ހުރިހާ ރަށެއްގެ މީހުން ވެސް މާސްކު އެޅުމަށް އެޗްޕީއޭ އިން އެދިއްޖެ

ށ. ނަރުދޫ: ހުރިހާ ރަށެއްގައި ވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ކޮވިޑް-19ގެ ބަލި އޮތް ރަށްތަކުގެ މީހުން މާސްކު އެޅުން މަޖުބޫރުކޮށް، އެހެނިހެން ރަށްތަކުގައި ދިރިއުޅޭ މީހުން ވެސް ބޭރަށް ނިކުންނައިރު މާސްކު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް19ގެ ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލި ކޮންޓްރޯލް ކުުރުމަށް އަޅާނެ އިތުރު ފިޔަވަޅުތައް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ދަރުބާރުގޭގައި ގައިމުކޮށްފައިވާ އެޗްއޯސީސީގައި ފިޔަވަޅުތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތް އައިޝަތު ސާމިޔާ ވިދާޅުވީ، މިއަދުން ފެށިގެން ކޮވިޑް ބަލި ފެނިފައިވާ ރަށްތަކުގައި މާސްކު އެޅުމަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދެކޭ އެއް ގޮތައް ރާއްޖޭގެ ހުރިހާ ރަށެއްގައި މީހުން ބޭރަށް ނުކުމެ އުޅޭ އިރު، މާސްކު އެޅުމަށް ސާމިޔާ އެދިވަޑައިގެންނެވިއެވެ.

"މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް އަޅުގަނޑުމެން ރިކަމަންޑް ކުރަން. އަދި މާސްކު ލިބުން ދަތިވާނެތީ، ފޮތި މާސްކު ބޭނުން ކުރުމަށް ރިކަމެންޑް ކުރުން،"ސާމިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ވައިގެން މަގުން އަދި ކަނޑުމަގުން ދިގު ދަތުރު ކުރާއިރުވެސް މާސްކު އެޅުމަށް މަޖުބޫރުކުރަން ނިންމާފައިވާކަމަށްވެސް ސާމިޔާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވީ، ފުރަބަންދަށް ދިން ލުއިތަކާއެކު، މާލެ ފުރަބަންދުގައި އޮތް އިރު، ކަރަންޓީންވެގެން ވަރަށް ގިނަ މީހުން ރަށްރަށަށް ގޮސްފައިވާ ކަމަށެވެ. އަދި ދަތުރުފަތުރަށްވެސް ދިން ލުއުތަކާއެކު، ނޭނގި ނަމަވެސް ބަލި އެއްރަށުން އަނެއް ރަށަށް ގޮސްދާނެ ކަމުގެ ފުރުސަތު އޮވެދާނެ ކަަމަށް ސާމިޔާ ވިދާޅުވިއެވެ.

"އެހެންވެ މިކަމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅުގަނޑުމެން މި އެދެނީ ހުރިހާ ރަށެއްގައިވެސް މާސްކު އެޅުމަށް،" ހުރިހާ ރަށެއްގައި މާސްކު އެޅުމަށް އެދޭ ސަބަބު ހާމަކޮށް ސާމިޔާ ވިދާޅުވިއެވެ.

މީގެ ކުރިން މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ، ހަމައެކަނި މާލެ ސަރަހައްދުގައި އެކަންޏެވެ.

ބަލި އޮތް ރަށްތަކުގައި މާސްކު އެޅުން މަޖުބޫރު ކުރި އިރު، މާލެއިން ބޭރު 10 ރަށްގައި މިހާރުވެސް ބަލި އެބައޮތެވެ. އޭގެ އިތުރުން ހަތް ރަށަކަށް އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ.

މިހާރު ބަލި އޮތް ރަށްތައް:

ހއ. ކެލާ
ރ. އިނގުރައިދޫ
ބ. އޭދަފުށީ
ޅ. ކުރެއްދޫ
ކ. މާފުށި
ވ. ފުލިދޫ
ބ. ހިތަދޫ
ޅ. ހިންވަރު
ރ. އުނގޫފާރު
ހއ. އިހަވަންދޫ
އެޗްއީއޯސީން މިއަދު އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މާލެއިން ރަށްރަށަށް ދިޔުމުގައި ހުއްދަ ދިނުންވެސް މިހާރު ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ދެން މާލެއިން ރަށްރަށަށް ދެވޭނީ ހަމައެކަނި ޒަރޫރީ ބޭނުމަށް އެކަނިއެވެ.

comment ކޮމެންޓް