އޮމަދޫއިން މާލެ ގެނައި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

އދ. އޮމަދޫ: އެ ރަށު މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި --

ސިއްހީ ހާލަތު ގޯސްވެގެން އޮމަދޫއިން މާލެ ފޮނުވާލި އަންހެނަކު މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

އޮމަދޫ ކައުންސިލުގެ މެމްބަރު އަދުނާން އަބްދުﷲ "ސަން"އަށް ވިދާޅުވީ، ރޭ މަހިބަދޫގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލުގެ ސީ އެމްބިއުލާންސްގައި މާލެއަށް ފޮނުވާލި އޮމަދޫ އަންހެނަކު މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާ ކަމަށެވެ.

އޮމަދޫއިން ޕޮޒިޓިވްވި އަންހެން މީހާ މާލެއަށް ފޮނުވާލީ އދ. މަހިބަދުއަށް ގެންދިޔުމަށް ފަހުއެވެ. އެކަން އދ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން"އަށް ކަށަވަރުކޮށްދެއްވިއެވެ.

އޮފިޝަލު ވިދާޅުވީ، އެ އަންހެން މީހާ މަހިބަދޫއަށް ގެނައީ އައިޖީއެޗްއެމްއަށް ރިފާކޮށް، ސީއެމްބިއުލާންސްގައި މާލެ ފޮނުވުމަށް ކަމަށެވެ. އޭނާ މަހިބަދޫ ހޮސްޕިޓަލުގައި އޮތީ ކުޑަ ވަގުތުކޮޅަކަށް ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އުސޫލުގެ ތެރެއިން ހޮސްޕިޓަލުގެ ތަންތަން ޑިސްއިންފެކްޓުކޮށްފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި ބަލި މީހާއަށް އެހީވި ނަރުހުން ފަދަ ސިއްހީ ހިދުމަތްތެރިން ތިބީ ރައްކާތެރިކަމަށް ބޭނުންވާ ތަކެތި ލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި، ޕޮޒިޓިވްވި އަންހެން މީހާ އަކީ ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހެކެވެ. އޭނާ މާލެއަށް ފޮނުވާލީވެސް ނޭވާލާން އުނދަގޫވެ ހާލު ދެރަވެގެން ކަމަށް ވިދާޅުވިއެވެ.

މިއީ އޮމަދޫއިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ކައުންސިލުގެ މެމްބަރު އަދުނާން ވިދާޅުވީ، އަދި އަމަލު ކުރަންވީ ވަކި ގޮތެއް އެޗްޕީއޭއިން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް، މިހާރުގައި ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް