19 ބިދޭސީން ޑީޕޯޓު ކޮށްލުން ހުއްޓުވުމުގެ އަމުރަކަށް އެދިއްޖެ

ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން ކޮންޓްރޯލު ކުރުމަށް އެ ރަށަށް ފުލުހުން އަރައި: ހައްޔަރު ކުރި 19 ބިދޭސީން ޑީޕޯޓް ކޮށްލަން އުޅޭ ކަމަށް ވަނީ ތުހުމަތުކޮށްފައި -- ފައިލް ފޮޓޯ: ފުލުހުން

މިދިޔަ މަހުގެ ދެ ވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައި އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާއިރު އެ ފަރާތްތައް ރާއްޖެއިން ޑީޕޯޓް ކުރުން ހުއްޓުވުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އެރަށުގައި ހަމަނުޖެހުން ހިންގައި، ދިވެހީންތަކެއް ރަހީނުކުރި އެވެ. އަދި ފުލުހުންނާ ވެސް ކުރިމަތިލާފައިވެ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން، ޖުލައި ތިން ވަނަ ދުވަހު ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ.

ނަމަވެސް އިއްޔެ އެ ބިދޭސީން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އަދި އެމީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، ވަކީލުން ތުހުމަތު ކުރަނީ އެ ފަރާތްތައް ރާއްޖެ އިން ޑީޕޯޓް ކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން 19 ބިދޭސީންގެ ވަކީލުންގެ ޓީމުންގެ ފަރާތުން މިރޭ ހޭބިއަސް ކޯޕަސްގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

އެ ސިޓީގައި ބުނެފައިވަނީ، ބަންދުކުރެވިފައިވާ ފަރާތްތަށް ޑީޕޯޓުކޮށްލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އަދި ވަކީލުންނާއި އެ ފަރާތްތަކާ ބައްދަލުވެފައިނުވާ ކަމަށެވެ.

"ހޭބިއަސް ކޯޕަސް އަމުރާ ގުޅޭ ތިޔަ ކޯޓުގައި އަޑުއެހުން ބޭއްވުމުގެ ކުރިން ފުލުހުންގެ ހިންގާ ތަޙްޤީޤެއް ނިންމުމަށްފަހު، ބަންދުކުރެވިފައިވާ ފަރާތްތައް ދިވެހިރާއްޖެއިން ޑިޕޯޓްކޮށްލުމަށް ނިންމައިފިނަމަ ނުވަތަ ޑިޕޯޓްކޮށްލައިފިނަމަ އެކަމަކީ ހުށަހެޅިފައިވާ މައްސަލައިގެ މަޤްޞަދު ގެއްލިގެން ހިނގައިދާނެ ކަމަކަށްވާތީ އާއި މިފަދަ ޙާލަތުގައި މިކަން ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅިގެން ހިނގައިދާނެތީ، ހޭބިއަސް ކޯޕަސް އަމުރާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ ކްރިމިނަލް ކޯޓުން އެހެން ގޮތެއް އަންގަންދެން ބަންދުކުރެވިފައިވާ 19 ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓް ނުކުރެވޭނެ ކަމަށް ކަނޑައަޅައި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރެއް ނެރެދެއްވުމަށާއި،" ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ޑީޕޯޓް ކޮށްލުން ހުއްޓުވުމުގެ އަމުރެއްގެ އިތުރުން، ގާނޫނީ ވަކީލުންނަށް ބައްދަލުކުރެވޭނެ ގޮތް ހެދުމަށް އިމިގްރޭޝަންނާއި ކަރެކްޝަންސްގެ މައްޗަށް އަމުރެއް ނެރެދެއްވުމަށާއި، ހޭބިއަސް ކޯޕަސް އަމުރަށް އަސަރުފޯރާނެފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދެއްވުމަށް ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް