ގަނޑުވަރު ތެރެއިން 24

ގަނޑުވަރު ތެރެއިން ލޯބި ވާހަކަ ކަވަރު

އޭރު ފަތިސްވުމުގެ ކުލަވަރު އުޑުމަތިން ފާއްދާލައިފިއެވެ. އަލިކަން އަނދިރިކަމުގެ މައްޗަށް ވެރިވެގެންފިއެވެ. ހަލަބުގެ ކިއްލާތެރޭގައި ވަނީ ލޭގެ ކޯރުހެދިފައެވެ. ޒަޚަމްވެ މަރުވެފައިވާ މީހުންގެ ހަށިތައް އެގޮތް މިގޮތަށް ބިންމައްޗަށް އެޅިފައިވާ މަންޒަރުންވެސް ބަލިކަށި ހިތްތައް ރޫރޫ އަޅައިގަންނާނެއެވެ. އޭރު ދާމިސްގެ ހަށިގަނޑުގައި ޒަޚަމްވެފައިވާ ތަން ހަތްދިހައަށް ވުރެ މައްޗަށް ހިނގައްޖެއެވެ. ހަށިގަނޑުން ފައިބަމުންދާ ލޭގެ ސަބަބުން ކޮޅަށް ހުންނާނެ ވަރެއްނެތި ދޮރާށްޓަށް ލައްވެލައިފިއެވެ. ކަނޑިއުފުލައިލާނެ ވަރެއްވެސް ނެތެވެ. އެހެން މުޖާހިދުން އޭނަގެ ކުރިމައްޗަށް އެރިއެވެ. ހަމަލާދޭނެ ވަރެއް ނެތުމުން ކުރެވުނު ކަމަކީ ދިފާއުކުރުމެވެ. މުޖާހިދުން ޚާލިދުގެ ލަޝްކަރަށް އިންތިޒާރުކުރިޔަސް ޚަބަރެއް ނުވުމުން ޚަބަރުދޭން ފޮނުވި މީހުންނަށް ކަމެއް ދިމާވެގެން ނުދެވުނީ ބާވައޭވެސް ހިތަށް އެރިއެވެ. މިފަހަރު ރޫމީން ހިތްވަރާއެކު މުސްލިމުންނަށް ހަމަލާދިނުމުން އެންމެ ފަހު ވަގުތުކަމުގައި ހީކުރެވުނެވެ.

އެންމެ ފަހު ވަގުތުކަމުގައި ވިޔަސް މާތްﷲއާއި ދީނަށްޓަކާ ކުރާ ހަގުރާމައިގާ އަމާންދީ ހިތްވަރު ގެއްލުވާލުމަކީ ހިތްވަރުގަދަ މުޖާހިދުން ގަބޫލުކުރާނެ ގޮތެއް ނޫނެވެ. ﷲއަކްބަރުގެ މަތިވެރި ކަލިމައާއެކު އެހިތްވަރުގަދަ ސިންގާތަކެއް ފަދަ މުޖާހިދުން ދުޝްމިނުންގެ މައްޗަށް ފުންމައިގަތީ ކަށިން ހިތްވަރު ނެރެފައެވެ. މުޖާހިދުން ނިމިގެންދާނީވެސް ބިރުކުޑަކަމާއި ސާބިތުކަން މަތީގައި ކަން ދުޝްމަނުންނަށް އަންގާދީފައެވެ. އެވަގުތު ކިއްލާގެ ބޭރުން ﷲއަކްބަރުގެ އަޑު ގުގުމައިގެން ދިޔުމުން އާ ފުރާނައެއް ލިބުނުހެން ހީވެ ދުޝްމަނުންގެ ތެރެއަށް އެ މަދު ފަހުލަވާނުންކޮޅު ވަދެގަތެވެ. އޭރު ކިއްލާގެ ދޮރާށިި ހުޅުވާލަފައި ޚާލިދުގެ ލަޝްކަރު ވަދެގެންފިއެވެ. އެންމެ ކުރީގައި ދިދަ ހިއްޕަވައިގެން ހުންނެވީ ޚާލިދުއެވެ. ބާރު ވައިރޯޅިއެއްހެން ކިއްލާތެރެއަށް ފެތުރިގަތް ލަޝްކަރު ފެނުމުން ރޫމީންނަށް ސިހުން ލިބި ކޮޅުކޮޅަށް ދުއްވައިގަނެވުނެވެ. އެންމެން ބިރުން ފިތްކެނޑިގެން ގޮސް ލޯ ބޮޑުކޮށްލައިގެން ތިބެ ބަލަމުން ދިޔައީ ފިލައިގެންދާނެ މަގެއް ހޯދުމަށެވެ. މުޖާހިދުން ކިއްލާއަށް ވަދެގަތް ގޮތަށް މަޑުވުމަކާއި ނުލައި ރޫމީންތަކަށް ހަމަލާދިނީ ބަޑުހައިވެފައިވާ ސިންގާތަކެއް ފަދައިންނެވެ.

ކިއްލާތެރޭ ހޯބޯލަވާ އަޑުފަށްގަނޑު ގަދަވެގަތުމުން ޔޫގަންނާ އެތަނަށް ނުކުމެ ވަޑައިގެންނެވިއެވެ.

ރޫމީން މަސައްކަތްކުރަމުން ދިޔައީ ފިލުމަށެވެ. ހަގުރާމަ ކުރާނެ ހިތްވަރެއްނެތެވެ. ފިޑިކަމުގެ އިންތިހާއެވެ.

ޔޫގަންނާއަށް ފެނިވަޑައިގެންނެވި ނާ އުއްމީދީ މަންޒަރުން އިތުރަށް ހަގުރާމަކުރުމަކީ ބޭކާރު ކަމެއްކަން ޔަގީން ވެ ވަޑައިގެންނެވުމުން ޚާލިދުގެ ކުރިފުޅުމައްޗަށް އަރާ ވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެންނަށް އަމާން ދެއްވާ......"

"މި ލަޝްކަރުގެ ވެރިއަކީ އަމީރު އަބޫ އުބައިދާ. އިރުކޮޅަކުން އެކަލޭގެފާނު ވަޑައިގަންނަވާނެ. ތިކަމާމެދު ގޮތެއް ނިންމެވޭނީ ވެރިޔާ ވަޑައިގެންނެވުމުން. އަޅުގަނޑަށް އެކަލޭގެފާނުގެ އަމުރުފުޅާއި ނުލާ އެފަދަ ނިންމުމެއް ނިންމޭކަށް ނެތް...." ޚާލިދު ފިކުރުފުޅުކުރައްވާފައި ވިދާޅުވިއެވެ.

"އެކަމަކު އޭރަށް ހުރިހާ ސިފައިން ފަނާވެގެން ހިގައިދާނެ ނޫންތޯ؟ "

"އެކަމަކު އަމާން ދިނުމަށް ވެރިޔާ އަމުރުފުޅު ނުދެއްވާ ހިދަކު އަޅުގަނޑަށް ތިކަމެއް ކުރާކަށް ނުކެރޭނެ...."

"ހަގުރާމައިގާ އަމާންދޭން އެދުމުން ކަލޭގެފާނު ތިދެކޮޅުހެއްދެވީ. އެއީ މާރްތަސްކަލާނެގ ރުހިވޮޑިގަންނަވާ ކަމަކަށް ވާނެތޯ؟ " ޔޫގަންނާގެ އެ ޖުމްލައިން ޚާލިދު އަށް އަސަރުކުރިއެވެ.

"އެހެންވިއްޔާ ހުރިހާ ސިފައިންނަށް ހަތިޔާރު ބަހައްޓަން އަމުރުކުރައްވާ. އޭރުން އަޅުގަނޑުމެން އެމީހުން ހައްޔަރުކޮށް އަމީރު ވަޑައިގަތުމުން އޭނަގެ އަރިހަށް ގެންދެވިދާނެ. އަދި އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަަށް އަމަލުކުރައްވާނެ........" ޚާލިދު ހަގުރާމައިގެ މައިދާނަށް ބަލައިލިއިރު ރޫމީންތައް ކަންބޮޑުވެގެން ހަތިޔާރު އުކާލާފައި ސަލާމަތްވާން މަސައްކަތްކުރާތަން ފެނިވަޑައި ގެންނެވިއެވެ.

ޔޫގަންނާ ބާރުއަޑުފުޅުން ރޫމީ ސިފައިންނަށް އެންގެވީ ހަތިޔާރުތައް ބެހެއްޓުމަށެވެ. ރޫމީންތައް ވަގުތުން ހަތިޔާރުތައް ބިންމަތީގައި ބަހައްޓަމުން ދެއަތް އުފުލައިގެން އަމާން ދޭން ފެށިއެވެ. ޚާލިދުވެސް މުޖާހިދުންނަށް އަމުރުކުރެއްވީ ރޫމީންނަށް ހަމަލާދިނުން ހުއްޓާލުމަށެވެ. އެއަށްފަހު ހުރިހާ ރޫމީންތައް ސަފަކަށް ބައިތިއްބާފައި ހައްޔަރުކުރާން ފެށިއެވެ. ރޫމީން ގިނަކަމުން ހައްޔަރުކުރަން އެތައް އިރެއް ނެގިއެވެ. އެންމެން ބިޑި އަޅާ ނިމުމުން މުޖާހިދުން އިންތިޒާރު ކުރަމުން ދިޔައީ ވެރިޔާ ވަޑައިގަންނަވާނެ އިރަކަށެވެ. އޭރު އިރުއަރާ ކިއްލާގެ ތެރެއަށް އިރުގެ އަލިގަދަ ދޯދިތައް ފަތުރާލައިފިއެވެ.

ޚާލިދުއަށް ދާމިސްއާއި ހަމަޔަށް ވަޑައިގެންނެވުނުއިރު ދާމިސްހުރީ ފާރުގައި ލައްވިގޮތަށެވެ. ހަށިގަނޑާއި މޫނުގައިވާ ޒަޚަމްތަކުން އޮހެމުންދިޔަ ލޭތައް ގަނޑުވެ ކޮޅަށް ހުންނާނެ ހަކަތައެއް ވެސް ނެތެވެ. ޚާލިދު ދާމިސްއާއި ވާހަކަދައްކަވަން މަސައްކަތްކުރެއްވުމުން އެއްޗެކޭ ބުނަން އުޅުނެވެ. އެކަމަކު ވާހަކަދައްކާނެ ވަރެއްވެސް ނެތި އެންމެ ފަހުން އަނބުރައިގަތީއެވެ. ޚާލިދުއަށް އޭނަގެ ގައިގާ ހިފަހައްޓަވާލެވުނީ ހަމަ ކިރިޔާއެވެ. އޭނަ ޚަބަރު ހުސްވެފައި އޮތް ދާމިސް އަށިމަތީ ބާއްވައިފިއެވެ. އޭރު ކިއްލާގެ ބޭރުން އަނެއްކާވެސް ﷲއަބްކަރުގެ އަޑު ފަޒާގެ ތެރެއަށް އަރައިގެން ދިޔައެވެ. އެއަޑު ކައިރިވަމުން އައިސް އަބޫއުބައިދާގެ ލަޝްކަރު ކިއްލާގެ ތެރެއަށް ވަނުމުން ރޫމީންތައް ބިރުން އެމަންޒަރު ބަލަން ތިބީ އެމީހުންނަށް އަންނާނެ ހުކުމެއް ނޭގިފައެވެ.

އަބޫއުބައިދާއަށް ޚާލިދުއާއި ދާމިސް ފެނިވަޑައިގެން ދާމިސްގެ ހާލު އޮޅުން ފިލުއްވިއެވެ.

"ދާމިސްގެ ހާލު ރަގަޅެއްނޫން. އަޅުގަނޑަށް ހީވަނީ ދާމިސް އަޅުގަނޑުމެންނާއި ވަކިވަނީހެން....." ޚާލިދުގެ ދެލޯފުޅުން ކަރުނަ އޮހެމުން ދިޔައެވެ. ހަލަބުގެ ފާތިހުގެ ހާލުދެކެން ތިބި އެހެން މުޖާހިދުންގެ ލޮލުން ކަރުނަ ފައިބަނީއެވެ. އަބޫއުބައިދާ އެކަލޭގެފާނުގެ ހެދުމުގެ ފަސްބައިން ދާމިސްގެ މޫނު ފޮހެލެއްވިއެވެ. އެއަށްފަހު ދެއަތްޕުޅު މައްޗަށް ނަންގަވަމުން ދުޢާފުޅުކުރެއްވިއެވެ.

"ޔާﷲ ހަލަބްގެ ފާތިހަށް ޝިފާ ދެއްވާ އުމުރު ދިގުކުރައްވާށި....."

އެންމެން މޫނު ފިރުމައިލިއެވެ.

***

ދާމިސްއާއެކު ހިތްވަރުކުރި ހަތަރު މުޖާހިދުން ހަގުރާމައިގެ ތެރޭގައި ޝަހީދުވިއެވެ. އޭގެ ތެރޭގައި އައުސް ބުން އާމިރު، އަބޫ ހާމިދު ބިން ސުރާގާ، އަލްފާރިއު ބިން މުސައްޔިބު އަދި ފަޒާރާ ބިން މުރާދު ހިމެނިވަޑައިގެންނެވިއެވެ. އެބޭކަލުން ފެނިވަޑައިގެންނެވުމުން އަބޫއުބައިދާ ހެޔޮ ދުޢާފުޅުކުރެއްވިއެވެ. މާތްﷲގެ މަގުގައި ހަގުރާމަކޮށް ޝަހީދުވެގެންދާ ޒުވާނުންނަކީ މަރުވެގެން ދިޔަ ބަޔެއްނޫނެވެ. އަދި ދާމިސްއާއެކު ހިތްވަރުކުރި ހުރިހާ ޒުވާނުންވަނީ ވަރަށް ބޮޑަށް ޒަޚަމްވެ ހާލު ދެރަވެފައެވެ. އަބޫއުބައިދާ އެންމެ އިސްކަން ދެއްވީ އެ ހިތްވަރުގަދަ މުޖާހިދުންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ކުރުމަށެވެ. ޔޫގަންނާގެ އަރިހުގާ އެކަންތައް ހަމަޖައްސަވަން އެދި ވަޑައިގެންނެވިއެވެ. އެތަނުން ހުސްކޮށްފައިވާ ކޭމްޕެއް ދެއްކުމުން ދާމިސްއައި އެހެން މުޖާހިދުން އަށިތަކަށް ލައިގެން ގެންގޮސް ލިއެވެ. އެންމެ ފުރަތަމަވެސް ދާމިސްގެ ހަށިގަނޑުގައިވާ ޒަޚަމްތަކުގައި ބޭސް އެޅުމަށްފަހު އެހެން ޒުވާނުންގެ ގައިގާ ބޭސް އަޅާ އަރާމުކުރަން ބޭތިއްބިއެވެ. އެކަމުން ނިމިވަޑައިގެން އަބޫއުބައިދާ އާއި އެހެން ކޮމާންޑަރުން ހިންގައިވައިގަތީ ހަގުރާމައިގެ އޮފީހަށެވެ.

އަބޫއުބައިދާގެ ފަހަތްޕުޅުން އެންމެން ހިގާފައި ދިޔައިރު ކިއްލާތެރެއަށް ވެރިވެފައިވީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ.

ހަގުރާމައިގެ އޮފީހަކީ ރޭގައި ރާ ބޮއި މަސްތުވެ އަންހެންކުދިންނާއިއެކީ ރޫމީންގެ ސިފައިން މަޖާކޮށް އުފާކުރި މަކާނެވެ. މިއަދު އެތަނުގައި ހިނގަނީ މުސްލިމުންގެ ވެރިކަމެވެ. ފަތަހައާއި ނަސްރަކީ މުޖާހިދުންގެ ހައްގެކެވެ. އަބޫއުބައިދާ އެތާގައި އަޅާފައިވާ ބޯ ދޫލަމަތީ އިށީދެ ވަޑައިގެންނެވުމުން މުސްލިމް ކޮމާންޑަރުން އެކަލޭގެފާނުގެ އަރިހުގައި ހުއްޓިވަޑައިގެން ތިއްބެވިއެވެ. އެކަލޭގެފާނުގެ އަމުރުފުޅަށް ރޫމީންގެ ސަރުދާރުން އެތަނަށް ގެނެވެން ފެށިއެވެ. ޔޫގަންނާ އާއި ކާރކަސް އަދި އިސް އޮފިސަރުންނާއި ސިފައިންވެސް މެއެވެ. އެންމެން އިސްޖެހިފައި ކުރައްވާނެ ހުކުމަކަށް ބަލަބަލާ ތިބިއިރު މުސްލިމް ކޮމާންޑަރުންގެ މޫނުމަތިން ފެންނަނީ ޖެހިލުންކުޑަކަމާއި ރުޅިވެރިކަމެވެ. އަބޫއުބައިދާވެސް އިސް ޖައްސަވައިގެން ފިކުރުފުޅެއްގައި އިންނެވިއެވެ. އެތަނަށް ވެރިވެފައިވާ ހިމޭންކަމާއެކު ނޭވާލާ އަޑެއްވެސް ނީވެއެވެ. އެންމެން އިންތިޒާރުކުރަމުން ދިޔައީ އަބޫއުބައިދާގެ ހުކުމަށެވެ.

އަބޫއުބައިދާގެ ކުރިފުޅުމަތީގައި އެވަނީ މުޅި ޝާމްކަރަ ބިރުން ސިއްސުވައިލި އަދި އެންމެ ހިތްވަރުގަދަ ހަގުރާމަވެރިޔާ ކަމުގައިި މަޝްހޫރުވެފައިވާ ރަސްގެފާނުއެވެ. ޔޫގަންނާއެވެ. ރޫމީންގެ ޝެހެންޝާހުވެސް އެވެރިޔަކު ދެކެ ޖެހިލުންވާ ރަސްކަލެކެވެ. އޭނަ ހިތް ހަމަޖައްސަވާ ރުހުން ހޯދަން ހިރަކުލެސްވެސް ހަދިޔާތައް ފޮނުއްވ އެތައް މަސައްކަތެއްކުރާ ވަރުގަދަ ފަރާތެކެވެ. އެހެން ރޫމީންގެ ފިޑިކަމުގެ މައްޗަށް މަލާމާތްކޮށް އޭނަ ބަލިނުވާނެކަމުގެ ގަދަބަސްތައް ބުނަމުން ދިޔަ ވެރިއެކެވެ. ނަމަވެސް މިއަދު އޭނަވަނީ މުސްލިމުންގެ ކުރިމަތީގައި ބަލިކަށިވެ ނިކަމެތި ގައިދީއެއްގެ ގޮތުގައެވެ. މުސްލިމް ލަޝްކަރުގެ ވެރިޔާ އަބޫއުބައިދާގެ ހުކުމްފުޅަކަށް ބަލަބަލާ އެކަލޭގެފާނުގެ ކުރިމަތީގައި އިސްޖެހިފައެވެ. ގަދަފަދަ އެތަން ފަތަހަކުރުމަކީ މުސްތަހީލްކަމަށް ކަމުގައި ދެކުނު ހަލަބުގެ ކިއްލާ މިވަނީ މުޖާހިދުންގެ ބާރުގެ ދަށަށް ގެނެވިފައެވެ.

މާތްﷲ އިރާދަކުރެއްވި ބަޔަކަށް ނަސްރު ދެއްވައެވެ. ބޮޑާ މީހުން ނިކަމެތި ކުރައްވައެވެ. ވިސްނާ ފިކުރު ކުރާ މީހުންނަށް އިބުރަތެކެވެ.

"މާތްﷲއަށް ހަމްދާއު ޝުކުރު ހުރި. މި ވަރުގަދަ ކިއްލާ އަޅުގަނޑުމެންނަށް ފަހަތަ ކުރެވުމުގެ ތައުފީގު ދެއްވައިފި. ޔޫގަންނާ ބަލިވެ އަމާން ދެއްވުމުން އަޅުގަނޑުމެން ހުރިހާ ސިފައިން ހައްޔަރުކޮށްގެން ކަލޭގެފާނުގެ ކުރިފުޅުމައްޗަށް ހާޟިކުރީ އެމީހުންނަށް ކުރައްވާނެ ހުކުމެއް އެނގިވަޑައިގަންނަވާނީ ވެރިޔާއަށް ކަމަށްވާތީ. ކަލޭގެފާނު ކުރައްވާ ހުކުމެއްގެ އިންތިޒާރުގައި އަޅުގަނޑުމެން މިތިބީ......" ޚާލިދު އަބޫއުބައިދާއަށް ނަޒަރު ހުއްޓަވާލެއްވިއެވެ.

"ޔޫގަންނާ ކޮބާތޯ؟ " އަބޫއުބައިދާ އެއްސެވިއެވެ.

"މިހުންނެވީ....."ޚާލިދު ޔޫގަންނާ ގެނެސް އަބޫއުބައިދާގެ ކުރިފުޅުމަތީ ބެހެއްޓެވިއެވެ. އަބޫއުބައިދާގެ އިޝާރާތަށް ރަސްގެފާނުވެސް އަބޫއުބައިދާގެ ކުރިފުޅުމަތީގައި އިށީދެވަޑައިގެންނެވިއެވެ. ޔޫގަންނާ އިންނެވީ އިސްޖެއްސެވިގޮތަށް ޚިޔާލެއްގެ ތެރެއަށް ގެއްލި ވަޑައިގެންފައެވެ.

