީ އިން ބުނެފައިވެއެވެ.

ރައްޒާން ވިދާޅުވީ ރާއްޖެއަކީ ޕާޓާ އަދި ޔޫއެންޑަބްލިއުޓީއޯގެެ މެންބަރެއް ކަމަށާއި އެ ޖަމިއްޔާތަކުން މިފަދަ ސްޓޭމްޕެއް ދޭނަމަ، އެ ސްޓޭމްޕް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިން ގެންނަން ފަށާފައިވަނީ މިދިޔަ މަހުގެ 15 އިން ފެށިގެންނެވެ.

ޓޫރިޒަމަށް ހުޅުވާލިތާ ފުރަތަމަ 15 ދުވަސްތެރޭ 1،769 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ރާއްޖެއަންނަ ފަތުރުވެރިން އިތުރުވުން ބަރޯސާވާނީ، ރާއްޖޭގެ ސޯސް މާކެޓްތަކުގެ ބޯޑަރު ހުޅުވާލާ މިންވަރަކަށެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ މިމަހުގެ ތެރޭ ގެސްޓްހައުސްތައް ހުޅުވާލުމަށް ކުރިން އޮތްނަމަވެސް ގެސްޓްހައުސްތައް ހުޅުވާ ތާރީހު ފަސްކުރުމުން ކުރިން ލަފާކުރިވަރަށްވުރެ މި މަހުގެ ތެރޭ ޓޫރިސްޓުން އަންނަ މިންވަރު މަދުވާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް އޮކްޓޯބަރު-ޑިސެމްބަރު ކުއާޓަރުގެ ތެރޭ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ތެރޭ 850،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

comment ކޮމެންޓް