އައްޑޫ ހިތަދޫ މޮނިޓަރިން އަށް، މީހުން އަރައި ފޭބުން މަނާ!

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫއިން މިއަދު ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާތީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ހިތަދޫ މޮނިޓަރިންއަށް ލާފައިވާކަން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު، އަބްދުﷲ ސޯދިގަށް އަންގައިފަ އެވެ.

އަދި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއުން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ފޮނުއްވި އެންގުމުގައި ވިދާޅުވެފައިވެއެވެ.

ހިތަދޫ އިން ކޮވިޑަށް ޕޮޒިޓިވްވީ އައްޑޫ ހައިސްކޫލުގެ މަސައްކަތު ސައިޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ނިންމައި ހެދި ޓެސްޓުންނެވެ.

ރޭ އައްޑޫ ސިޓީގެ ފޭދޫއިން ފުލުހަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރަކު "ސަން" އަށް މިއަދު ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ މީގެ ދެ ދުވަހެއް ކުރިން، މާލެއިން އެރަށަށް ދިޔަ ފުލުހެއް ކަމަށެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާއިރު، ހަތް ފުލުހަކު ފާހަގަވެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޓެސްޓުކުރުން އަދި ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހިފައިވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

comment ކޮމެންޓް