***

ކިއްލާތެރޭގައި އެންމެ ގަދަޔަށް ހަގުރާމަ ހިނގަމުން ދިޔަ ވަގުތު ޒައިތޫންއާއި ލޫސީ ނަސްރު ލިބުމަށް އެދި ދުޢާކުރަމުން ދިޔައެވެ. ދެމައިންވެސް ތިބީ ބިރުގެންފައެވެ. ޒަޚަމީއިންގެ އަޑު ގަނޑުވަރުގެ ތެރެއަށްވެސް އިވެމުންދަނީ ބިރުވެރިކަމުން ފުރިފައިވާ ގޮތަކަށެވެ. އިރުގެ އަލިގަދަ ދޯދިތައް ކޮޓަރީގެ ފަރުދާތައް ފުރާނާލާފައި އަލިކުރަން ފެށުމުން ޒައިތޫން ޚާދިމާއެއް ލައްވާ ފެން ގެނުވިއެވެ. ޚާދިމާ ޒައިތޫންގެ އިސްތަށިފުޅުގައި ފުނާ އަޅުވާ ހެދުންވެސް ލައްވާދިނެވެ. އޭރު ލޫސީ ކަންނޭލުގައި ބައްދާލައިގެން ގަދަ ނިދީގައި އޮތެވެ.

"ދަރިފުޅާ. ތެދުވެ އެއްޗެއް ކާލާ ހަދާލާ. މިއަދު ކަންތައް ވާނެގޮތެއް ދެނެވޮޑިގެންވަނީ މާތް ރަސްކަލާނގެ. ރަސްގެފާނަށް ނަސްރު ދެއްވައިފިއްޔާ ދިރިއުޅުމުގެ ދުވަސްތައް އުފާވެރިވާނެ. ނަމަވެސް..........." ޒައިތޫންގެ ލޯ ފުޅަށް ކަރުނަފޮދު އަތުވެއްޖެއެވެ. މުސްލިމުންގެ އަތްދަށުން ބަލިވެ އެންމެން ގަތުލުކުރީބާވައެވެ. ރަސްގެފާނާއި ދަރިކަލުންގެ ހާލަކީ ކޮބާހެއްޔެވެ. ރޫމީން ބަލިކޮށް ފިރިހެނުން ގަތުލުކޮށް އަންހެނުންނާއި ކުދިންތައް އަޅުންގެ ގޮތުގައި ގެންގޮސްފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އެކަމަށް ކެތްކުރާނީ ކިހިނެއްހެއްޔެވެ. ޒައިތޫންގެ ޚިޔާލުތަކުން އުދަގޫފުޅުވިއެވެ. ޚަބަރު ބަލައިލަން ފޮނުވި ޚާދިމާގެ ޚަބަރެއް ނުވުމުން ވަކިން ފިކުރުބޮޑުވެ ނުތަނަވަސްކަން ވަށާލައިފިއެވެ.

ލޫސީގެ ލޮލުން ނިދީގެ އަސަރު ނުފިލިޔަސް މަންމާފުޅާއެކު ކޮންމެވެސް ވަރަކަށް ނާސްތާކުރިއެވެ. ގޮދަންފުށުގެ މަޑު ޕާނާއި ޗީޒް އަދި މޭވާއެވެ. ގަހުވަ ތަށްޓެއް ބޯލުމުން ސިކުނޑިއަށް ތާޒާކަން ލިބުނެވެ. ކުޑަދޮރުން ބޭރަށް ބަލައިލިއިރު ދުންފިނީގެ ސަބަބުން ދުރު ފެންނަވަރެއް ނުވެއެވެ. އޭރު ކިއްލާގެ ތެރެއަށް އަޖައިބެއްފަދަ ހިމޭންކަމެއް ވެރިވެއްޖެެވެ. ހިތުގައި ބިރުވެރިކަން ހިނގައިލިވަރުން މޭގައި ފިރުމައިލެވުނެވެ. އޭނަގެ ބައްޕައާއި ބޭބެ ސަލާމަތްވިހެއްޔެވެ. އަރަބިންގެ އަތްދަށުވެ ގަތުލުވީބާވައެވެ. ނޫނީ އެމީހުންގެ އަތްދަށުގައި ހައްޔަރުވީހެއްޔެވެ. ކުއްލިއަކަށް ދޮރުމަތިން މީހެއްގެ ހިލަންވިއެވެ.

"ކާކުތަ؟ "ލޫސީ އަށް ކެތްނުކުރެވިގެން ގޮސް ދޮރުގެ ފަރުދާ ދުރުކޮށްލާފައި ބޭރަށް ބަލާލައިފިއެވެ.

ނުނިމޭ

comment ކޮމެންޓް