މިދިޔަ މަހުގެ ދެ ވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައި އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާއިރު އެ ފަރާތްތައް ރާއްޖެއިން ޑީޕޯޓް ކުރުން ހުއްޓުވުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރުން ނެރެދެވެން ނެތް ކަމަށް ނިންމައިފިއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އެރަށުގައި ހަމަނުޖެހުން ހިންގައި، ދިވެހީންތަކެއް ރަހީނުކުރި އެވެ. އަދި ފުލުހުންނާ ވެސް ކުރިމަތިލާފައިވެ އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން، ޖުލައި ތިން ވަނަ ދުވަހު ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ.
ނަމަވެސް އެ ބިދޭސީން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އަދި އެމީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، ވަކީލުން ތުހުމަތު ކުރަނީ އެ ފަރާތްތައް ރާއްޖެ އިން ޑީޕޯޓް ކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ހުުއްޓުވުމުގެ ގޮތުން ހޭބިއަސް ކޯޕަސްގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި ވަކީލުން އެދުމުން އެ ކޯޓުން މިއަދު ވަނީ އެކަމަށް ގޮތެއް ނިންމާފަ އެވެ.
ނަވާރަ ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައި އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ އެ ފަރާތްތަކަކީ ސައްހަ ނޫން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކަށް ވުމުން ކަމަށް ފުލުހުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފަ އެވެ. އެކަމަށް ބައެއް ބިދޭސީންގެ ވަކީލުން އިއުތިރާޒު ނުކުރި ނަމަވެސް އަނެއްބައި ބިދޭސީންގެ ވަކީލުން ވަނީ އިއުތިރާޒު ކޮށްފަ އެވެ.
އެގޮތުން، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ވަނުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތު މި އަހަރުގެ ސެޕްޓެމްބަރު 20 އާ ހަމައަށް އޮތް އިރު އެ ފަރާތްތަކަކީ ސައްހަ ވިސާއެއް ނެތި އުޅޭ ބައެއް ކަމަށް ނުބުނެވޭނެ ކަމަށް ބައެއް ވަކީލުން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، 19 ބިދޭސީން ބަންދުގައި ތިބީ، އިމިގްރޭޝަންގެ ގާނޫނާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން، އިމިގްރޭޝަނަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ދަށުން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.
"މައްސަލަ ހުށަހަޅާ ފަރާތުން ވިދާޅުވެފައިވާގޮތަށް އެފަރާތްތަކުން ތިބީ ނިޒާމުން ގެއްލުވާލާފައިކަމަށް ޝަރީއަތަށް ގަަބޫލު ނުކުރެވެއެވެ،" ކްރިމިނަކް ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލެވެންދެން ބަންދުގައި ބެހެއްޓުމުގެ ބާރު އިމިގްރޭޝަަށަށް ލިބިގެންވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ނިންމުގައި ވަނީ ބުނެފަ އެވެ.