ފުނަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެ

ށ. ފުނަދޫގެ ބޮޑު ބައެއްގައި ފެންބޮޑުވެފައި --- ސަން ފޮޓޯ

ށ. ފުނަދޫއަށް ރެއިން ފެށިގެން ވާރެ ވެހެމުންގޮސް އެ ރަށުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހީމްފުޅު މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު 12:00 އެހާއިރުން ފެށިގެން އެރަށަށް ބޯކޮށް ވާރެ ވެހެމުންދާ ކަމަށެވެ. މިހާރު ވާރެ ތުނިކޮށްފައިވި ނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު އިބްރާހީމްފުޅު އިތުރަށް ވިދާޅުވީ އެ ވިއްސާރައިގައި ރަށުގެ ހުޅަނގު ފަރާތުގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ.

ފެންބޮޑުވެ އެ ރަށުގެ ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށާއި 20 ވަރަކަށް ގެއަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ށ. ފުނަދޫގެ ގެއަކަށް ފެންވަދެފައި --- ސަން ފޮޓޯ

އެ ގެތަކަށް ފެން ވަތްނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުުވާ ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދާ ފުލުހުންނާ ގުޅިގެން ރަށުން ފެން ހިންދުމުގެ މަސައްކަތް ކަމަށެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުގައި ހުރި ގެތަކަށް އިތުރަށް ފެން ވަނުން ކޮންޓްރޯލުކުރުމަށްޓަކައި ވެލި ބަސްތާ ޖަހާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ށ. ފުނަދޫގެ ބޮޑު ބައެއްގައި ފެންބޮޑުވެފައި --- ސަން ފޮޓޯ

ރާއްޖޭގެ އުތުރުގެ ސަރަހައްދަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ މިއަދު ޔެލޯ އެލާޓް އެއް ނެރެފަ އެވެ.

ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މެޓް އޮފީހުން ބުނީ އުތުރުގެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ.

comment ކޮމެންޓް