ރެވެނިއު ސްޓޭމްޕުގެ އަގު ބޮޑުކުރުމުން މުދަލުގެ އަގުބޮޑުވާނެތަ؟

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދުން ކޮންޓޭނަރުން މުދާ ކްލިއާ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާއެކު ރެވެނިއު ފީ ބޮޑުވުމަކީ މުދަލުގެ އަގުބޮޑުވާން ނުވަތަ ބޮޑުކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމެއް ނޫން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ބުނެފި އެވެ.

މީގެ ކުރިން ރެވެނިއު ސްޓޭމްޕު ޖަހަމުން އައީ އެކްސްޕޯޓު އަދި އިމްޕޯޓު ލައިސެންސަށް، ލައިންސެންސް ދޫކުރެވޭ އަދަދުގެ ކޮންމެ 100 ރުފިޔާއަކަށް 10 ލާރީގެ މަގުންނެވެ. ލައިސަންސަކާ ނުލައި ސްޓޭމްޕް ފީއެއް ދައްކައިގެން ކޮންމެ ފަރުދަކަށް ވެސް މުދާ އިމްޕޯޓު، އެކްސްޕޯޓު އަދި ރީއެކްސްޕޯޓު ކުރެވޭ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރު އެވެ. އަދި އަލަށް ގެނައި އިސްލާހުގެ ދަށުން ސްޓޭމްޕް ފީގެ ގޮތުގައި ނަގަން ކަނޑައަޅާފައި ވަނީ ރާއްޖެއިން އިމްޕޯޓު، އެކްސްޕޯޓު ނުވަތަ ރީއެކްސްޕޯޓު ކުރާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާއަކުން އެއް ރުފިޔާގެ މަގުންނެވެ.

ރެވެނިއު ފީއަށް ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ބާޒާރުގައި މުދަލުގެ އަގު އަރައިގެންދާނެ ކަމެއް ކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ޓްރޭޑް ޔޫނިއަންއިން ދެކޭ ގޮތުގައި ރެވެނިއު ސްޓޭމްޕުގެ އަގު ބޮޑުކުރިޔަސް، މުދަލުގެ އަގު ބޮޑުކުރާކަށް ނުޖެހެ އެވެ.

އެ ޖަމިއްޔާގެ ނައިބު ރައީސް ސައުދުﷲ އަހްމަދު "ސަން"އަށް ވިދާޅުވީ މިއީ ވިޔަފާރިވެރިންގެ އިތުރުން ދައުލަތަށް ވެސް ދަތި ދުވަސްވަރެއް ކަމަށެވެ. އެހެން ނަމަވެސް މި ދުވަސްވަރު ވެސް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ކަންތައްތައް ކުރަމުންދާ ކަމަށާއި އެހެން ކަމުން ރެވެނިއު ސްޓޭޕުގެ އަގަށް ބަދަލު ގެނައުމަކީ މުދަލުގެ އަގުތަކަށް ބަދަލު ގެންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

""ރެވެނިއު ސްޓޭމްޕެއްގެ ވާހަކަ މި ދެކެވެނީ. އަސްލު ޖުމުލަކޮށް ބަލާއިރު މި ދަނޑިވަޅުގައި ވެސް އެއްޗެހީގެ އަގު ބޮޑުވިޔަ ނުދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި އެބަހުރި. އޭގެ ތެރޭގައި ވަރަށް ގިނަ ބާވަތުގެ އައިޓަމުން ނަގާ ޑިއުޓީ ސުން ޕަސެންޓަށް ދަށްކޮށްފި. އަނެއް ބާވަތްތަކުގެ އަގު ވަރަށް ބޮޑުތަނުން ކުޑަކޮށްފައި ވެސް އެބަހުރި،" ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުދަލުގެ އަގު މީގެ ކުރިން ބޮޑުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ފްރައިޓް ފޯވަޑިންގެ ތެރެއިން އެކި ނަންނަމުގައި ފީތަކެއް ނަގަމުން އަންނާތީ ކަމަށެވެ. އެ ޝަކުވާ 2009 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން ކުރަމުން އައި ނަމަވެސް، އެ މައްސަލައިގެ ހައްލު ވެސް މި ސަރުކާރުން ހޯދައިދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށް ސަރުކާރުން ހައްލު ހޯދައިދީފައި، ދައުލަތަށް ރެވެނިއުއެއް ލިބޭ ކަމެއް ކުރީމައި އެއީ މުދަލުގެ އަގު ބޮޑުވާނެ ކަމެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން،" ސައުދުﷲ ވިދާޅުވި އެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ރެވެނިއު ސްޓޭމްޕުގެ އަގު ބޮޑުކުރުމުން ޑިއުޓީ މާފުކުރި ބައި ފޫނުބެއްދޭނެ އެވެ. ރެވެނިއު ފީއަށް ގެނައި ބަދަލާމެދު ހިތްހަމަ ނުޖެހިގެން ސޯޝަލް މީޑިއާގައި ވެސް ބައެއް ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"10 މިލިއަން ރުފިޔާގެ އިމްޕޯޓު ލައިސެންސްއެއް ނަގަން ކުރިން ރެވެނިއު ފީއަށް ދައްކަން ޖެހެނީ 10،000ރ. އެކަމަކު މިހާރު ދައްކަން ޖެހެނީ 100،000ރ. މިއީ ރަނގަޅަށް ހަމައިގައި ތިބެގެން ބޮޑުކުރި ކުރުމެއްތޯ؟" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް ޓެގުކުރައްވައި، ވިޔަފާރިވެރިޔަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް ސައުދުﷲ ވިދާޅުވީ ޑިއުޓީއަށް ގެނައި ބަދަލާއި ރެވެނިއު ސްޓޭމްޕުގެ އަގަށް ގެނައި ބަދަލު ކުރިން އޮތް ގޮތާ އަޅާކިޔައި، ހިސާބުކޮށްލުމުން ވިޔަފާރިވެރިންގެ އަތުން ދާ ހަރަދު މިހާރު ބޮޑުނުވާނެކަން އެނގޭނެ ކަމަށެވެ.

"ކުރީގައި މިސާލަކަށް 25 ޕަސެންޓު ޑިއުޓީ ނަގާ އެއްޗެއް ސުން ޕަސެންޓަށް ކުޑަކޮށްފައި، ރެވެނިއު ސްޓޭމްޕުގެ އަގު އެއް ޕަސެންޓަށް ބޮޑުކުރީމަ ކޯއްޗެއްތޯ މީގެ ތެރެއިން ބޮޑުވާނީ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު ދުނިޔޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ބައެއް އެހެން ސަބަބުތަކާ ހުރެ މުދަލުގެ އަގު ކުރިއާ އަޅާބަލާއިރު ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ގަބޫލުކުރަން ޑޮލަރު ރޭޓަށް މިއައި ބަދަލާއި ދުނިޔޭގެ މާކެޓުގައި ތަކެތި އަގުބޮޑުވެ، މި ހުރިހާ ކަމެއް އައީމަ މުދަލުގެ އަގު އުފުލިގެންދާނެ، އެއީ އަޅުގަނޑުމެން ދެބަސްވާން ޖެހޭ ކަމެއް ނޫން. އެހެން ނަމަވެސް މި ދަންނަވަނީ ރެވެނިއު ސްޓޭމްޕާ ގުޅިގެން މުދަލުގެ އަގުބޮޑުވާކަށް ނުޖެހެޔޭ." އޭނާ ވިދާޅުވި އެވެ.

ރެވެނިއު ސްޓޭމްޕުގެ އަގުބޮޑުވުމުން މުދަލުގެ އަގު އުފުލޭނެކަމަށް ބައެއް ވިޔަފާރިވެރިން ބުނަމުންދާއިރު، މީގެ ކުރިން ސްޓޭމްޕުގެ އަގު ދަށްކޮށް ހުރިއިރު ވެސް އާދައިގެ މަތިން ކޮންމެ އަހަރަކު ވެސް މުދަލުގެ އަގުތައް ބައެއް ދުވަސްވަރު ބޮޑުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ކޮންމެ އަހަރަކު ވެސް ރޯދަ މަހަކީ ބާޒާރުގައި ތަކެތީގެ އަގުބޮޑުކުރާ ދުވަސްވަރެކެވެ. އެހެން ނަމަވެސް އޭރު ސްޓޭމްޕުގެ އަގުތައް ހުރީ މިހާރަށްވުރެ ދަށްކޮށް ކަމަށްވާއިރު، މުދަލުގެ އަގުތައް ބޮޑުކުރީ މުޅިން އެހެން ސަބަބުތަކާ އެކުގަ އެވެ.

comment ކޮމެންޓް