އިސްރާއިލްގެ ގަހަނާ ހަދާ ކުންފުންޏެއް ކަމަށްވާ ޔެވެލްއިން، ރަނާއި ޖަވާހިރު ބޭނުންކޮށްގެން ކޮރޯނާވައިރަސްގެ މާސްކެއް އުފައްދަން ނިންމައިފި އެވެ.
މިއީ މުޅި ދުނިޔޭގައިވެސް އުފައްދާ އެންމެ އަގު ބޮޑު މާސްކަށް ވެގެންދާއިރު އޭގެ އަގު 1.5 މިލިއަން ޑޮލަރަށް އަރާނެ އެވެ.
އެ މާސްކު ޑިޒައިންކުރާ އީސާކް ލެވީއިން ބުނީ އެ މާސްކުގައި 18 ކެރެޓް ރަން ހިމެނޭނެ ކަމަށާއި އަދި ހުދާއި ކަޅުގެ 3600 ޑައިމަންޑްވެސް ހިމެނޭނެ ކަމަށެވެ.
އޭގެ އިތުރުން ގަންނަން ބޭނުންވާ މީހާ ބޭނުންނަމަ، އެން-99 ފިލްޓާސްވެސް އޭގައި އަޅުވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ޔެވެލްގެ ވެރިޔާ ލެވީ ވިދާޅުވީ އެ މާސްކު ގަންނަން ހުށަހެޅި ފަރާތުން ދެ ކަމަކަށް ޝަރުތުކުރި ކަމަށެވެ. އޭގެ ތެރޭގައި އަހަރު ފަހުކޮޅު އެ މާސްކު ލިބޭނެގޮތް ވުން އަދި އެ މާސްކަކީ ދުނިޔޭގެ އެންމެ އަގުބޮޑު މާސްކަށް ވުން ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މާސްކަށް އޯޑަރު ދިން މީހާގެ ނަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ލެވީ ވިދާޅުވީ އެއީ އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށެެވެ.
އެ މާސްކުގެ ބަރުދަނުގައި 270 ގްރާމް ހުރެ އެވެ. މިއީ އާދައިގެ ސާޖިކަލް މާސްކަކަށްވުރެ އެތައް ގުނައެއް ބަރު މާސްކެކެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްކާތެރިވުމުގެ ގޮތުން ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުންވެސް މިހާރު މާސްކު އަޅަ އެެވެ. އަދި ބައެއް ގައުމުތަކުގައި މާސްކު އެޅުން މިހާރު މަޖުބޫރުވެސް މެެއެވެ. -- އޭޕީ، ޓައިމްސް އޮފް އިސްރާއިލް