ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވޭ: މީޑިއާ ކައުންސިލް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކޮށްފައިވާ ނުވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރިލްވާން ގެއްލުވާލިތާ މިއަދަށް ހަ އަހަރު ފުރިގެންދާއިރު، މި މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އެޅުމުގައި ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

"މި ހާދިސާ ހިނގި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެދެވޭ ގޮތެއްގައި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަނަމަ، އެކަމުގެ ފުރިހަމަ ހަގީގަތް އެނގި، މިހާރު އޮންނާނީ އިންސާފު ގާއިމް ކުރެވިފައި،" މީޑިއާ ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން ރިލްވާން ގެއްލުވާލި މައްސަލައާ ގުޅޭ ސިއްރު މައުލޫމާތު ހިމެނޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓް، ދައުލަތުގެ ބައެއް މުއައްސަސާތަކަށް ފޮނުވާފައިވަނިކޮށް އެ ރިޕޯޓުގައި ހިމެނޭ ސިއްރު މައުލޫމާތުތައް އާންމުވިކަން މީޑިއާ ކައުންސިލުން ފާހަގަކުރެ އެވެ.

މިއީ އެ މައްސަލައިގައި އިންސާފަށް ވާސިލުވުމަށް ހުރަސްތަކެއް ކުރިމަތިވިކަމެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުގެ މުއައްސަސާއެއްގެ އިހްމާލުން ނުވަތަ ފަރުވާކުޑަ ކަމުގެ ސަބަބުން ވިޔަސް އެ މައްސަލައިގެ އިންސާފަށް ހުރަސްއެޅޭނެ ފަދަ މައުލޫމާތުތަކެއް އާންމުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ބޭރުގެ އިންވެސްޓިގޭޓަރަކު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް މީޑިއާ ކައުންސިލުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ވީހާވެސް އަވަހަށް އެ އިންވެސްޓިގޭޓަރު ރާއްޖެ ގެނެވޭނެ އިންތިޒާމް ހަމަޖައްސައި، މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ފުރިހަމަކުރަން ހުރި ކަންކަން ވީހާވެސް އަވަހަކަށް ފުރިހަމަކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް މީޑިއާ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައިވަނީ 2014ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. މަރުތައް ތަހުގީގު ކުރުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިލްވާންގެ މައްސަލައިގައި އެކުލަވާލި ރިޕޯޓުގައިވަނީ އޭނާ ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށެވެ.

ރިލްވާނުގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވި ނަމަވެސް މަރު ކޮމިޝަނުން އަދިވެސް ދަނީ އޭނާގެ މަރާ ގުޅޭ ތަހުގީގު ހިންގަމުންނެވެ.

comment ކޮމެންޓް