ހޮންކޮންގްގެ ޑިމޮކްރަސީއަށް މަސައްކަތް ކުރާ ބިލިއަނަރަކު ހައްޔަރުކޮށްފި

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި ޖިމީ ލައި ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: އީޕީއޭ

ހޮންކޮންގް (އޮގަސްޓް 10): ހޮންކޮންގްގެ ޑިމޮކްރަސީއަށް މަސައްކަތް ކުރާ ބިލިއަނަރު އެކްޓިވިސްޓެއް ކަމަށްވާ ޖިމީ ލައި އެސަރަހައްދުގެ އަމަނާ ބެހޭ ގާނޫނާ ހިލާފުވުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ހޮންކޮންގްގެ ފުލުހުން އިއްޔެ ބުނި ގޮތުގައި އެ ސަރަހައްދުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހަތް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ބަޔެއްކަން ފުލުހުން ހާމަ ނުކުރެ އެވެ.

ޖިމީ ލައިގެ އެސިސްޓެންޓަކު ބުނި ގޮތުގައި އެ ހަތް މީހުންގެ ތެރޭގައި ލައި އާއި އޭނާގެ ދެ ދަރިން ހިމެނެ އެވެ. އަދި ލައިގެ ނޫހެއް ކަމަށްވާ އެޕަލް ޑެއިލީން ވަނީ އެ ނޫހުގެ ޕޭރެންޓު ކުންފުނި، ނެކްސްޓް ޑިޖިޓަލްގެ އޮފީސްތަކަށް ފުލުހުން ވަދެ، އެތަންތަން ބަލާ ފާސް ކުރާ މަންޒަރު ފެންނަ ފޮޓާތަކާއި ވީޑިއޯތައް އާއްމުކޮށްފަ އެވެ.

ލައި އަކީ ޗައިނާއިން ހޮންކޮންގްގުގައި އެގައުމުގެ ބާރު ގަދަ ކުރުމާ ދެކޮޅަށް އަޑު އުފުލާ، އެ ސަރަހައްދަށް އިސްލާހުތައް ގެނައުމަށް ބާއްވަ މުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހެކެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހު ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި އޭނާ ބައިވެރިވުމުން މިދިޔަ ފެބްރުއަރީ މަހު އޭނާގެ މައްޗަށް ގަވާއިދާ ހިލާފަށް އެއްވެ އުޅުމުގެ ދައުވާކޮށް ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

އަންނައުނުގެ ވިޔަފާރިން ފުރަތަމަ މުއްސަނދިވި ލައިގެ މިލްކިއްޔާތުގެ އަގު މިހާރު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޗައިނާއިން މިދިޔަ ޖޫން މަހުގެ 30ގައި ފާސް ކުރި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނަށް ގިނަ އަދަދެއްގެ މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ވަނީ އާ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް