އެމަޖެންސީއެއް ކަމަށް ބުނެ ކޮވިޑް ޓެސްޓުކުރަން ގުޅާ މައްސަލަތައް އިތުރުވަނީ

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައިި ޑރ. އިބްރާހިމް އަފްޒަލް -- ފޮޓޯ/އެންއީއޯސީ

މޮނިޓަރިންގެ ހާލަތަށް ލާފައި ހުންނަ ބައެއް ގެތަކުން، އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ކަމަށް ބުނެ، ކޮވިޑް19 އަށް ޓެސްޓުކުރުމުގެ ނިޔަތުގައި 1676 އަށް ގުޅާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފިއެވެ.

އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މޮނީޓަރިންގެ ހާލަތުގައި ހުންނަ ގެތަކުން، އުމުރުން ދުވަސްވީ މީހަކު ނުވަތަ ހައި ރިސްކް މީހަކު ހާލުބޮޑުވެގެން އެމަޖެންސީގައި އައިޖީއެމްއެޗް އަށް ގެންދަން ގުޅާ ކަމަށެވެ. އަދި އެފަދަ ހާލެއްގައި އެމީހަކު އައިޖީއެމްއެޗަށް ގެންގޮސްދޭން ޖެހޭނެ ކަމަށެވެ.

"އޭގަ އަޅުގަނޑުމެންނަށް މައްސަލައަކަށް މި އަންނަ ތަންކޮޅަކީ ބައެއް ފަހަރު ހަމަ ޓެސްޓު ކޮށްލުމުގެ ބޭނުމުގައި މިކަން ޒަރީއާއެއް ގޮތުގައި ވެސް އެބަ ބޭނުންކުރޭ. އެކަން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ އެމަޖެންސީ ޕާތުވޭ އަކީ ކޮންމެ ގައުމެއްގައި ވެސް އެމަޖެންސީ ހާލަތަށް އެކަނި ބޭނުންކުރަން ޖެހޭނެ ޕާތުވޭ އެއް ކަމަށެވެ.

އެކަމުގެ ނާޖާއިޒް ފައިދާ ބައެއް ފަރާތްތަކުން ނެގުމަކީ ހަގީގަތުގައި އެމަޖެންސީއެއް ދިމާވެގެން އަވަހަށް ފަރުވާ ލިބެންޖެހޭ މީހާއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އަދި އެފަދަ ކޭސްތައް ފެންމަތިވުން އިތުރުވުމާ ގުޅިގެން، މިހާރު 1676 އަށް އަންނަ އެމަޖެންސީ ކޯލްތައް އައިޖީއެމްއެޗްއަށް އަންގާނީ ހޮޓްލައިނުން އެކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ. އަދި އައިޖީއެމްއެޗް އިން އެކަމަށް އެޓެންޑްވާނީ، އެއީ ހަގީގީ އެމަޖެންސީއެއް ކަން ޔަގީންވުމުން ކަމަށެވެ.

"މިހެން މި ވާން ޖެހެނީ މިގޮތަށް އަންނަ، ހަގީގަތުގައި އެމަޖެންސީ ނޫން ކޭސްތައް ވެސް މިގޮތަށް ޓެސްޓުކުރުމުގެ ބޭނުމަށް އާންމު ފަރާތްތަކުން ބޭނުންކުރަމުން ދާތީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ހޮޓްލައިނަށް ގުޅާ މީހުންގެ ތެރޭގައި ހަގީގަތުގައި ވެސް އަވަސް ފަރުވާ ބޭނުންވާ މީހުން ތިބޭނެކަން އެނގޭ ކަމަށާއި އަދި ސިސްޓަމް ލަސްވުމަކީ ފަރުވާ ބޭނުންވާ މީހާއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އެހެން ނަމަވެސް އެތަނެއްގެ ވޯކްލޯޑް އަށް ބުރަވާން ފެށުމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާނެ ގޮތެއް ހިމަނަން ޖެހުނީ ކަމަށެވެ.

އެހެންވީމަ އާންމުންގެ ފަރާތުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މިގޮތަށް އެމަޖެންސީ އެކޭ ކިޔާފައި، އަޅުގަނޑުމެންނަށް ގުޅާނީ ހަގީގަތުގައި ވެސް އެމަޖެންސީ އަކަށް ވީމަ. މާނައަކީ ގޭގައި ހާލުބޮޑުވެގެންނޭ، ނޫނީ ރިސްކަށް ހުށަހެޅޭ މީހަކު ހުރި ނަމަވެސް، އޭނާ ޓެސްޓުކޮށްލުމުގެ ނިޔަތުގައި އެމަޖެންސީ ވެގެންނޭ ކިޔާފައި ނުގުޅުއްވާށޭ. އެއީ ހަގީގަތުގައ އެމަޖެންސީ ހާލަތަކަށް ހުށަހެޅޭ މީހުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް،" ޑޮކްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް