އަހުމަދު ސިޔާމް ހޯލްޑިންގްސް އިން ލޯނަށް ދައްކަން ޖެހޭ ފައިސާ ދައްކައިިފި

ރިސޯޓު ތަރައްގީކުރަމުންދާ ނ. ދިގުރަށުގެ މަންޒަރެއް ---

އަހުމަދު ސިޔާމް ހޯލްޑިންގްސް އަށް ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނެގި ލޯނަށް ދައްކަން ޖެހޭ ފައިސަގެ ތެރެއިން ނުދައްކައި ހުރި ފައިސާ ދައްކައި ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނ. ދިގުރަށުގައި ސިޔާމް ވޯލްޑް އިރުފެން ރިސޯޓު ތަރައްގީ ކުރުމަށް އަހުމަދު ސިޔާމް ހޯލްޑިންގްސް އިން ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ 127.5 މިލިއަން ޑޮލަރަށް ކުރީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށާއި މި ލޯނުގެ ދަށުން ޗައިނާގެ އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދައްކަން ޖެހޭ ފައިސާ ދައްކައި ނިންމާފައިވާކަން އެކުންފުނީގެ ފަރާތުން ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް 21 ޖުލައިގެ ކުރިން އެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަން ޖެހޭ ލޯނުގެ ޕްރިންސިލަޕް އިންޓްރެސްޓް އަދި އެހެނިހެން ފީ ދައްކާފައި ނުވާތީ، އެ ބޭންކުން މިނިސްޓްރީ އަށް އެކަން އަންގާފައިވާ ކަމަށާއި ސޮވެރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން އެ ފައިސާ ދެއްކުމަށް ބޭންކުން ދައުލަތަށް އަންގާފައިވާ ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސްގެ ބަޔާނުގައި ބުނީ އެ އެންގުމާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމު އަހުމަދު ސިޔާމް ހޯލްޑިންގްސްގެ ފަރާތުން ހަމަޖައްސައި އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން އެސްކްރޯ އެޖެންޓު މެދުވެރިކޮށް މިއަދު އެ ފައިސާ އެގްޒިމް ބޭންކަށް ދައްކާފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އެރި ލޮޅުމުގެ އަސަރު ރާއްޖެ އަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ. އަދި މި އަހަރު 7.5 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ލަފާކުރި އިގްތިސާދީ ދުވެލި މައިނަސް 11 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެކޮނަމިކް މިނިސްޓަރު ފަޔާޒު އިސްމާއީލް ރޭ ވިދާޅުވި އެވެ. އަދި ރާއްޖޭގެ މުޅި އިގްތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، ބޯޑަރު ބަންދުކޮށް ކުރުމުން ރާއްޖެ އަށް ޓޫރިސްޓުން އެއްގޮތަކަށް ވެސް ނައިއިސް ދެތިން މަސް މެދުކެނޑުނެވެ.

މިދިޔަ މަހު ބޯޑު ހުޅުވާލުމުން، މަސް ނިމުނު އިރު ރާއްޖެ އައިސްފައި ވަނީ 1700 ވަރަކަށް ޓޫރިސްޓުންނެވެ.

comment ކޮމެންޓް