ސިއްހީ ހާލަތު ގޯސްވެގެން އދ. އޮމަދޫއިން މާލެ ފޮނުވާލި އަންހެން މީހާގެ ފުރަތަމަ ސާމްޕަލް ކޮވިޑް-19އަށް ޕޮޒިޓިވްވެވި ނަމަވެސް، އޭނާގެ ދެވަނަ ސާމްޕަލް ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
އެ އަންހެން މީހާ އަކީ ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހެކެވެ. އޭނާ މާލެއަށް ފޮނުވާލީވެސް ނޭވާލާން އުނދަގޫވެ ހާލު ދެރަވެގެންނެވެ.
އޭނާ މާލެއަށް ފޮނުވާލީ އދ. މަހިބަދުއަށް ގެންދިޔުމަށް ފަހު އެވެ. އޭނާ މަހިބަދޫއަށް ގެންދިޔައީ އައިޖީއެމްއެޗް އަށް ރިފާކޮށް، ސީއެމްބިއުލާންސްގައި މާލެ ފޮނުވާލުމަށެވެ. އެހެންކަމުން އޭނަ އެ ހޮސްޕިޓަލުގައި އޮތީ ކުޑަ ވަގުތުކޮޅަކަށެވެ.
އެނގިފައިވާ ގޮތުގައި 50 އަހަރުގެ އެ އަންހެން މީހާއަކީ ފާއިތުވި ދުވަސްތަކުގައި އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އެޗްޕީއޭއިން އޭނާގެ ދެވަނަ ސާމްޕަލް އެއް ނަގައި ޓެސްޓުކުރީ ވެސް އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބެލުމަށްފަހު އެވެ.
އޮމަދޫ ކައުންސިލުން ބުނީ، ދެވަނަ ސާމްޕަލް ނެގެޓިވްވުމުން، އެ އަންހެން މީހާއަކީ ކޮވިޑް19ގެ ބަލިމީހެއް ނޫން ކަމަށް އެޗްޕީއޭ އިން މިހާރު އަންގާފައިވާ ކަމަށެވެ.
އެއާއެކު އެރަށުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ ލުއިދީފަ އެވެ.