ލ. ބަރެސްދޫގައި އެމްއައިޓީޑީސީ އިން ކުރިއަށްގެންދަން އިއުލާނުކޮށްފައިވާ އިންޓަގްރޭޓޭޑް ޓޫރިޒަމް ޕްރޮޖެކްޓަށް އިންވެސްޓުކުރާނެ އިންވެސްޓަރަކު ހޯދައި އެ އިންވެސްޓަރުގެ 100 ޕަސެންޓް ހިއްސާއާއެކު ޖޮއިންޓްވެންޗާ އެއް ހަދައި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީ ގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހަދައި އިންޓަގްރޭޓެޓް ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށެވެ.
މިހާރު އެ ކުންފުންޏަށް އެއްވެސް އާމްދަނީ އެއް ނުލިބޭ ކަމަށް އެމްޑީ ވިދާޅުވިއެވެ. ކުންފުނި ހިންގުމަށް ގާތްގަނޑަކަށް މަހެއްގެ މައްޗަށް 315،000 ރުފިޔާ ހަރަދުވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަރެސްދޫގެ ޕްރޮޖެކްޓު ދުލެއް ނުކޮށްލަން. ހަމައެކަނި ބަރެސްދޫގެ ޕްރޮޖެކްޓެއް ނޫން. އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ދެއްވާފައި އެބައޮތް ވަރަށް ބޮޑު މެންޑޭޓޭއް .އެ މެންޑޭޓުގައިވާ ކަންތައް ހާސިލު ކުރުމަށް އަޅުގަނޑުމެން ކުރަންހުރި ކަންތައް ކުރާނަން،" ރާއިދު ވިދާޅުިއެވެ.
ބަރެސްދޫ އަކީ ގިނަ ކޮމްޕޯނެޓްޓްތަކެއް ހިމެނޭ އިންޓަގްރޭޓެޑް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި އެކަމަށް ގިނަ ފައިސާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއިދު ވިދާޅުވީ ބަރެސްދޫ ޕްރޮޖެކްޓު ކުރިއަށްގެންދަން މިވަގުތު އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ބަރެސްދޫ ޕްރޮޖެކްޓު ލޯނެއް ނަގައިގެން ހިންގާ ގޮތަކަށް ނުން. އެހެން ނަމަވެސް އަޅުގަނޑުމެން އިންވެސްޓަރަކާ އެކީގައި ޖޮއިންޓް ވެންޗާ އުސޫލުން އެބޭފުޅުންގެ 100 ޕަސެންޓް އިންވެސްޓުމެންޓާ އެކީގައި ބަރެސްދޫ ޕްރޮޖެކްޓު ޑިވެލޮޕްކުރާގޮތަށް މިހާރު މަޝްވަރާތައް ކުރެވެމުންދަނީ،" އޭނާ ވިދާޅުވިއެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނެސްފައިވާ އިސްލާހާއެކު އެމްއައިޓީޑީސީ އަށް ދަތިތައް އެބަހުރި ކަމަށް އެކުންފުނިން ބުންޏެވެ. އެ އިސްލާހު އެގޮތަށް އޮތްއިރު، ކުންފުނީގެ ފަރާތުން އިސްވެ، ސަރުކާރުގެ ފަރާތުން ހަމަޖައްސާ ރަށެއް ނުވަތަ ބިމެއް ތަރައްގީ ކުރުމަށް ކުއްޔަށް ދެވެން ނެތް ކަމަށެވެ.
"އޭގެ މިސާލެއް ކާށިދޫގައި ބިމެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ކަނޑައެޅުއްވުމާ އެއްގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހުއްދަ ނުލިބި އަދި މިއަދާ ހަމައަށްވެސް އެ ޕްރޮޖެކްޓާ ގުޅިގެން އެއް މިލިއަން ޑޮލަރިގެ ދަރަންޏެއްގައި މިއަދާ ހަމައަށްވެސް އޮތީ،" އެމްއައިޓީޑީސީ އިން ބުންޏެވެ.
