ޓޫރިޒަމް މިނިސްޓްރީގައި އުޖޫރަ ނުލިބޭ 6 މަހުގެ އިންޓާންޝިޕެއް، ގިނަ ބައެއްގެ ނުރުހުން

ޓޫރިޒަމް މިނިސްޓަރު މައުސޫމް، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓްރީގައި، އުޖޫރަދިނުމަކާ ނުލާ، ހަ މަސްދުވަހުގެ އިންޓާންޝިޕެއް ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފައި ވަނީ ދަށްވެގެން ސާނަވީ ނުވަތަ އެފެންވަރުގެ އިމްތިހާނެއް ނިންމާ ފާސްވެފައިވާ 10 އިންޓާނުން ހޯދުމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އެއީ އުޖޫރައެއް ކަނޑައެޅިފައިވާ ވަޒީފާއެއް ނޫން ކަމަށެވެ.

އިންޓާންޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޮގަސްޓް ވާ ހޯމަ ދުވަހުގެ މެންދުރު 2:00ގެ ކުރިން، އިންޓާންޝިޕަށް އެދޭ ފޯމު މިނިސްޓްރީއަށް އީ-މެއިލް ކުރަން ޖެހޭނެ އެވެ.

އީ-މެއިލް މިނިސްޓްރީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެއް ކަމަށް ވެސް އިއުލާނުގައިވެ އެވެ. ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އިންޓާންޝިޕަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އިންޓަވިއު ކުރާނީ ހަމައެކަނި ޝޯޓް ލިސްޓްވާ ފަރާތްތަކާ އެވެ. އިންޓަވިއު އޮންނާނީ، މި މަހުގެ 18 އާއި 21 އޮގަސްޓް އާ ދެމެދު، މިނިސްޓްރީގަ އެވެ.

ގިނަ ބައެއްގެ ނުރުހުން!

އެ އިއުލާނާ ގުޅިގެން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އެއީ ޓޫރިޒަމް ދާއިރާއިން ކުރިއަށް ދާން ޝައުގުވެރިވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެހެން ނަމަވެސް އުޖޫރު ނުދީ ހަ މަސް ދުވަހު މަސައްކަތް ނުކުރުވޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޓުވިޓާގައި ހިޔާލުފާޅުކުރި ގިނަ ޒުވާނުން ބުނީ އުޖޫރައަކާ ނުލާ ހަ މަސް ދުވަހު މަސައްކަތް ކުރެވޭނެ ހަމައެކަނި މުއްސަނދި އާއިލާތަކުގެ މީހުންނަށް ކަމަށާއި، އެއީ އާދައިގެ އާއިލާއެއްގެ ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ލިބޭ ފުރުސަތެއް ނޫން ކަމަށެވެ.

އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް ވެސް އުޖޫރަ ލިބެންޖެހޭނެ ކަމަށާއި، އިންޓާންޝިޕެއްގެ ސަބަބުން ތަޖުރިބާއެއް ލިބުނު ނަމަވެސް، ކޮންމެ މީހަކު ވެސް ކުރަން ޖެހޭ ހަރަދުތައް ހުންނާނެ ކަމަށް ބުނެ މީހުން ނުރުހުން ފާޅުކުރި އެވެ.

ހަމައެއާއެކު ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތި ކަމުގައި، އެތައް ބައެއްގެ ވަޒީފާ ގެއްލި، މުސާރައަށް އަސަރުކޮށްފައިވާ އެތައް ބަޔަކު ތިބި އިރު، މިފަދަ ދުވަސްވަރެއްގައި މުސާރަ ނުދީ ބަޔަކު ލައްވައި ހަ މަސް ދުވަހު މަސައްކަތް ކުރުވުމަކީ ހުތުރު ކަމެއް ކަމަށް ވެސް ބުނެ އެއްބަޔަކު ހިޔާލުފާޅުކުރި އެވެ.

comment ކޮމެންޓް