ސައުދީގެ ކުރީގެ ޖާސޫސަކު މަރަން ވަލީއަހުދުގެ ޓީމެއް ކެނެޑާއަށް ދިޔަ ކަމަށް ތުހުމަތުކޮށްފި

ސައުދީގެ ކުރީގެ ޖާސޫސެއް ކަމަށްވާ ސާދު އަލް ޖަބްރީ ވިދާޅުވި ގޮތުގައި އޭނާ މަރަން އެމްބީއެސްއިން ޓީމެއް ފޮނުވޭ --

ވޮޝިންޓަން (އޮގަސްޓް 7): ސައުދީ އަރަބިއާގެ ކުރީގެ ޖާސޫސަކު އަަވަހާރަކޮށްލަން އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކެނެޑާއަށް ޓީމެއް ފޮނުއްވި ކަމަށް އެމެރިކާގެ ކޯޓަކަށް މީހަކު ހުށަހެޅި މައްސަލައެއްގައި ބުނެފި އެވެ.

ވޮޝިންޓަން ޑީސީގެ ޔޫއެސް ޑިސްޓްރިކްޓު ކޯޓަށް ހުށަހެޅި އެ މައްސަލާގައިވާ ގޮތުން ކެނެޑާގެ ދާއިމީ ރަށްވެއްސެއްގެ ގޮތުގައި އެގައުމުގައި ދިރިއުޅުއްވާ ސާދު އަލް ޖަބްރީ އަވަހާރަކޮށްލަން ވަލީއަހުދު ޓީމެއް ފޮނުއްވީ، ޖަބްރީ އާއި އެމެރިކާގެ ޖާސޫސީ އިދާރާއާ ގުޅުން އޮތުމުންނައި އޭނާއަށް ވަލީއަހުދުގެ ސިއްރުތަކެއް އެނގޭތީ އެވެ. އެގޮތުން ވަލީއަހުދާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކާއި 'ޓައިގާ ސްކޮއަޑް' ކިޔާ ކުލީ ސިފައިންގެ ޓީމެއް ބިން ސަލްމާން ގެންގުޅުއްވުމާ ބެހޭ މައުލޫމާތު އޭނާއަށް އެނގިލައްވާ ކަމަށް ކޯޓު ފައިލްގައިވެ އެވެ.

އެ ލިޔެކިޔުންތަކުގައިވާ ގޮތުން 2018 ވަނަ އަހަރު ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލުމުގައި ޓައިގާ ސްކޮއަޑްގެ މެމްބަރުން ބައިވެރިވި އެވެ. އަދި އެ ޓީމުގެ މެމްބަރުން ޖަބްރީ އަވަހާރަކޮށްލުމަށް ކެނެޑާއަށް ދިޔައީ ހާޝުގްޖީ މަރާލިތާ ދެ ހަފްތާ ވަރަކަށް ދުވަސް ފަހުންނެވެ. އެ ދަތުރުގައި އެ މީހުން ގެންދިޔަ ތަކެތީގެ ތެރޭގައި މީހަކު މެރުމަށް ފަހު އެތަނެއް ސާފު ކުރަން ބޭނުން ކުރާނެ ސާމާނު ފަދަ ފޮރެންސިކް އާލާތްތަކެއް ހިމެނޭ ކަމަށް ކޯޓަށް ހުށަހެޅި 106 ގަނޑުގެ ޝަކުވާގައިވެ އެވެ.

އެ ޝަކުވާގައިވަ ގޮތުން ޖަބްރީ އަވަހާރަކޮށްލަން ދިޔަ މީހުން ކެެނެޑާއަށް ދިޔައީ ޓޫރިސްޓު ވިސާގަ އެވެ. ނަމަވެސް އެގައުމުގެ ބޯޑަރު އޮފިޝަލުން ވަނީ އެމީހުންނާ މެދު ޝައްކު އުފެދޭތީ އެމީހުންނާ ސުވާލު ކުރުމަށް ފަހު އަނބުރާ ފޮނުވާލާފަ އެވެ.

ސައުދީ ވަލީއަހުދުގެ މައްޗަށް ކޮށްފައިވާ އެ ތުހުމަތުތަކާ ބެހޭ ގޮތުން އެގައުމުގެ ސަރުކާރުން އަދި އެއްޗެކޭ ނުބުނެ އެވެ.

ސްކޮޓްލޭންޑުގެ އެޑިންބަރާ ޔުނިވާސިޓީން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ޑޮކްޓަރޭޓެއް ހާސިލު ކުރައްވާފައިވާ ޖަބްރީ ވަނީ ސައުދީގެ އިންޓީރިއާ މިނިސްޓްރީގެ މޭޖާ ޖެނެރަލެއްގެ މަގާމާއި ކެބިނެޓު މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ހުޅަނގުގެ ޖާސޫސީ އިދާރާތަކާއި ސައުދީ އަރަބިއާގެ ގުޅުން ބަދަހި ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ.

މީގެ އިތުރުން ޖަބްރީ ވަނީ، މުހައްމަދު ބިން ސަލްމާން ވަލީއަހުދަކަށްވެ ވަޑައިގަތުމުގެ ކުރިން އެ މަގާމުގައި ހުންނެވި ޕްރިންސް މުހައްމަދު ބިން ނާއިފްގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި 2017 ވަނަ އަހަރު އޭނާ ސައުދީ ދޫކުރައްވާ ވަޑައިގެންނެވީ ބިން ސަލްމާން ކުއްލި ގޮތަކަށް ވަލީއަހުދު ކަމަށް އިސްވެވަޑައިގަތުމުގެ އެއް މަސް ކުރިންނެވެ. އޭގެ ފަހުން ޖަބްރީ ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ކެނެޑާގަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން މިދިޔަ މާޗް މަހު ސައުދީގައި ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ބުނެ އެގައުމުން ހައްޔަރު ކުރި ޝާހީ އާއިލާގެ މެމްބަރުންގެ ތެރޭގައި ޕްރިންސް ނާއިފް ވެސް ހިމެނިވަޑައިގަތެވެ.
--- އަލްޖަޒީރާ/ ބީބީސީ

comment ކޮމެންޓް