އއ. މާޅޮހުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގާއިމު ކޮށްދިން ޒަމާނީ ފެންވަރުގެ ބޯޅަ ގޭގެ މަސައްކަތް ނިންމާލައިފި އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާޅޮހުގައި ގާއިމު ކުރަމުން ދިޔަ ބޯޅަ ގޭގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި، އެ މަސައްކަތް ކުރުމުގައި އެ ރަށުގެ ކައުންސިލަރުންނާއި، ދާއިރާގެ މެމްބަރު ހަސަން ޒަރީރު ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
މި ޕްރޮޖެކްޓަށް ސަރުކާރުން 1.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލާ ހަވާލުކޮށްގެން ކޮންޓްރެކްޓަށް ދޫކޮށްގެން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފީފާގެ އެހީގައި ރާއްޖޭގެ 18 ރަށެއްގައި ވިނަ ދަނޑުތަކެއް (ނެޗުރަލް ގްރާސް ގްރައުންޑް) އެޅުމަށް ނިންމި އިރު މާޅޮސް ވަނީ ލިސްޓުގައި ހިމެނިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވީ، ރަށްތައް ހޮވުމުގައި ބަލާފައިވާނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ އަށެއްގައި ހިމެނުނު ރަށްތަކާއި، ދެން ހިމެނޭނީ ފުޓުބޯޅައިގެ މުސްތަގުބަލާއި، ހުނަރަށް އަދި މިނިވަން ޗެމްޕިއަންޝިޕްގެ ކާމިޔާބީއަށް ބެލުމަށްފަހު ނަގާފައިވާ ރަށްތައް ކަމަށެވެ.
އެ ލިސްޓުގައި މާޅޮސް ލައްވާލައިފައިވާ އިރު އެރަށް ވަނީ 2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއްގައި ހިމެނި 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް ބުރުގައި ވެސް ކުޅެފަ އެވެ.
އެ ރަށުގައި އަލަށް ގާއިމު ކުރި ބޯޅަ ގެޔާ އެކު 2023 ވަނަ އަހަރު މުޅި ރާއްޖެއަށް ގައުމީ ލީގު ފުޅާ ކުރުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.