އެ ބިމަކީ މިއަދާ ހަމައަށްވެސް އެމްއައިޓީޑީސީގެ އެސެޓެއް ނޫން ކަމަށާއި، އެ ބިމާ ގުޅިގެން އެ ކުންފުނީގެ މައްޗަށް ފިނޭންސް މިނިސްޓްރީ އަށް އެއް މިިއަން ޑޮލަރުގެ ދަރަންޏެެއް އެބައޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކާށިދޫ ގެސްޓްހައުސް މަޝްރޫއަކީ ފިނޭންސް މިނިސްޓްރީ އިން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ފައިނޭންސް ކުރި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔައީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ނެވެ. ފިނޭންސް އިން ނެގި ލޯނަކީ އަށް ޕަސެންޓް އިންޓްރެސްޓުގައި އެއް އަހަރުން ދައްކާގޮތަށް ނެގި ލޯނެކެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ މިވަގުތު އެމްއައިޓީޑީސީގެެ ޝެއާ ހޯލްޑަރު (ސަރުކާރު)ގެ އެހީތެރިކަން ނުލިބި ކުންފުންޏަށް ކުރިއަށް ދިޔުމުގެ ގާބިލުކަން ނެތް ކަމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު ގޮއިން ކޮންސާންސް އެބަހުރި. ކުންފުނިން ކުރަން ރާވާފައިވާ ކަންތަކަށް ބަލާއިރު އެކަންކަން ކާމިޔާބު ކުރެވިއްޖެނަމަ ކުންފުންޏަކީ ފައިދާހުރި ކުންފުންޏެއްގެ ގޮތުގައި ކިޔޭނެ ކުންފުންޏެއް،" ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.
ބަރެސްދޫ އާއި ސީދާ ގުޅުންހުރި ހަރަދުތައް
- ބަރެސްދޫ ލީސް އަށް ދައްކާފައިހުރި 1.5 މިލިއަން ރުފިޔާ
- ޖައުޒާ ކޮންސްޓްރަކްޝަން އަށް 15 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީ އިން ބުނީ އެމްއައޓިޑީސީއާއެކު ސަރުކާރުން ބޭނުންވަނީ އިންޓަގްރޭޓޭޑް ޓޫރިޒަމް ކުރިއަރުވަން ކަމަށާއި، ކުންފުނީގެ ދަރަނި ދައްކައި ހަލާސްކޮށް މައްސަލަތައް ނިމުމުން ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދިދާނެ ކަމަށެވެ.
އެމްއައިޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އިއުލާނު ކުރި ޕްރޮޖެކްޓަކީ ބަރެސްދޫ ޕްރޮޖެކްޓެވެ. 3،000 އެނދަށް އަމާޒުކޮށްގެން ޑިޒައިންކޮށްފައިވާ މި ޕްރޮޖެކްޓްގެ ދަށުން އެރަށާ އިންވެގެން އޮންނަ މަހަކަންފުށި ބަރެސްދޫ އާ ގުޅާލަން ނިންމި އެވެ. އެ ރަށް ތަރައްގީ ކުރަން ނިންމީ ސާވިސް ރަށެއްގެ ގޮތުގަ އެވެ.
ބީޗް ހޮޓާ އަދި ރެސްޓޯރެންޓާ އެކު އިންޓަގްރޭޓެޑް ޓޫރިޒަމްގައި ހުންނާނެ ހުރިހާ ވަސީލަތްތަކަކާ އެކު ތަރައްގީ ކުރި މި ޕްރޮޖެކްޓަކީ ކުރިން އެމްއެމްއޕީއާރުސީ އިން ތުނބުރީގައި ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓެކެވެ. ބަރެސްދޫ އިން ތަންތަން ވިއްކަން އެންމެ ފުރަތަމަ ފަށާފައި ވަނީ އެމްއައިޓީޑީސީ އުފެއްދުމުގެ ކުރިން އެމްއެމްޕީއާރުސީ އިންނެވެ.