ތިނަދޫ އަބްދުލް ސަމަދު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް---ފޮޓޯ: ފޭސްބުކް

ގދ. ތިނަދޫ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށައިފި އެވެ.

ގދ. އަތޮޅުގެ ކޮވިޑް-19 ފޯކަލް ޕޮއިންޓްގެ ގޮތުގައި ހަރަކާތްތެރިވާ ޝަހުޒާ ހުސެއިން "ސަން" އަށް ވިދާޅުވި ގޮތުގައި އަބްދުލް ސަމަދު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށާފައި ވަނީ އިއްޔެއިން ފެށިގެންނެވެ.

"ޕީސީއާރު ޓެސްޓު ކުރަނީ. ދުވާލަކަށް 48 ޓެސްޓު ހެދޭނެ، ގަޑިއިރެއް ތެރޭގައި ދެ ޓެސްޓު." ޝަހުޒާ ވިދާޅުވި އެވެ. އަބްދުލް ސަމަދު ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނީ ސަރުކާރުގެ ފަރާތުންނެވެ.

ޝަހުޒާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގައި ހެދުމަށް ހަމަޖެހިފައި ވަނީ ގއ. އަދި ގދ. އަތޮޅުން ނެގޭ ހުރިހާ ސާމްޕަލްއެކެވެ.

"އިއްޔެ ގދ. އަތޮޅުން ނެގި 22 ސާމްޕަލްއެއް ވަނީ ކޮވިޑަށް ޓެސްޓުކޮށްފައި. ހުރިހާ ސާމްޕަލްއެއްވެސް ނެގެޓިވް." ޝަހުޒާ ވިދާޅުވި އެވެ.

އަބްދުލް ސަމަދު ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރުމަށް ހަމަޖެހިފައިވާއިރު ކޮވިޑަށް ހާއްސަކޮށްގެން ހުވަދޫ އަތޮޅުގައި ގާއިމުކުރެވުނު ފެސިލިޓީ ހުންނަނީ ގއ. ވިލިނގިލީގަ އެވެ.

ގދ. އަތޮޅުން އަދި މިހާތަނަށް ކޮވިޑް-19ގެ އެއްވެސް ކޭސްއެއް ފެނިފައިނުވާ އިރު ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް-19ގެ 4.594 ކޭސް ފެނިފަ އެވެ.

comment ކޮމެންޓް