ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ހުކުރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ރެއާލް މެޑްރިޑްގެ ސްކޮޑުން ފޯވާޑް ގެރެތު ބޭލް ބާކީކޮށްފައިވަނިކޮށް، ސަސްޕެންޝަނުގައި ހުރި ސާޖިއޯ ރާމޯސް ޓީމާއެކު ދަތުރު ކުރާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.
ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް އަނިޔާއާއި، ފޯމު ގެއްލުމުގެ ސަބަބުން ގިނަ މެޗުތަކެއް ބެންޗުގައި ހޭދަކުރަން ޖެހުނު ވޭލްސްގެ ފޯވާޑް ބޭލް ރެއާލް މެޑްރިޑުން ގެންދަން ގިނަ ކުލަބުތަކަކުން މަސައްކަތް ކުރި ނަމަވެސް އެ ހާލުގައި ވެސް އެ ކުލަބުގައި މަޑުކުރަން ބޭނުންވާކަން އޭނާ ވަނީ ހާމަކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ވެސް އެކުލަބު ދޫކޮށް ދިއުމަށް ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް އޭނާ ގާތު އެދިފައިވާ އިރު ބޭލް ވަނީ ޓީމު ދޫކޮށްލަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޭލްއާއި ޒިދާންގެ ގުޅުން އެހިސާބުން ގޯސްވެގެން ދިޔައިރު ބޭލްއަށް މިދިޔަ ސީޒަނުގައިވެސް ފުރުސަތު ދިނީ މަދު ފަހަރެއްގައެވެ. ލީގުގެ ފަހު މެޗުތަކުގައި ބެންޗުގައި ބޭލް ނިދާފައި އޮތް މަންޒަރުވެސް ފެނިގެން ދިޔައިރު ޗެމްޕިއަން ޓްރޮފީއާއެކު އެހެން ކުޅުންތެރިން އުފާފާޅު ކުރި އިރު ބޭލް ހުރީ ވަކިން ދުރުގަ އެވެ.
އެހެން ކަމުން ޗެމްޕިއަންސް ލީގުގެ ޓްރޮފީ މީގެ ކުރިން ހަތަރު ފަހަރަކު ހޯދި ބޭލްއަށް އަންނަ ހުކުރު ދުވަހު ކުޅޭ މެޗުން ފުރުސަތު ނުލިބުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ސްކޮޑުން ޖާގަ ނުލިބުނު އަނެއް ކުޅުންތެރިޔަކީ ހަމޭސް ރޮޑްރިގޭޒް އެވެ. ފަހަކަށް އައިސް ޒިދާންގެ ޕްލޭންގައި ހަމޭސް ހިމެނިފައެއް ނުވެ އެވެ. ފެބްރުއަރީ މަހު ފުރަތަމަ ލެގްގައި މެޑްރިޑްގެ ސެންތިއާގޯ ބާނެބެއުގައި ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގައި ޒިދާން ބޭލްއަށް ފުރުސަތު ދިނެވެ. އެ މެޗުން ރެއާލް ބަލިވީ 2-1 ންނެވެ.
ރެއާލްގެ ސްކޮޑުން ބޭލްއާއި ހަމޭސް ބާކީކުރި އިރު، އަންނަ މެޗަށް އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ސަސްޕެންޑް ވެފައެވެ. ބޭލް އާއި ހަމޭސް ރެއާލާއެކު އެ މެޗަށް އިނގިރޭސިވިލާތަށް ދަތުރު ނުކުރާނެކަން ހާމަކޮށްފައިވީ ނަމަވެސް، ސްކޮޑާއެކު ރާމޯސް ދަތުރުކުރާނެ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. ރެއާލުން ބުނީ ސްކޮޑާއެކު ރާމޯސް ދަތުރުކުރާނީ ކުޅުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު މެޗުތައް ހުކުރު ދުވަހު އަލުން ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް ވަނީ އަމިއްލަ ދަނޑުގައި ސިޓީ އަތުން 2-1 ން ބަލިވެފައެވެ.